އިންޑިއާގެ ކެރެލާގެ ސްކޫލްތަކުގެ ފޮތްތަކުން އަންހެނުންނާއި ދެކޮޅު ބަސްތައް އުނި ކުރުމަށް އެގައުމުން ނިންމައިފިއެވެ.

އަންހެން ފިރިހެނުންގެ ހަމަހަމަކަން ބޭއްވުމަށް އެގޮތަށް ނިންމާފައިވަނީ ކެރެލާގެ ޗީފް މިނިސްޓަރު ޕިނަރައީ ވިޖަޔަންއެވެ.

ހަމަހަމަކަން ގެނައުމަށް ކެރެލާގެ ސްކޫލްތަކުގެ ފޮތްތަކުން އަންހެނުންނާއި ދެކޮޅު ނުވަތަ އަންހެނުންނަށް އުނިކަމެއް ގެނެވޭ ކަހަލަ ބަސްތައް އުނި ކުރުމަށް ވަނީ ނިންމާފައި." އޭނާ ކުރި ޓުވިޓެއްގައި ވެއެވެ.

މިނިސްޓަރު މިފަދަ ނިންމުމެއް ނިންމާފައިވާއިރު، ދާދި ފަހުން އެގައުމުން މަރުވި އަންހެއްގެ މައްސަލައިގައި ވެސް އޭނާ ވަނީ އަންހެނުން ދިފާއު ކޮށްފައެވެ. މީޑީއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ އަންހެން މީހާ އަމިއްލައަށް މަރުވެފައިވަނީ ފިރިމީހާގެ ފަރާތުން އަނިޔާލިބި އެކަން ތަހައްމަލު ކުރަން ޖެހުމުންނެވެ.

އެކަމާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ، ހަމަހަމަ މުޖުތަމައެއް އުފެއްދޭނީ އަންހެނުންނާއި ފިރިހެނުން ހަމަހަމަ ވެގެން ކަމަށާއި އެކަން ކުރުމަށް އަންހެނުންނަށް ވެސް އިހުތިރާމު ކުރަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، މައިންބަފައިން ވެސް ދަރިންނާއި ދިމާލަށް ބާރަށް އެއްޗެހި ނުކިޔާ ރީތި ބަހުން ކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އިންޑިއާގައި އަންހެނުންނަށް ފުރައްސާރަކޮށް، ދަށު ދަރަޖައަށް އަންހެނުން ވައްޓާލާފައިވާތީ ގިނަ ބަޔަކު ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެން ނަމަވެސް އެކަން ކުރާ ފަރާތްތަކަށް ހައްގު އަދަބު ނުލިބި އެކަން ވަނީ ބޮއްސުން ލައިގެން ގޮސްފައި ކަން ފާހަގަ ކޮށްލެވެއެވެ.