ސައިންސާއި ޓެކްނޮލޮޖީގެ ރޮގުން ދުނިޔެ މިދަނީ ބާރަށް ވިދާ ބަބުޅަމުންނެވެ. ދުވަހަކަށް ވުރެ ދުވަހެއް އިންސާނުންގެ ދިރިއުޅުން ސައިންސާއި ޓެކްނޮލޮޖީގެ ސަބަބުން ފަސޭހަވެގެންދާއިރު އެކި އެކި ބަލިތަކަށް މިދަނީ ފަރުވާ ހޯދަމުންނެވެ. އަދި ފަރުވާއެއް ނެތްކަމަށް ބުނާ ކެންސަރާއި އެއިޑްސް ފަދަ ނުރައްކާތެރި ބަލިތަކަށް މިއަދު މިވަނީ ފަރުވާ ހޯދިފައެވެ.

ބޭސްވެރިކަމަށް ދުނިޔެއިން އެންމެ މަޝްހޫރު އެއް ގައުމަކީ ޖަޕާނެވެ. އެގޮތުން ޖަޕާނުގެ ބޭސް އުފައްދާ ކުންފުންޏަކުން ދާދި ފަހުން މިވަނީ އަރިދަފުސް ރޯގާ އެއްދުވަހުން ރަނގަޅު ކުރެވޭ ބޭހެއް ވަރަށް އަވަހަށް ބާޒާރަށް ނެރޭނެ ކަމަށް ބުނެފައެވެ.

ޖަޕާނުގެ ސިއޮނޮގީ އެންޑް ކޯއިން އުފެއްދުމަށް ނިންމާފައިވާ މި ބޭހުގެ ސަބަބުން އެއްދުވަސް ތެރޭގައި ފުލޫ ވައިރަސް މަރާލައެވެ. އަދި މިބޭހުގެ އަސަރު މިހާރު އާންމުކޮށް ފްލޫ ވައިރަސް އަށް ދޭ ބޭހަށް ވުރެއް ތިން ގުނަ ބޮޑު ވާނެ ކަމަށްވެސް މި ބޭސް އުފައްދާ ކުންފުނިން ވަނީ ބުނެފައެވެ.

އަދި މި ބޭހުގެ ސަބަބުން ވައިރަސް މަރާލާގޮތް ވެސް ތަފާތުވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ބޭސް މިހާރު ތަހުލީލު މަރުހަލާގައި އޮތް އިރު ބައެއް މީހުންނަށް ވަނީ މި ބޭސް ދީފައެވެ. އޭގެ ތެރޭގައި ޖަޕާނާއި އެމެރިކާގެ މީހުން ހިމެނެއެވެ. މި ބޭސް އަންނަ މާޗު މަހު ވިއްކަން ފަށާއިރު ރަސްމީ ސިފައެއްގައި މި ބޭސް ވިއްކަން ފަށާނީ އަންނަ އަހަރުގެ ތެރޭގައި ކަމަށް ބޭސް އުފައްދާ ކުންފުނި ސޮއޮނޮގީއިން ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު