ޒުވާނުންގެ މެދުގައި މަގްބޫލު ސީރީސްއެއްކަމަށްވާ "ދަ ފްލޭޝް"ގައި ބެރީ އެލެންގެ ކުޑައިރުގެ ރޯލުން ފެނިގެން ދިޔަ ލޯގަން ވިލިއަމްސް ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

އޭނާ މަރުވިއިރު، އުމުރަކީ 16 އަހަރެވެ. ވިލިއަމްސް މަރުވިކަން އޭނާގެ އޭނާގެ މަންމަ ވަނީ ޓްރި-ސިޓީ ނިއުސްއަށް ކަށަވަރުކޮށްދީފައެވެ.

ކެނެޑާގެ ސިޓީއެއްކަމަށްވާ ކޮކިއުޓްލަމްއަށް ނިސްބަތްވާ ވިލިއަމް މަރުވެފައި ވަނީ ކިހިނެއް ވެގެންކަން އަދި މީޑީއާތަަކށް ވަނީ ކަށަވަރުނުވެފައެވެ. އަދި އެ މައުލޫމާތު އަދި ހިއްސާކޮށްފައެއް ނުވެއެވެ.

ވިލިއަމްގެ މަންމަ މަރްލީސް އެ ނޫހަށް މައުލޫމާތުދެމުން ބުނީ، އޭނާގެ މަރުން މުޅި އާއިލާ ބޮޑު ހިތާމައަކަށްގޮސްފައިވާ ކަމަށެވެ. އަދި ކޮވިޑް-19 އާ ހެދި އާއިލާ ތެރޭގައި އިތުރަށް ކަންތައް ގޮސްވެފައިވާކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

"އަހަރެންނަށް އަހަރެންގެ މައިންބަފައިންގެ ގައިގައި ބައްދާލަަންވެސް މި ވަނީ ނުވެފައި. އެމީހުންގެވެސް މާމަ/ކާފަ ދަރިފުޅު އެ ގެއްލުނީ". އޭނާ އެ ނޫހަށް ބުނެފައި ވެއެވެ.

ވިލިއަމްސް އަކީ މޮޅު ތަރިއެއްގެ ގޮތުގައި ގިނަބަޔަކު ފާހަގަކުރަމުންދިޔަ ތަރިއެކެވެ. އޭނާ މަރުވުމުން އެ ހިތާމަ އެތައް ބަޔަކު ދިޔައީ ކުރަމުންނެވެ

ފްލެޝްގެ އިތުރުން އޭނާ ވަނީ އިތުރު ސީރިސްތަކުންވެސް ފެނިގެން ގޮސްފައެވެ. އޭގެ ތެރޭގައި ވެން ކޯލްސް ދަ ހާޓް އިންނާއި، ސުޕަ ނެޗުރަލްގެ އިތުރުން ދަ ވިސްޕާސްއިންވެސް އޭނާ ފެނިގެން ގޮސްފައި ވެއެވެ.

އޭނާގެ މަންމަ އާ ހަވާލާދީ ޓްރި-ސިޓީ ނޫހުން ބުނާގޮތުގައި، ވިލިއަމްސްއަށް ވަނީ 2015 ވަނަ އަހަރު އޫބީސީޕީ/އޭސީޓީއާރްއޭގެ ބެސްޓް އެކްޓަރ އެވޯޑްސް ލިބިފައެވެ. އަދި ބެސްޓް ނިއުކަމާ އެވޯޑަށް އޭނާ ވަނީ ނޮމިނޭޓްވެސް ވެފައެވެ.