އިންޑިއާގެ ސޮނީ ޓީވީން ދައްކާ "ބޭހަދް" އަކީ ދިވެހިންގެ މެދުގައި ބޮޑު މަގްބޫލްކަމެއް ހޯދާފައިވާ ޝޯއެކެވެ.

އެ ސީރީޒުން ފެނިގެން ދަނީ، ހަރު އުމުރުފުރައިގެ މީހެއް ދެކެ ލޯބިވާ ޒުވާން އަންހެން ކުއްޖަކު، އޭނާގެ ލޯބީގައި ބޮޑު ލަނޑެއް ލިބުމުން އެތައް އަހަރެއް ފަހުން އެނބުރި އައިސް ބަދަލު ހިފުމަށް ކުރާ މަސައްކަތެވެ.

އެގޮތުން ސީރީޒްގެ ލީޑް ރޯލުން ފެނިގެންދާ މާޔާ އާއި އޭނާ އަށް ލޯބިވެވޭ އެމްޖޭ ނަމަކަށް ކިޔާ މުއްސަނދި މީހާ އާއި އޭނާގެ އަނބިމީހާ އަންތްރާ އަދި އެމްޖޭގެ ސިއްރު ލޯބިވެރިއެއް ކަމަށްވާ ދިޔާ އާއި އެމްޖޭގެ ރައްޓެހިންވެގެން، މާޔާ މަރާލަން މަސައްކަތް ކުރާ މަންޒަރު ސީރީޒުން ފެނިގެންދެއެވެ.

މާޔާގެ ބަނޑުގައިވާ އެމްޖޭގެ ދަރިފުޅު ވެސް އެ މީހުން މަރާލައެވެ. ނަމަވެސް މަރުގެ ތުންފަތްމަތިން ސަލާމަތްވެެގެން އައިސް މާޔާ އޭނާއަށް ލިބުނު އަނިޔާ އަށް ބަދަލު ހިފައެވެ.

މިބަދަލު ހިފަން އޭނާ ބޭނުންވަނީ އެމްޖޭގެ ދެ ކުދިން ކަމަށްވާ ރިޝީ އާއި ރޫދްރަގެ ކިބައިންނެވެ. ނަފްރަތުގެ ހުޅުގަނޑުގައި އަނދަމުންދާ މާޔާއަށް މާގިނަ ދުވަސްތަކެއް ނުވެ އެ ދެބެއިން ތެރެއިން ދޮށީ ދަރި ރޫދްރަ ދެކެ ލޯބިވެވެއެވެ.

މިހާތަނަށް އައި އިރު ފެނުނީ މާޔާ އެމްޖޭގެ ހަގު ދަރިފުޅު ރިޝީވެސް އޭނާގެ ލޯބީގެ މަޅީގައި ޖައްސާ އޭނާ މަރާލާ މަންޒަރެވެ. ރިޝީގެ މަރުވީ އަމިއްލައަށް ކަމަށް ދެއްކުމަށްފަހު، މާޔާ ވަނީ ރުދްރަ އާއި ލޯބިގެ ގޮތުން ގުޅި، އޭނާ އާއި ކައިވެނިކޮށްފައެވެ.

ރޫދްރަ އާއި ކައިވެނިކޮށްގެން އެމްޖޭގެ ގެއަށް މާޔާ ދިއުމާއި ހަމައަަށް މި ސީރިޒް ކުރިއަށް ގެންދިޔައީ ވަަރަށް ހިތްގައިމުކޮށް، ބަލާހިތްވާ ފަދަ ގިނަ ޓްވިސްޓްތަކަކާ އެކުގައެވެ.

އެމްޖޭ އަށް އޭނާގެ ދަރިފުޅު ރިޝީ މަރާލީ މާޔާކަން ޔަގީންވުމުން އޭނާ ވަނީ މާޔާ މަރާލަން މަސައްކަތްކޮށްފައެވެ. މާޔާ އާއި އޭނާ އާއި ދެމީހުން ދެމީހުންނަށް ދިން ބަޑީގެ ހަމަލާތަކަށް ފަހު މާޔާ ޒަހަމްވުމުން ސީރީޒުން ދެން ފެންނަނީ މުޅި ސީރިޒްއިން ނުފެންނަ އާ ފިރިހެނަކު މާޔާ ގޮވައިގެން އުޅޭތަނެވެ.

އަދި މާޔާ ދެކެ އޭނާ ލޯބިވާ ކަމާއި، ބަޑީގެ ހަމަލާ އަށް ފަހު މާޔާ އޭނާގެ ހަޔާތުގައި ކުރިންވި އެއްވެސް ކަމެއް ހަނދާން ނުހުންނަކަން ވެސް އެނގިގެންދެއެވެ.

އެހާ ހިސާބުން މުޅި ސީރީޒްގެ ފޯރުކުޑަވެ މި ޝޯ ދޫކޮށްލުމަށް ޝޯގެ ލީޑް ބަތަލާ ޖެނިފާ ވިންގެޓް ނިންމިކަމުގެ އަޑުތައް އޮތީ ގަދަ ވެފައެވެ.

އަދި ވަރަށް އަވަހަށް އެ ޝޯ ހުއްޓާލަފާނެ ކަމުގެ ވާހަކަތައް ވެސް އައީ ދެކެވެމުންނެވެ.

ނަމަވެސް ބޭހަދްގެ ޓީމުން މިހާރު ވަނީ އެ ޝޯ ހުއްޓާނުލާކަން ޔަގީންކޮށްދީފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ފެށި މި ޝޯގައި މާޔާގެ ރޯލަށް ކުރިން ލިބުނުހާ ތަރުޚީބު މިހާރު ލިބެމުން ނުދާކަން ފާހަގަކޮށްލެވެއެވެ. ޚާއްސަކޮށް މިހާރު ޝޯއަސް އައި ފިރިހެން މީހާ އަކީ މާޔާގެ ކުރީގެ ފިރިމީހާކަން ހާމަވެ ކުއްލި އަކަށް ޝޯގެ ފޯކަސް ގެއްލިފައިވާ ކަމަށް ގިނަ ބެލުންތެރިން ދަނީ ބުނަމުންނެވެ.

އަދި ޝޯގެ ޓްވިސްޓްތައް ބަދަލުކޮށް އަލުން އެ ޝޯ އެންމެ މަގްބޫލް ޝޯއަށް ހެދުމަށް އެ ޓީމުން ދަނީ މިހާރު މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު