މީގެ ދެތިން ހަފްތާ ކުރިން ޓެރެފިކް ޕޮލިސް، ލާންސް ކޯޕަރަލް މުހައްމަދު ރިފާއު، ހާލު ދެރަ ކުޑަ ކުއްޖަކު ކޮނޑަށް އަރުވައިގެން ހޮސްޕިޓަލަށް ގެންގޮސް ސަލާމަތް ކޮށްދިނުމުން އެކަމަށް އެތައް ބައެއްގެ ތައުރީފު ވަނީ ލިބިފައެވެ. ރިފާއު ސަލާމަތް ކުރި ކުއްޖާއަށް މިހާރު ވަނީ އޭނާއާއި ބައްދަލު ކުރުމުގެ ފުރުސަތު ލިބިފައެވެ.

އުމުުރުން ހަތަރު އަހަރުގެ ކައިސާން ރިފާއު އާއި ބައްދަލު ކުރީ ޝުކުރުގެ ކާޑެއް އޭނާއަށް އެރުވުމަށެވެ. އެ ކާާޑުގައި ކައިސާން ބުނެފައި ވަނީ ލާންސް ކޯޕްރަލް ރިފާއު އަކީ އޭނާގެ "ހީރޯ" ކަމަށެވެ. މީގެ އިތުރުން ކައިސާންގެ މަންމަ ވަނީ ރިފާއު އަށް ހާއްސަ ހަނދާނީ ފިލާއެއްވެސް އަރުވާފައެވެ.

ކައިސާންއާއި އެކު ނަގާފައިވާ ފޮޓޯއެއް ރިފާއު ވަނީ މީސް މީޑިއާގައި ހިއްސާ ކޮށްފައެވެ. އޭނާ އެ ފޮޓޯއާއެކު ބުނެފައި ވަނީ ކައިސާންގެ މަތިން އޭނާ ދުވަހަކު ވެސް ހަނދާން ނުނެތޭނެ ކަމަށެވެ.

ރިފާއު ކައިސާންއަށް އެހީތެރިކަން ފޯރުކޮށްދިނީ ޓްރެފިކްގެ ސަބަބުން ކުރިއަށް ނުދެވިފައި އޮތް ކާރުގައި ގޮތްހުސްވެފައި ހުރި އެކުއްޖާގެ މަންމަ، ރިފާއުގެ ކިބައިން އެހީތެރިކަމަށް އެދުމުންނެވެ. އޭނާ ވަނީ ވަގުތުން އެކުއްޖާ ކޮނޑުމައްޗަށް ލައިގެން ދުވެފައި އޭޑީކޭއަށް ގެންގޮސްދީފައެވެ.

ރިފާއުއަށް ހިތުގެ އެންމެ ފުންމިނުން ޝުކުރުއަދާ ކުރާ ޙާލުގައި ކުއްޖާގެ މަންމަ މީސް މީޑިއާގައި ބުނެފައިވަނީ، ދުވަހަކުވެސް އޭނާ ކޮށްދިން ކަންތައް ހަނދާނުން ނުނެތޭނެ ކަމަށާއި، އަދި އޭނާގެ ސިފަވެސް ހަނދާނުން ފޮހެވިގެން ނުދާނެ ކަމަށެވެ. އަދި ދެވަނަ ފަހަރަށް ފެނިއްޖެނަމަވެސް އޭނާ އެނގޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ރިފާއުއަށް އެތައް ބައެއްގެ ތައުރީފު ލިބިގެން ގޮސްފައިވާއިރު އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވަނީ އޭނާއާއި ބައްދަލު ކުރައްވާފައެވެ. އަދި ހުރިހާ ފުލުހުންވެސް އޭނާ ފަދަ މީހަކަށް ވާން ޖެހޭ ކަމަށް ވިދާޅުވިއިރު އޭނާއަށް ވަނީ ހަނދާނީ ލިޔުމެއް ވެސް ދީފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނަވްބެ

    ކައިސަން ކޮށްކޮއަކީވެސް މިހާރު ހީރޯއެއް. ލަވްޔޫ ކައިސަން ކޮށްކޮ.

  2. ފުލުސް ?

    ??❤

  3. ފުލުސް ?

    ❤????❤❤❤❤??❤

  4. ޭުއުފާވޭ

    ވަރަށް ހިތަށް އަސަރު ކޮށްފި...

  5. ވޭލްޝާރކް

    މިވެސް ދެން ހަބަރެއް؟