ފޭސްބުކްގެ މަގްބޫލު މެސެންޖާރ ކިޑްސް އެޕްލިކޭޝަނަށް އެ ކުންފުނިން ސްލީޕް މޯޑެއް އިތުރުކޮށްފިއެވެ.

އެގޮތުން ފޭސްބުކްއިން މި އިތުރުކުރި ފީޗާރއާއިއެކު މައިންބަފައިންނަށް ކުދިން މެސެންޖާރ ބޭނުންކުރާ ވަގުތުތައް ކަނޑައަޅައި ވަކި ވަގުތެއްވުމުން މެސެންޖާރ ބޭނުންކުރުން ހުއްޓުވޭނެއެވެ. ފޭސްބުކްއިން ބުނާގޮތުގައި އެ ފީޗާރއަކީ އުމުރުން 12 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން އުފެއްދުނު ފީޗާރއެކެވެ.

އެ ފީޗާރ އަކީ ކޮންމެ ރެޔަކުވެސް ބޭނުންކުރެވޭ ފީޗާރއެއްގެ ގޮތަށް ސެޓު ކުރެވޭއިރު އެއީ އެއްފަހަރު ބޭނުންކުރެވޭ ގޮތަށް ވެސް ފަރުމާކުރެވިފައިވާ ފީޗާރއެކެވެ. އެގޮތުން މިސާލަކަށް މައިންބަފައިންނަށް ކުއްޖާ މެސެންޖާރ ބޭނުންކުރުން ރޭގަނޑުގެ 9 ޖެހުމަށްފަހު ހުއްޓުވާލެވޭ ގޮތަށް ހެދިދާނެއެވެ. އެ ވަގުތަށްފަހު ކުދިންނަށް އެއްވެސްގޮތަކަށް މެސެންޖާރ ބޭނުން ނުކުރެވޭނެއެވެ. އަދި ހަފްތާބަންދު ދުވަސްތަކާއި ޗުއްޓީ ދުވަސްތަކުގައިވެސް ވަކި ވަގުތުތަކެއްގައި މެސެންޖާރ އެޕް ސްލީޕް މޯޑަށް ލުމުގެ ފުރުސަތު މައިންބަފައިންނަށް އެ ފީޗާރގެ ދަށުން ލިބިގެންދެއެވެ.

ފޭސްބުކްގެ ޕްރޮޑަކްޓް މެނޭޖާރ ޓަރުންޔާ ގޮވިންޑަރަޖާން ބުނިގޮތުގައި ފޭސްބުކްއަށްވަނީ ބެލެނިވެރިންގެ ފަރާތުން މެސެންޖާރ އެޕްލިކޭޝަން ބައެއް ވަގުތުތަކުގައި ބޭނުންނުކުރެވޭ ގޮތް ހެދުމުގެ ހިޔާލު ވަރަށް ގިނައިން ލިބިފައެވެ. އަދި އެ ހިޔާލުތަކާއިއެކު އެފަދަ ފީޗާރއެއް އުފެއްދުމަށް ނިންމިކަމަށްވެސް ޓަރުންޔާ ވަނީ ހާމަކޮށްފައެވެ.

ސްލީޕް މޯޑުގެ އިތުރުން ކުދިން ޗެޓު ކުރާ ފަރާތްތަކުގެ ތެރެއިން ބޭނުން ފަރާތެއް ކޮންޓެކްޓް ލިސްޓުން ނެގުމުގެ ފުރުސަތުވެސް މައިންބަފައިންނަށް ލިބިފައި އޮވެއެވެ. އަދި ކުއްޖާގެ އެކައުންޓް ޑިލީޓްކޮށް އެހެން އެކައުންޓެއް ހުޅުވުމުގެ ބާރުވެސް މައިންބަފައިންނަށް ލިބިފައި އޮވެއެވެ.