"ފާޠިމަތު ރީޝާ، ކ.މާލެ/ޖަމްބުމާގެ ޢަލީ ޝިހާމްއާ ކާވެނިކުރުމަށް ރަންކިޔާ." އެތަނުން އެކަކު ބުންޏެވެ. ރީޝާ އުމުރުން ކިތަންމެ ހަގު ނަމަވެސް އެމީހާ އެބުނި އެއްޗެއްގެ މާނަ ވަރަށް ރަނގަޅަށް ފަހުމުވިއެވެ. އޭނާގެ ހިތްތެޅިގެން ދިޔައީ ތިޔަހެނަކުން ނޫނެވެ. ކުއްލިއަކަށް މުޅި މީހާ ހާސްކޮށްލައިފިއެވެ. ރީޝާ ބިރުގެންފައިވާ ހާލުގައި ނިހާދުއާ ދިމާއަށް ބަލައިލިއެވެ. އެ ތުންފަތް މަތީގައިވި ކެހިވެރި ހިނިތުންވުމުން އެ ހިތް އިތުރަށް ބިރުގަތެވެ.

"ބައްޕާ. ޑޮކްޓަރަށް ދައްކަން." ރީޝާއަށް ބުނެވުނެވެ. ރީޝާ އިންޑިއާއަށް ގެނެވުނު ޙަޤީޤީ މަޤުޞަދެއް އޭނާއަކަށް ނުވިސްނެއެވެ. އެކަމަކު ކާވެނީގެ ވާހަކަ ދެއްކުމުން އެ ހިތުގައި ބިރުވެރިކަން އުފެދިގެން ދިޔައީއެވެ.

"ދަރިފުޅު. ރަންކިޔާނީ އެއްލައްކަ ރުފިޔާއަށްތަ؟ ނޫނީ ދެ ލައްކައަށްތަ؟" ނިހާދު ވަރަށް އޯގާތެރި އަޑަކުން އެހިއެވެ.

ނިހާދުގެ ދުލުން އެ ބޭރުކުރާ ބަސްތައް ރީޝާއަކަށް ކަމަކު ނުދެއެވެ. އޭނާ ބޭނުންވަނީ ވީ އެންމެ އަވަހަށް ޑޮކްޓަރަށް ދައްކައިގެން، އެނބުރި މާލެ ދާށެވެ.

"ބައްޕާ." ރީޝާ ވަރަށް އުނދަގުލުން ގޮވައިލިއެވެ. "ކޮއްކޮ ބަލި."

"ތި ބަލި ރަނގަޅުވާނީ މީހަކާ އިނީމަ. މީހަކާ އިނދެވޭނީ ރަންކިޔައިގެން." ނިހާދުގެ މަޤުޞަދު ޙާސިލުކުރުމަށް އޭނާ ވާހަކަ ދެއްކީ ކެތްތެރިކަމާއެކުއެވެ. "އަވަހަށް ރަންކިޔާ. ރަނަކީ ދަރިފުޅުގެ އަގު. މިހާރު ފިހާރަތަކުން ވެސް އެއްޗެހި މި ގަންނަނީ ރުފިޔާ ދީފައެއްނު. އެގޮތަށް ބައްޕަގެ ތި ދަރިފުޅު ޝިހާމްބެއަށް ދޭން މިއުޅެނީ. ޝިހާމްބެއަށް އެއްކޮށް ދެވޭނީ ދަރިފުޅު އަގެއް ބުނެގެން. އެއްލައްކަތަ؟ ނޫނީ ދެލައްކަތަ؟"

ރީޝާ، ޝިހާމަށް ވިއްކާލަން އުޅޭކަމުގެ ބިރުވެސް މިހާރު އެހިތުގައި އުފެދިއްޖެއެވެ. މަންމަގެ ގާތަށް ދުވަހަކުވެސް ނުދެވޭނޭ ވެސް ހިތަށް އަރަން ފަށައިފިއެވެ. އެޔާއެކު އޭނާގެ ދެލޮލަށް ކަރުނަ ޖަމާވާން ފަށައިފިއެވެ.

"މަންމައަށް ގުޅައިދީބަލަ." ރީޝާ އެދުނެވެ.

"އެއްލައްކަތަ؟ ނޫނީ ދެލައްކަތަ؟" ނިހާދު އަނެއްކާވެސް އެހިއެވެ.

ރީޝާ ތުރުތުރުއަޅަން ފަށައިފިއެވެ. އޭނާގެ އަނގައިން ބޭރުވަމުން ދިޔައީ އެންމެ ލަފްޒެކެވެ. "މަންމަ" އެވެ. ރީޝާ އެކައްޗެއް ތަކުރާރުކުރަން ފެށުމުން ނިހާދު ގާތަށް ރުޅި އަންނަން ފެށިއެވެ. މަޑުމައިތިރިކަމާއެކު އެކަން ކާމިޔާބު ނުވާނެކަން ވިސްނުމުން ހަރުކަށިވެލުމަށް ނިހާދު ނިންމިއެވެ.

"އެއްލައްކަތަ؟ ނޫނީ ދެލައްކަތަ؟" ނިހާދު މިފަހަރު ސުވާލުކުރީ ނުހަނު ބާރަށެވެ. އެޔާއެކު ރީޝާއަށް ރޮއެ ގަނެވިއްޖެއެވެ.

"ރަށަށް ދާން. ބައްޕަ ގޯސް. ރަށަށްދާން ބޭނުމީ." ރޮމުންރޮމުން ރީޝާ ބުންޏެވެ. އަދި އެތަނުގައި ތިބި މީހުންނަށް ވަކިވަކިން ބަލައިލިއެވެ. އޭނާއަށް އެހީވުމަށް އެދޭ ހާލުގައެވެ.

"ދުވަހަކުވެސް ރަށަކަށް ނުގެންދާނަން. އެއްލައްކަތަ؟ ނޫނީ ދެ ލައްކަތަ؟ ބުނޭ. އެއްލައްކަތަ؟ ނޫނީ ދެލައްކަތަ؟ ބުނާށޭ. އަދަދެއް ނުބުނެފިއްޔާ ރަށަށް ގޮސް މަންމަ މަރާލާނަން." އެންމެފަހުން ނިހާދު އިންޒާރު ވެސް ދިނެވެ.

ރީޝާއަށް ލިބުނު ޝޮކާއިއެކު ރުއިން މެދު ކެނޑިއްޖެއެވެ. ހުއްޓުން އަރައިފައި އިންދައި، އޭނާގެ ހިކަނދިމަސްގަނޑުގައި ނިހާދު ހިފައިގަތެވެ. ނިހާދުގެ އަތަށް ލެވުނުހައި ބާރެއްލަމުން ހަރުކަށި ރާގަކަށް އަނެއްކާ ވެސް ސުވާލުކުރިއެވެ. އެޅިވޭނާއެކު އަނެއްކާވެސް އެ މައުސޫމް ދެލޯ ކަރުނައިން ބަރާވާން ފަށައިފިއެވެ.

"ދޫކުރާނީ އަދަދެއް ބުނީމަ. އެއްލައްކަތަ؟ ނޫނީ ދެލައްކަތަ؟ ވަންތަ؟ ޓޫތަ؟" ނިހާދުގެ ހިތުގައި އެއްވެސް ވަރަކަށް ރަހުމެއް ނުވެއެވެ.

"ޓޫ." ރީޝާއަށް ކެތްނުވުމުން ބުނެލިއެވެ.

އެ ދަތުރު ނިންމައިފައި ރީޝާ މާލެއައީ ޝިހާމްގެ އަނތްބަކަށް ވެގެންނެވެ. ނިހާދު ބޭނުންވި ވަރަށްވުރެ، އިތުރަށް ވެސް ޝިހާމް ލާރި ދިނެވެ. ރީޝާ މާލެ އާދެވުނުއިރު އޭނާއަށް ޖެހުނު "ބަލި" ވެސް ވަނީ ރަނގަޅުވެފައެވެ. އެހެނަސް އެ ބައްޔާއި، މަޖުބޫރުން ކުރުވި ކާވެންޏާއި އެއްވެސް ގުޅުމެއްނުވާކަން ނޭނގޭހާ ރީޝާ ޤަމާރެއްނޫނެވެ.

ރީޝާއަށް ކުރިމަތިވި ހާދިޘާ އެއްވެސް މީހަކަށް އޭނާ ކިޔައެއް ނުދެއެވެ. ރިޒްމާއަށް ހަޤީޤަތް އެނގެއެވެ. ވަގުތުފާއިތުވެފައި ވީ ނަމަވެސް ރީޝާއަށް ޖެހުނު "ބަލީ"ގެ ހަޤީޤަތް ރިޒްމާ އޮޅުންފިލުވައިދިނެވެ. ގިސްލަމުން މާފަށް އެދެމުންނެވެ. އޭނާއަކީ ވެސް ދަރިންގެ ހައްޤުގައި ފިރިމީހާގެ އަނދިރިފަރާތް ސިއްރުކޮށްދެމުން އަންނަ މަދަދުޤާރެކެވެ. ރީޝާ އުންމީދުކުރީ ހުރިހާ ކަމެއް މަޑުމަޑުން ހަމަޔަކަށް އެޅޭނެކަމަށެވެ. އެހެނަސް އެއީ ރީޝާ ހަޔާތުގެ ބިރުވެރި ދުވަސްތަކުގެ އައު ބާބެއްގެ ފެށުމެވެ.

*****

ރީޝާ އެނބުރި ގެއަށް ދިޔައިރު ހުރީ ކޮންމެވެސް ވަރަކަށް ހަމަޖެހިފައެވެ. ނަވީލާއި ކުޑަކޮށް ނަމަވެސް ވާހަކަ ދައްކައިލެވުމުން ކަންނޭނގެއެވެ. ޤަބޫލުކުރަން ބޭނުން ނުވިޔަސް، ކުރިންވެސް ރީޝާގެ ހިތުގައި ނަވީލްގެ މައްޗަށް ޝައުޤުވެރިކަމެއް އުފެދިފައި އޮތެވެ. އަދި މިހާރު ނިހާދަށް ތުރާދިނުމުގެ ވިސްނުން ހުރުމުން އެ ޝަޢުޤުވެރިކަން ވަނީ އިތުރުވެފައެވެ.

ރީޝާ ގެއަށް ވަންއިރު ފިރާޝާ އިނީ އޭނާގެ އިންތިޒާރުގައެވެ. ސަރައްކާލީގެ އެއްކޮޅުގައި ހުންނަ ބޮޑު އުނދޯލީގައެވެ. މަތިމަރުވެފައިވާ އެ މޫނުގައި އެއްވެސް ދިރުމެއްނުވެއެވެ. އުފާވެރިކަމެއްނުވެއެވެ.

"ދަރިފުޅު. މިކޮޅަށް އައިސްބަލަ." ފިރާޝާ ގޮވައިލިއެވެ. ރީޝާ މަޑުމަޑުން ގޮސް ގާތުގައި އިށީނެވެ.

"ކޮންތާކުން ތި އައީ." ފިރާޝާ ސުވާލުކޮށްލިއެވެ.

"ބޮޑު މަގުގައި ހުންނަ ޖޯލިފަތިން މި އައީ. ބޯ ހަމަޖައްސައިލަން ގޮސް." ރީޝާގެ ޖަވާބު ބައްޓަންކުރީ ފިރާޝާ އިތުރު ތަފްސީލެއް ބޭނުންވެދާނެކަމަށް ބަލައިފައި، އެ ތަފްސީލު ވެސް ލިބޭނެ ފަދަ ގޮތަކަށެވެ. "މި ގޭތެރޭގައި ހިނގާ ކަންކަމުގެ ސަބަބުން ބޯ ފަޅައިގެން ދާވަރުވޭ. އަހަންނަށް ޤަބޫލުކުރެވޭ ވަރުގެ ކަންކަމެއްނޫން އެއީ. އެހެނަސް އަހަރެން ބޭނުމެއްނޫން މަންމައާ ޒުވާބުކުރާކަށް ވެސް. މަންމަ ކަންތައްކުރި ގޮތް ކިތަންމެ ގޯހަސް ތިއަށްވުރެ ބޮޑަށް އަހަރެން ލޯބިވާ އިތުރު މީހަކު ނުހުންނާނެ. އެހެންވެގެން ގެއިން ނުކުމެގެން ދިޔައީ މަންމައާ ދިމާއަށް ބުނަންނުވާވަރުގެ އެއްޗެއް ބުނެވިދާނެތީ."

"އެކަނިތަ؟" ފިރާޝާ އިރުކޮޅަކު ވިސްނަން އިނދެފައި، އަނެއްކާ ވެސް ސުވާލުކުރިއެވެ. ރީޝާގެ ވާހަކަތަކުން އޭނާ ބޭނުންވާ މަޢުލޫމާތެއް ލިބިފައިނުވާ ކަހަލައެވެ. ކުއްލިއަކަށް ރީޝާގެ ހިތަށް އެރި އެއްޗެއްގެ ސަބަބުން، ފިރާޝާގެ މޫނަށް ފަރުވާތެރިކަމާއެކު ނަޒަރު ހިންގައިލެވުނެވެ. ނަވީލާއި އެކު މަގުކޮޅުގައި އިން ޚަބަރު އޭގެ ތާޒާކަމާއެކު ފިރާޝާއަށް ލިބިފައިވާކަމަށް އޭނާގެ ހަވަނަ ހިއްސު ބުނެދީފިއެވެ.

"މަންމައަށް ހުރިހާ އެއްޗެއް އެނގޭއިރު ކީއްކުރަން ތި އަހަނީ." ރީޝާ ފޮރުވުމެއްނެތި ދިމާއަށް ބުނެލިއެވެ. އެއީ ރީޝާގެ މިޒާޖެވެ.

"މަންމަ އެއްގޮތަކަށް ވެސް ޤަބޫލެއްނޫން. ދަރިފުޅު އެ ނަވީލާއި ވާހަކަ ދައްކައި ގުޅުން ބާއްވާކަށް." ރީޝާގެ މޫނަށް ބަލައިވެސް ނުލައި އިނދެ ފިރާޝާ ބުނެލިއެވެ.

"މަންމަތަ؟ ނޫނި އެ ބައްޕަގަނޑުތަ؟" ރީޝާ ހިތްހަމަނުޖެހުނެވެ.

"ދަރިފުޅު ގާތުގައި މަންމައެއްނު މިބުނީ. އެއީ މަންމަ ހިތްހަމަޖެހޭ ކަމެއް ނޫނޭ." ފިރާޝާގެ އަޑުގައި އެއްވެސް އަސަރެއްނެތެވެ.

ރީޝާގެ ހިތަށް އެރިއެވެ. ބައްޕައަށް ބިރުދެއްކުމުން ވެސް ވީ ފައިދާއެއް ނެތެވެ. އަދިވެސް މަންމަގެ މައްޗަށް ނުފޫޒު ފޯރުވަމުން އެ ދަނީ ބައްޕައެވެ. މަންމަ ކޮންޓްރޯލްކުރުމުގެ ބާރު އޮތީ ވެސް ބައްޕަގެ އަތުގައެވެ. އެކަން ހަމައަކަށް އަޅުވަން ރީޝާ ނުހަނު ބޭނުންވެއެވެ. ނިހާދަށް ވަރުގަދަ ފިލާވަޅެއް ނަގައިދޭން ވެސް ބޭނުންވެއެވެ. އެންމެ މުހިންމުކަމަކަށް ފިރާޝާއަށް ހަމަޖެހިލައިގެން އުޅެވޭނެ ދުވަހެއް ހޯދައިދޭން ވެސް ރީޝާ ބޭނުންވެއެވެ. މުޅިންވެސް އޭނާގެ އުންމީދުތަކެވެ. އެ އުންމީދުތަކުގައި ދުވަހަކު ވެސް ކުލައެއް ޖެހިދާނެ ހެއްޔެވެ؟ ރީޝާ ކިތަންމެ ބޭނުންވިޔަސް ފިރާޝާގެ އެއްބާރުލުމެއްނެތި، ފިރާޝާ އެކަމުން ނަޖާކުރާނީ ކިހިނެއް ހެއްޔެވެ؟

"މަންމަ ތިގޮތަށް ކަންތައް ތިކުރަނީ ކީއްވެގެންތަ؟" ރީޝާ ސަބަބު އެނގެން ބޭނުންވިއެވެ. "ތި ދިރިއުޅުމުން މަންމައަށް އޮތީ ކޮން އުފަލެއްތަ؟"

"މަންމަގެ ބަސް އަހަންޏާ ނަވީލާއި ދުރުގަ ހުރޭ." ފިރާޝާ ބުންޏެވެ. "މަންމަގެ ގަޔަކު ނެތް ބޮޑު ހަނގުރާމައެއް ފަށާނެހާ ހިތްވަރެއް. މަންމަ ވަރުބަލިވެއްޖެ. ދަރިފުޅު ވެސް ދެން ބައްޕަގެ ބަސް އަހައިގެން އުޅެވޭތޯ ބަލާ."

"އެންމެ ފަހަރަކުވެސް މި އަތުގައި ހިފައިބަލަ. މަންމަ ވެއްޓުނަކަ ނުދޭނަމޭ." ފިރާޝާއަށް ހިތްވަރެއް ލިބޭނެކަމުގެ އުންމީދާއެކު ރީޝާ ބުންޏެވެ. "މަންމައަށް ލިބޭ ކޮންމެ އަނިޔާއަކުން ސަލާމަތްކުރުމަށް އައްޑަނައަކަށް ވެގެން ހުންނާނަން. މަންމަގެ ހިތްވަރެއް ހުރެއްޖެނަމަ، ބައްޕައަށް މަންމަގެ ނުރުހުމުގައި އަތްވެސް ނުލެވޭނެ."

"ބައްޕަ ދެން އަނިޔާއެއް ނުކުރާނެ. ބުނީމެއްނު ބައްޕަ މާފަށް އެދެފިއޭ." ފިރާޝާ ކޮޅަށް ތެދުވަމުން ބުންޏެވެ. "އެކަމަކު ދަރިފުޅު ކުރާކަމަކުން ބައްޕަގެ ޚިޔާލު ބަދަލުވެދާނެ. މަންމައަށް އަނިޔާއެއް ލިބެން ނޭދެންޏާ ނަވީލާއި ވާހަކަ ދެއްކުން ހުއްޓައިލާ. މިހާރު މަންމައަށް އަނިޔާ ދިނުމާއި ނުދިނުން އޮތީ ދަރިފުޅުގެ އަތްމަތީގައި."

ރީޝާގެ ޖަވާބަކަށް އިންތިޒާރުކުރުމެއް ނެތި، ފިރާޝާ ހިނގައިގަތެވެ. ރީޝާ އިތުރު ނުތަނަވަސްކަމަކަށް ވައްޓައިލައިފައެވެ. އަނެއްކާ ވެސް ރުޅިއާއި ނަފުރަތުން އެ ހިތް އަނދަންފެށިއެވެ. ފިރާޝާ އެ ހިނގަނީ، ނިހާދު ލިޔެދީފައި އޮތް ފޮޅުވަތްމަތިންކަން ރީޝާއަށް ވިސްނެއެވެ. ނުވިސްނެނީ ފިރާޝާ އެގޮތަށް ކަންކުރާ ސަބަބެވެ.

ރީޝާ ވިސްނުމަކަށް ގެއްލިފައި އިންދައި، ފޯނަށް މެސެޖެއް އައި އަޑަށް ބަލައިލިއެވެ. ނަވީލްގެ މެސެޖެކެވެ.

"ގެއަށް އަންނަން ދަޢުވަތު ތި ދިނީ އަސްލު ވެސް ސީރިއަސްކޮށްތަ؟" އެ މެސެޖުގައި އޮތެވެ.

"އާނ. ކެރޭނެ؟" ރީޝާ ވަގުތުން ޖަވާބު ލިޔެލިއެވެ. ފިރާޝާ އެދުނު ނަމަވެސް ނަވީލާއި ވާހަކަ ދެއްކުން ހުއްޓައިލުމުގެ ވިސްނުމެއް ރީޝާގެ ނެތެވެ. އެކަމުގައި ނިހާދުގެ ނުފޫޒެއް އޮތަތީއެވެ.

"މުޖައްރިބެއްނު." ކުރު މެސެޖެއް ނަމަވެސް ނަވީލްގެ އަޑުގައި ހުންނާނެ ޖޯޝް ރީޝާއަށް އިޙްސާސްވިއެވެ. އޭނާގެ ސިކުނޑީގައިވި ހާސްކަން އެއްފަރާތްވިއެވެ. ރީޝާ ފޯނަށް ބަލަހައްޓައިގެން އިންދައި، އެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ކުއްލިއަކަށް ފޯނު ރަނގަބީލު ވާން ފެށުމާއެކު، އެ ހިނިތުންވުން އޮބިގެން ހިނގައްޖެއެވެ. ސްކްރީނަށް އަރައިފައިވާ ޝިހާމްގެ ނަން ފެނުމާއެކު ފުންމައިގެން ތެދުވެވިއްޖެއެވެ. ހަނދާންކުރަން ބޭނުންނުވާ އެ މާޒީގެ ޞަފުހާތައް އުކެންފެށިއެވެ. ފިލްމެއްގެ މަންޒަރުތައް ފަދައިން ދެލޮލަށް ސިފަވާން ފެށިއެވެ. އެޔާއެކު ރީޝާ ވަގުތުން ފޯނު ކަނޑައިލިއެވެ. ދެ ވަނަ ފަހަރަށް ވެސް ޝިހާމް ގުޅިއެވެ. އެ ފޯނަށް ޖަވާބު ދިނުމުގެ ވިސްނުން ރީޝާގެ ސިކުނޑިއަށް އައީ ކުއްލިއަކަށެވެ. އޭނާއަކީ ފިނޑިއެއްނޫނެވެ.

"ކަލޭ ގާތުގައި މަ ބުނެފައި އޮންނާނީ މަށަށް ގުޅައިގެން ނުވާނޭ." ރީޝާ ދެދަތްޕިލައަށް ބާރުލަމުން ބުނެލިއެވެ.

"މި ގުޅީ ވާހަކައެއް ބުނަންވެގެން." ޝިހާމްގެ ބިރުވެރި އަޑު ރީޝާގެ ކަންފަތުގައި ޖެހުނެވެ.

"ކަލޭ މަ ގާތުގައި ދައްކަންޖެހޭނެ ވާހަކައެއް ނޯންނާނެ." ރީޝާގެ ޖަވާބު ހަރުކަށްޓެވެ.

"ތީ އަދިވެސް މަގޭ އަނތްބެއް." ޝިހާމް ހަނދާންކޮށްދިނެވެ. "އެހެންވީމަ މަށަށް ޙައްޤު އޮންނާނެ. މިގުޅީ ކަލެޔާ ޖަދަލުކުރާކަށް ނޫން. ވަރަށް އަވަހަށް ބަލައިދާނެ ވާހަކަ ބުނެލަންވެގެން. މާލެ އަންނަން ތައްޔާރުވެގެން ހުރޭ."

ރީޝާއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ޝިހާމް ފޯނު ކަނޑައިލިއެވެ. ރީޝާއަށް ޤަބޫލުކުރަން ދަތިވެ، ހުއްޓުން އަރައިފައި ހުރެވުނެވެ. އޭނާ ރަށަށް އެނބުރިއައީ ވަރުގަދަ ހަނގުރާމައެއްކޮށް ނަޞްރުލިބިގެންނެވެ. އަންނަމުން އައީ ޝިހާމަށް ވަރުގަދަ އިންޒާރެއް ވެސް ދީފައެވެ. އޭނާގެ ދިރިއުޅުމަށް އެނބުރި އަންނަން މަސައްކަތްކޮށްފިނަމަ، ޝިހާމްގެ އަނދިރިފަރާތް މުޅި ދުނިޔެއަށް ފަޟީޙަތްކޮށްލާނެކަމުގެ އިންޒާރެވެ. މިހާރު އެ އިންޒާރުގެ އެއްވެސް އަސަރެއް ނުކުރާހެން ހީވުމުން އޭނާގެ ސިކުނޑިއަށް ބަރުވާންފެށިއެވެ. އެޔާއެކު ބޮލުގައި ވެސް ރިއްސަންފެށިއެވެ. ހުރިހާ ކޮޅަކުން ވެސް އޭނާއަށް ނާކާމިޔާބު ވަނީ ހެއްޔެވެ؟

ހަވީރުގެ ވަގުތުގައި ރަށު ސްޓޭޑިއަމްގައި ފޯރިގަދަ ފުޓްބޯޅަ މެޗެއް ކުޅެވެމުން ދިޔައެވެ. ރަށުގެ ކުދި ބޮޑު އެންމެ މެޗު ބެލުމަށް ސްޓޭޑިއަމަށް ޖަމާވެފައި ތިއްބެވެ. އެންމެން އެއްޑަކުން ހަޅޭލަވަމުން ފޯރިދެމުން ގެންދިޔައެވެ. ކޮންމެ ބަޔަކުވެސް ބޭނުންވީ އެބަޔަކު ތަރުހީބުދޭ ޓީމެއް މޮޅުވާށެވެ. އެއްކޮޅުގައި ތިބީ ހުސްހަށިބައި ޒުވާނުންނެވެ. އަނެއްކޮޅުގައި ޒަވާޖީ ހަޔާތެއް ފަށައިފައިވާ ހަރުމީހުންނާއި ޒުވާނުންނެވެ. މެޗު ފޯރިގަދަވެފައި ވަނީ އެހެންވެއެވެ. ހުސްހަށިބައި ޓީމުގައި ނަވީލް ވެސް ހިމެނެއެވެ. ދެ ޓީމްގެ ކުޅުންތެރިން ވެސް މޮޅެވެ. ވާދަވެރިއެވެ. ދެވަނަ ހާފު ނިމުމާ ހަމައަށް ދިޔައިރު ވެސް އެއްވެސް ކޮޅަކަށް ލަނޑުނުޖެހި އޮތުން އެއީ އެކަމުގެ ހެތްކެކެވެ. މެޗު ނިމެން ފަސްމިނެޓަށްވެފައި ވަނިކޮށް ހުސްހަށިބައި ޓީމަށް ޕެނަލްޓީއެއް ލިބުނެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް ދިނީ ނަވީލެވެ. އެ މެޗު ނިންމައިލަން ޖެހުނީ ވެސް އެ ނަތީޖާއާއެކު ނަވީލްގެ ޓީމު މޮޅުވެގެންނެވެ.

"ކޮބާ ދަޅުދޭންޖެހޭނެ. ބަލިވީމަ ދެން ބިމަށް ތުން ހަރައިގެން ތިތާ މަޝްވަރާކުރަން ތިއްބަސް މޮޅުވިކަމަކަށް ނުނިންމޭނެ." ސްޓޭޑިއަމުން ނުކުންނަމުން ނަވީލް ބާރަށް ބުނެލިއެވެ. އެތެރޭގައި ތިބި އިދިކޮޅު ޓީމަށް އިޝާރާތްކޮށްފައެވެ.

"ޙަޤީޤަތުގައި ކަލޭމެން މޮޅުވީކީ ނޫނޭ. ރެފްރީއަށް ރިޝްވަތު ދީގެން މޮޅުވީ." އިދިކޮޅު ޓީމުގައި ހުރި އަކްޝަމް ޖަވާބުދިން އަޑުއިވުނެވެ.

"އާނ. މަސްނުބެވުނީމަ މާފަންނު މީހުންނަށް ވެސް ނުބައިވާނީ ކަނޑު." ނަވީލް ހެމުންހެމުން އޭނާގެ ޓީމު ކުޅުންތެރިންނާއެކު މަގުމައްޗަށް ނުކުތެވެ. ނަވީލް ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ. ކުއްލިއަކަށް އޭނާގެ ލޮލުގައި ރީޝާއާ ވަރަށް ވައްތަރު ކުއްޖަކު އަޅައިގަތެވެ. އެކުއްޖާއާ ދާދި ގާތުގައި ކުޑަ ފިރިހެން ކުއްޖަކުވެސް ހުއްޓެވެ. އެއީ ރިޝާމެވެ. ފަހަތުން ފެނުނު ނަމަވެސް އެއީ ރީޝާކަން ނަވީލަށް ޔަޤީންވީ ދެނެވެ. ނަވީލް ދުވެފައި ގޮސް ރީޝާއާ އަރައި ހަމަކުރިއެވެ.

"ނަވީ ވަރަށް މޮޅު ފުޓުބޯޅަ ކުޅެން." ނަވީލަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ރީޝާ ބުނެލިއެވެ. ނަވީލް އަންނާނެކަން މާކުރިން ވެސް އެނގިފައި އޮތް ކަހަލައެވެ.

"ކާކުތޯ ބަލާ ވެސް ނުލާ ތިބުނީ. ކިހިނެއް އެނގުނީ އަހަރެންކަމެއް ފަހަތުން އައީ." ހިސާބަކަށް ހައިރާންވެފައި ނަވީލް އެހިއެވެ.

"މަ ފަހަތުން އަންނަން ކެރޭވަރުގެ އިތުރު މީހެއް މިރަށަކު ނޫޅޭނެ." ރީޝާ ޖަވާބުދިނެވެ.

"އަސްލު ވެސް؟ މަށަށް ހާދަ ކެރެޔޭ ދޯ؟" ނަވީލަށް ފޮނިވެވުނެވެ. "ރީޝް މެޗުބަލަން ހުރިކަން ވެސް މަށަށް ނުވެސް އެނގޭ."

"ނޭނގުނުކަން އެއީ ވަރަށް ބޮޑު ނަސީބެއްނު. އެނގުނުނަމަ ނަވީގެ ޓީމު ބަލިވާނެވިއްޔަ." ރީޝާގެ ކޮންމެ ޖަވާބެއް ނަވީލަށް ޚައިރާންކަން ގެނުވަމުން ދިޔައެވެ. އޭނާއާ ވާހަކަދެއްކުމަށް އުޛުރުވެރިވި ކުއްޖަކު ކުއްލިއަކަށް އެހާ ފާޅުކަންބޮޑު ގޮތެއްގައި ވާހަކަ ދައްކާތީއެވެ.

"އެއީ ކީއްވެގެން. ރީޝް ހުރިކަން އެނގުނުނަމަ ގޯލުން ބޯޅަނެރޭނެ ޗާންސު ވެސް ނުދޭނަން." ނަވީލްގެ ހިތްވަނީ އަވަސްވެފައެވެ.

"އަހަރެން ހުރިކަން އެނގުނަމަ، ނަވީލަށް ބޯޅަ ނުވެސް ފެންނާނެ." ރީޝާގެ ރާގުގައި ސަމާސާގެ ކުލަވަރު ނެތް ނަމަވެސް ނަވީލް ގާތަށް ހިނިއައެވެ. ރީޝާ ނުސީދާކޮށް ބުނި ބަސް އޭނާއަށް ފަހުމުވީތީއެވެ.

"އާނ. ތިބުނީ ތެދެއް ކަންނޭނގެ. ރީޝް ފެނުނުނަމަ ރީޝްއަށް ބަލައިފަ ބޯޅައަށް ބަލާނެ ވަގުތެއް މަށަކަށް ނުވާނެ." ނަވީލް ޖެހިލުމެއްނެތި، އެއްބަސްވިއެވެ. އޭރު ރީޝާމެންގެ ގެއާ ވަރަށް ކައިރިއަށް އާދެވިއްޖެއެވެ. ރިޝާމް ދުވެފައި ގޮސް ގެއަށް ވަނުމުން ނަވީލާއި ރީޝާ ދޮރުމަތީގައި މަޑުކޮށްލިއެވެ.

"އާދޭ އެތެރެއަށް." ރީޝާ އެތެރެއަށް ވަނުމަށް ދަޢުވަތު ދިނެވެ.

"މިގަޑީގައި." ނަވީލް ހުރީ ދެ ފިކުރެއްގައެވެ. "ވަރަށް ހަޑިކޮށް މިހުރީ."

"ކިހިނެއްވީ؟" ރީޝާ އެހިއެވެ. "ބިރުގަތީތަ؟ ނަވީއަށް ނުކެރެންޏާ އަޅާނުލާ."

ނަވީލް ހީނގަތެވެ. ރީޝާގެ ކުރިމަތީގައި ނުކެރޭ މީހަކަށް ވާކަށް ނަވީލް ބޭނުމެއްނޫނެވެ. ރީޝާ ވަރަށް ހަމަޖެހިފައި ހުރި ވަގުތެއްކަމުން އެ ފުރުޞަތު ނަގައިލައިކަށް ވެސް ނަވީލް ބޭނުމެއް ނޫނެވެ. އެހެންކަމުން ރީޝާގެ ފަހަތުން ނަވީލް އެތެރެއަށް ވަނެވެ. ރީޝާ އުނދޯލީގައި އިށީނުމުން ގާތުގައި އިށީނެވެ. ދެން ދެމީހުންގެ ދެމެދަށް ވެރިވެގެން ދިޔައީ ހަމަހިމޭންކަމެވެ. އެކަކުގެ ސިކުނޑިއަށް ވެސް ބުނާނެ އެއްޗެއް ނުވިސްނުނެވެ.

"މިގޭ އެންމެން ކޮބާ؟ ގޭގައި އެކަކުވެސް ނޫޅެނީތަ؟" ހަމަހިމޭންކަން ދިގުލާން ފެށުމުން ނަވީލް ވާހަކަ ދެއްކިއެވެ. ރީޝާ ޖަވާބު ދިނުމުގެ ކުރިން ނަވީލަށް ބަލައިލިއެވެ. ކުއްލިއަކަށް ފެނުނީ ނިހާދު ގެއަށް ވަދެގެން އައި ތަނެވެ. ރީޝާ އިންތިޒާރުކުރަމުން އައި ވަގުތު އައިސް ޖެހުމާއެކު އެ ތުންފަތް މައްޗަށް މާނަ ފުން ހިނިތުންވުމެއް ވެރިވެގެން އަޔެވެ.

"އަހަރެން ވަރަށް އުފާވޭ ނަވީ ވާހަކަ ދައްކާތީ. ދުވަހަކު ވެސް މަށާ ވާހަކަ ދެއްކުން ހުއްޓައި ނުލައްޗޭ. ބައްޕަ ވަރަށް ހިތްހަމަނުޖެހޭނެ ނަވީއާ ވާހަކަ ދައްކާތީވެސް. ރާއިދުބެއާއި ބައްޕައާ ދެމެދުގައި އޮތް ދުޝްމަނުކަމެއްގެ އަސަރު މި ގުޅުމަށް ކޮށްގެން ނުވާނެ. ވަޢުދުވޭ އަހަންނާއި ވާހަކަ ދެއްކުން ހުއްޓައިނުލާނެކަމަށް." ނަވީލް ކުރި ސުވާލާއި ރީޝާ ދެއްކި ވާހަކައާއި އެއްވެސް ގުޅުމެއް ނެތުމުން ނަވީލް ހައިރާންވިއެވެ. ގަބުވެފައި ރީޝާގެ ދެލޮލަށް ބަލަހައްޓައިގެން އޭނާއަށް އިނދެވުނީއެވެ. ފެންނަނީ ހުވަފެނެއްބާއޭ ވެސް އޭނާގެ ހިތަށް އެރިއެވެ. އެ ފުން ދެލޮލުގެ ތެރެއަށް ނަވީލް ގެނބިގެން ދިޔަ ވަގުތު ނިހާދުގެ ހޮނު ގުގުރިއެއްފަދަ އަޑު ކަންފަތް ބުޑުގައި ގުގުމައިލިއެވެ. ނަވީލް ސިހިފައި ތެދުވިއެވެ.

"ކަލެޔަށް ކާކު ހުއްދަދީގެން މިގެއަށް ވަދެ ތި އިނީ. ހަމަ މިހާރު މި ގެއިން ނުކުމޭ." ނިހާދު އަމުރުކުރިއެވެ. ނަވީލް އަވަސްއަވަހަށް ނުކުންނަން އުޅުނެވެ.

"ނަވީ ފަހުން އަންނައްޗޭ." ރީޝާ ހިނިތުންވުމަކާއެކު ބުނެލިއެވެ. ނަވީލް ފަހަރަކު މީހަކަށް ބަލައިލައިފައި ނުކުމެގެން ދިޔައީ ހިތުގައި ސުވާލުތަކެއް އުފައްދަމުންނެވެ. ރީޝާގެ ނިޔަތާއި މެދު ޝައްކު އުފައްދަމުންނެވެ. ކުއްލިއަކަށް ރީޝާގެ މިޒާޖު ބަދަލުވުމާއި ނިހާދާއި ކޮންމެވެސް ގުޅުމެއްވެއެވެ. ނިހާދު ރުޅި އައިސް ހަޅޭލަވައިގަތް ވަގުތު، ރީޝާއަށް ހިތްހަމަޖެހުން ލިބުނުކަން ނަވީލަށް ވަނީ ފާހަގަކުރެވިއެވެ.

"ހާދަހާ ރުޅިއެއް ތި އައީ." ރީޝާ ހިނިތުންވެލަމުން ވާހަކަ ދެއްކިއެވެ. "ކުރީގެ ލޯބިވެރިޔާގެ ދަރިފުޅު ފެނުނީމަ. އެ ލޯބިމަތިން ހަނދާންވީތަ؟"

ރީޝާގެ ބޭނުމަކީ ފިރާޝާ މެދުވެރިކޮށްގެން އޭނާގެ މައްޗަށް ކުރާ އަމުރުތަކަށް ބޯނުލަބާނެކަން ނިހާދަށް ވިސްނައިދިނުމެވެ.

"މަށެށް ނޫޅެން ކަލެޔާ ޒުވާބުކުރާ ހިތަކުން." ނިހާދު ރުޅިއައިސް ފުފިގަތެވެ. "ދެން އެ ނަވީލް މިގެއަށް ވައްދައިގެން ނުވާނެ. ކަލޭ އޭނައާ ވާހަކަ ދައްކަން ބޭނުންވަންޏާ ގޮސް އެ ގޭގައި އޮވޭ. މަށެށް އުނދަގޫކުރާކަށް ނުދާނަން. އެކަމަކު އެ ޢާއިލާ އެކަކުވެސް މި ގެއަށް ވައްދައިގެން ނުވާނެ."

"ތީ ހާދަހާ ބޮޑު ފިނޑިއެކޭ. މަންމަ ގާތުގައި ބުނެގެން، މަ ކައިރީގައި ނަވީލާއި ވާހަކަ ދައްކައިގެން ނުވާނޭ ބުނެފައި މިހާރު ތި ކިޔަނީ ވާހަކަ ދައްކަން ބޭނުންވަންޏާ އެ ގެއަށް ދާށޭ. ކަލޭ ބޭނުންވާ ގޮތް މަށާ ދިމާއަށް ބުނަން ނުކެރެނީތަ؟ އެއީ ކީއްވެގެންތަ؟ އެނގޭ ވިއްޔަ މަގޭ މައްޗަށް އަމުރެއް ނުހިނގާނެކަން ދޯ؟" ރީޝާ ނިހާދަށް މަލާމާތްކޮށްލުމުގެ ގޮތުން ހީނގަތެވެ.

"އަމުދަކުން ނުތެޅެން ކަލޭގެ މައްޗަށް އަމުރުކުރާކަށް." ނިހާދުގެ އަޑުގައި ފޫހިކަމާ އެއްވަރަށް މަލާމާތް ވެސް ވިއެވެ. "ކަލޭގެ މައްޗަށް އަމުރު މައުރޫފު ހިންގާ މީހާ އެބައާދޭ ކަލޭ ބަލައި. ކަލޭގެ ފިރިމީހާ ޝިހާމް."

ޝިހާމް ރީޝާ ބަލައި ރަށަށް އަންނަން ނިންމި، ނިންމުމުގެ ފަހަތުގައި ވެސް ވަނީ ނިހާދު ހެއްޔެވެ؟ ރީޝާއަށް އެކަން ވިސްނުމުން އެ ހިތުގައި ނުތަނަވަސްކަމެއް އުފެދުނެވެ.

"އޭނަ މިރަށަށް އައިސްފިއްޔާ ކަލޭމެން ދެމީހުން މުޅި ދުނިޔެއަށް ބޭޒާރުކޮށްލައިނާން." ރީޝާ އިންޒާރުދިނެވެ. "މަންމަ ގާތުގައި މާފަށް އެދި، ރޮއިހޭރިގެން މައްސަލަ ނެގި ގޮތަށް މި މައްސަލައެއް ނުނެގޭނަކަން ހަނދާންކުރާތި. މަށަކީ މަންމައެއް ނޫން. ކަލޭ މަންމަގެ ލޮލުގައި އަނދުން އަޅުވާ ގޮތަށް މަގޭ ލޮލަކު ނޭޅުވޭނެ."

"ތީ ކަލޭގެ މަންމަ ބުނިގޮތްތަ؟ މަ މާފަށް އެދުނިއްޔޭ؟" ކުއްލިއަކަށް ނިހާދު ނިކަން ބާރަށް ހީނގަތެވެ. "މަ މާފަށް އެދިގެން އޭނަ މައްސަލަ ނެގީ އޭ. ކަލޭގެ މަންމަ ވެސް ވަރަށް މޮޅު ދޮގު ހަދަން. ކަލެޔަށް ހީވޭތަ މަ ދުވަހަކުވެސް އަންހެނެއްގެ ކިބައިން މާފަށް އެދޭނެހެން."

ނިހާދު މާފަށް އެދުނުކަމަށް ބުނެ، ފިރާޝާ ހެދީ ބޮޑު ދޮގެއް ހެއްޔެވެ؟ ފުރަތަމަ ފަހަރަށް ރީޝާގެ ހިތުގައި ޝައްކު އުފެދުނެވެ. ނިހާދު ފަދަ ކިބުރުވެރި ބޮޑާ މީހަކު މާފަށް ނޭދޭނެ ހެން ރީޝާއަށް ވެސް ހީވެއެވެ. ވީއިރު އެ މައްސަލަ ފިރާޝާ ނެގީ ކީއްވެގެން ހެއްޔެވެ؟ އެ ނިންމުން ނިންމަން ފިރާޝާއަށް އޮތީ ކޮން މަޖުބޫރެއް ހެއްޔެވެ؟

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާަައަޒޫ

    މިބައި ވެސް ވަރަށް ސަޅި...????.. އެކަމަކު ވަރަށް ކުރު????

    4
    2