އީރާންގެ ޒުވާން އަންހެނަކު އޭނާގެ ބޭބޭގެ ނުގަބޫލުގައި ކައިވެނި ކުރުމުން އެކަމުގެ "އަދަބެއްގެ" ގޮތުން މަރާއި ކުރިމަތިލާން ޖެހިއްޖެއެވެ.

"އަލް އަރަބިއްޔާ" ނޫހުގައި ބުނެފައިވާ ގޮތުގައި އުމުރުން 18 އަހަރުގެ އަންހެން ކުއްޖަކު އޭނާގެ ބޭބެގެ ނުގަބޫލުގައި ކައިވެނި ކުރުމުން، އަންހެން ކުއްޖާ އާއި އޭނާގެ ފިރިމީހާ ނިދާފައި ތިއްބާ، އަންހެން ކުއްޖާގެ ބޭބެ ގޮސް ގޭގައި އަލިފާން ރޯކޮށްލާފައިވާ ކަމަށެވެ.

އަލިފާން ރޯކޮށްލުމުން ދެމަފިރިން ވެސް ވަނީ ވަރަށް ބޮޑަށް ފިހިފައެވެ. އަންހެން ކުއްޖާ މަރުވީ ލިބުނު އަނިޔާތަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ. "އަލް އަރަބިއްޔާ" ގައި ބުނެފައި ވަނީ ފިރިމީހާ ވެސް ފިހިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި، ނަމަވެސް އޭނާގެ ހާލަތު އަދި ސާފު ނުވާ ކަމަށެވެ.

އަންހެން ކުއްޖާގެ ބޭބެ ވަނީ އަންހެން ކުއްޖާގެ ދެމަފިރިން ދިރިއުޅެމުން ދިޔަ ގޭގައި އަލިފާން ރޯކޮށްލި ކަމަށް އެއްބަސް ވެފައެވެ. އެކަން ކުރީ ކޮއްކޮ އާއި، ކޮއްކޮގެ ފިރިމީހާ މަރާލުމަށް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އޭނާ ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައިވާ ގޮތުގައި އެކަން ކުރީ ކޮއްކޮ އޭނާ އަށް ވުރެ 12 އަހަރު ދޮށީ މީހަކާއި ކައިވެނި ކުރުމުންނެވެ.

އަންހެން ކުއްޖާ މަރުވިއިރު އޭނާގެ ކައިވެންޏަށް އަދިވީ ދެތިން ހަފްތާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އޭނާ ކައިވެނި ކުރިއިރު، ބޭބެ ރަށުގައި ނޫޅޭ ކަމަށާއި ބޭބެ މިޖަރީމާ ހިނގީ އެނބުރި ރަށަށް އައިތާ ދެދުވަހެއް ފަހުން ވެއެވެ.

އީރާންގައި އާއިލާ މެންބަރުން މެރުމަކީ ވަރަށް އާއްމު ކަމެކެވެ. އީރާންގައި މީހުން މަރާ މީހުންނަށް މަރުގެ އަދަބު ދިން ނަމަވެސް އާއިލާ މެންބަރަކު މަރައިގެން އާއިލާ މީހުންނަށް މަރުގެ އަދަބެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު