ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ފަރުވާ ކުރާ ފަރާތްތަކަށް މެލޭރިއާ ބޭސް ދިނުމުން، އެ ބަލީގައި މަރުވުމުގެ ފުރުސަތު ބޮޑުވާ ކަމަށް އެމެރިކާގެ ދިރާސާވެރިން ބުނެފިއެވެ.

ބޮސްޓަންގައި ހުންނަ ބްރިގްހަމް އެންޑް ވިމެންސް ހޮސްޕިޓަލްގެ ތަޖުރިބާކާރުން ފުޅާ ދާއިރާއެއްގައި ހެދި މި ދިރާސާއިން ހާމަވެފައިވާ ގޮތުގައި، މެލޭރިއާ ބޭސް ނުވަތަ ހައިޑްރޮކްސިކްލޮރޮކުއިން ބޭނުންކޮށްގެން ކޮވިޑް-19 އަށް ފަރުވާ ކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށާއި، ބައެއް ހާލަތުގައި ފުރާނައަށްވެސް ނުރައްކާވުމުގެ ފުރުސަތު އެކަމުން ބޮޑުވެގެންދާ ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 600 އަށްވުރެ ގިނަ ހޮސްޕިޓަލްތަކުގައި، ކޮވިޑް-19 އަށް ފަރުވާކުރުމަށް މި ބޭސް ބޭނުންކުރަމުން ދާއިރު، މިއީ ރައްކާތެރި ބޭހެއް ނޫންކަން ދިރާސާގެ އަލީގައި އެމެރިކާގެ ތަޖުރިބާކާރުން ބުނެފައި މިވަނީ، ކޮވިޑް-19 އަށް ފަރުވާ ކުރުމަށް މި ބޭސް ބޭނުންކުރަން އެޤައުމުގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ބާރުއަޅާފައި ވަނިކޮށެވެ.

ކޮވިޑް-19 އަށް ފަރުވާދެމުންދާ ލައްކައެއްހައި މީހުންގެ މަޢުލޫމާތު އެއްކޮށްގެން ބްރިގްހަމް އެންޑް ވިމެންސް ހޮސްޕިޓަލްގެ ދިރާސާވެރިން ކުރި މި ދިރާސާއިން ހާމަވެފައިވަނީ، މެލޭރިއާ ބޭހަކީ ކޮވިޑް-19 ގައި ހާލަތު ދަށްވާ މީހުންނަށް ހިތުގެ މައްސަލަ ޖެހުމަށްވެސް މެދުވެރިކުރާ ބޭހެއް ކަމަށެވެ. އެހެންކަމުން މި ބޭހަކީ ހާލަތާއި އެންމެ އެކަށީގެންވާ ބޭހެއް ނޫން ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

"މި ދިރާސާއިން އެނގިގެން ދިޔައީ މި ބޭހުން ކޮވިޑް-19 އަށް މެދުވެރިކުރާ އިންފެކްޝަން އަށް މާބޮޑެތި އަސަރުތަކެއް ނުކުރުމާއި އެކު ބަލި ޖެހިފައިވާ މީހާއަށް ހެޔޮ ބަދަލެއް ނާންނަކަން. އަދި ހަމަ އެހެންމެ އެފަދަ މީހުންނަށް ދިމާވެފައިވާ ނުރައްކަލަށްވުރެ ބޮޑު ސިއްޙީ ނުރައްކަލަކަށް މި ބޭހުގެ ސަބަބުން އެމީހުން ހުށަހެޅޭކަން ވަނީ ހާމެވެފައި،" ދިރާސާގެ އިސް ތަޖުރިބާކާރެއް ކަމަށްވާ ޑރ. މަންދީޕް މަހޭރާ ވިދާޅުވިއެވެ.

ދިރާސާވެރިން ބުނެފައިވާ ގޮތުގައި މެލޭރިއާ ބޭހުން ކޮވިޑް-19 އަށް ފައްސިވެ ހާލު ދެރަވެގެން ފަރުވާދޭ މީހުން، މި ބޭހުން ކުރާ ނޭދެވޭ އަސަރުގެ ސަބަބުން މަރުވުމުގެ ފުރުސަތު 34 އިންސައްތަ އާއި 45 އިންސައްތައަށް އިތުރުވެގެންދާ ކަމަށެވެ. އަދި ގިނަ ފަހަރަށް މި ބޭސް ބޭނުންކުރުން ހިތުގެ ދާއިމީ މައްސަލަތަކާއި ގުޅިފައިވާ ކަމަށް ވެސް އެފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަދީފް ހުސެން

    ދެން ކީއްކުރަންހޭ މިވަރުގެ އެއްޗެއް މަދަކަ ބައިވަރެއް އިންޑިޔާއިން ލާރިދޭގޮތައް ގެނައީ. ހަށިގަނޑައް ނުރައްކާހުރި ބޭނުން ނުކުރެވޭ ތިވަރުގެ އެއްޗެއް ގެނެސްގެން މޯދިބެއައް ސުކުރުގެ ސަދިޖަ ހީލަތްތެރި ސޯލިހު ޖަހާ ގޮތްގޮތައް އެކިރާގުރާގައް ހުރިހާ ސަރުކާރު ސްޕޮންސަރކުރާ ނޫސްތަކެއްގަޔާ ޓީވީތަކުން މުޅި އެހަފްތާގަ އިންޑިޔާއައް ސަނާކީ. ތިހުރިހާ ލާރިއެއް ރައްޔިތުންގެ ބޮލުގަ ދަރަނިވެރިކުރިއިރު ސަރުކާރުގެ ޒިންމާކޮބާ.

  2. ނަގޫރޯޅި

    އިންޑިޔާއިން ހަދިޔާ ކުރިކަމައް ބުނާ 480 ޓަނުގެ ކާބޯތަކެއްޗާ ބޭސްތައް ކޮބާހޭ؟ އެސްޓީއޯ މެދުވެރިކޮއް ތިވިއްކަނީ އެއެއްޗެހިތަ ނޫނީ އެމިރޭޓްސް އިން ހިލޭ ހަދިޔާ ކުރި ކަދުރު ގެއްލުންގޮތައް 480ޓަނު ގެއްލުނީތަ