ބޮލީވުޑްގެ އެކްޓަރ ސުޝާންތު ސިންގް ރާޖްޕޫތު އަމިއްލައަށް މަރުވި މައްސަލަ އާއި ގުޅިގެން އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯތީ އަށް ތުހުމަތުތަކެއްކޮށް މައްސަލަ ބަލަން ކޯޓަށް ހުށަހަޅައިފިއެވެ.

ބިހާރުގެ ކޯޓަށް މި މައްސަލަ ހުށަހަޅާފައި ވަނީ ސުޝާންތުގެ މަރުވީ ރިއާގެ ސަބަބުން ކަމަށް ބުނެ ގިނަ ބަޔަކު އަޑުއުފުލައި ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. މި މައްސަލައިގެ އަޑުއެހުންތައް އަންނަ ބުދަ ދުވަހު ފެށުމަށް ތާވަލް ކުރެވިފައިވާ ކަމަށް ނޫސްތައް ބުނެއެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅި ފަރާތުން ރިއާއަށް ތުހުމަތުކޮށް ނޫސްތަކުގައި ބުނެފައި ވަނީ، ސުޝާންތާއި ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ފިލްމީ ދާއިރާއިން ކުރިއެރުން ލިބުމުން ރިއާ، ސުޝާތު ދޫކޮށް ދިޔައީ ކަމަށެވެ. ސުޝާންތު މަރުވީ އެހެން ވެގެން ކަމަށާއި، އެހެންކަމުން އެކަމުގެ ހުރިހާ ޒިންމާއެއް ރިއާ ނަގަން ޖެހޭނެ ކަމަށް އެފަރާތުން ބުނެފައި ވެއެވެ.

ސުޝާންތުގެ ކުއްލި މަރާއި ގުޅިގެން ކުރީގެ ލޯބިވެރިޔާއަށް ތުހުމަތުތަކެއް ކުރަމުން ދިޔަނަމަވެސް މި މައްސަލައިގައި އަދި މީހަކު ހައްޔަރެއް ނުކުރެއެވެ. ފުލުހުން ކުރިޔަށްގެންދާ ތަހުޤީޤުގައި މީހަކަށް އަދި ތުހުމަތެއްވެސް ކޮށްފައެއް ނުވެއެވެ. ނަމަވެސް މުމްބާއީގެ ފުލުހުން މި ހާދިސާ އާއި ގުޅިގެން މަޢުލޫމާތު ހޯދުމަށް ރިޔާ ގެންގޮސްފައިވާ ކަމަށް ވެއެވެ.

ސުޝާންތުގެ މަރާއި ގުޅިގެން މީގެ ކުރިން ބޮލީވުޑްގެ މަޝްހޫރު ބައެއް ތަރިން ކަމަށްވާ ސަލްމާން ޚާނާއި، އަދިއްތިޔާ ޗޯޕްރާ އާއި ކަރަން ޖޯހަރާއި، ސަންޖޭ ލީލާ ބަންސާލީގެ އިތުރުން އެކްތާ ކަޕޫރަށްވެސް ބަޔަކު ތުހުމަތުކޮށްފައި ވެއެވެ. އެފަރާތްތަކުން ބުނެފައި ވަނީ މި ތަރިންނަކީ ސުޝާންތު ކުރިއަރައި ދިއުމަށް ހުރަސް އަޅަމުންދިޔަ ތަރިން ކަމަށާއި، އެހެންކަމުން އޭނާގެ މަރުގައި އެމީހުންގެ އަތެއް ވެދާނެ ކަމަށެވެ.

އުމުރުން 34 އަހަރުގެ ސުޝާންތު މަރުވީ ޑިޕްރެޝަންގައި ގިނަ ދުވަހު އުޅުމަށްފަހު ކަމަށް ރިޕޯޓްތައް ބުނެއެވެ. އެކަމާއި ގުޅިގެން އޭނާގެ މަރުގެ ޒިންމާ އެހެން މީހުންގެ ބޮލުގައި އެޅުވުމަށް ގިނަ ބަޔަކު މަސައްކަތް ކުރަމުން ދިޔަނަމަވެސް، ސުޝާންތު އޭނާގެ ފުރާނަ ދުއްވާލީ އަމިއްލަ އިޚްތިޔާރުގައި، ފަންކާއެއްގައި ވާގަނޑެއް ޖަހައި ދަން ޖެހިގެންކަމާއި އެކަމުގައި މީހެއްގެ އަތެއް ނެތްކަން މިހާތަނަށް ހިންގި ތަހުޤީޤުން ހާމަވެއެވެ.