ފެޝަނަށް ލޯބިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވާ "މެޓް ގާލާ 2018" އަށް ބޮލީވުޑްގެ ފަރާތުން އިންޓަނޭޝަނަލް އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާއާއި ކުޅަދާނަ އެކްޓްރެސް ދިޕިކާ ޕަދުކޯން ހާޒިރުވެއްޖެއެވެ.

މިއަދު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބޮލީވުޑް އެކްޓްރެސް ސޯނަމް ކަޕޫރާއި މުމްބާއީގެ ވިޔަފާރިވެރިޔާ އަނަންޑް އަހުޖާގެ ކައިވެނީގެ ހަފްލާ ދޫކޮށް، މި ދެ ފަންނާނުން "މެޓް ގާލާ" ހަފްލާއަށް ހާޒިރުވެފައިވާއިރު، މިއީ މި ދެ ފަންނާނުންގެ ވެސް މި ހަފްލާއަށް ހާޒިރުވި ދެވަނަ ފަހަރެވެ.

priyanka chopra attends met gala 2018

މި ހަފްލާއަށް ޕްރިޔަންކާ ވެލެވެޓް ހެނދުމެއް ލާފައިވާއިރު، މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރުވެސް އޭނާއަށް ގިނަބައެއްގެ ތައުރީފް އަންނަނީ ލިބެމުންނެވެ.

މިދިޔަ އަހަރު ހުދު ހެނދުމެއްގައި އަލަށް "މެޓް ގާލާ" އަށް އައި ދިޕިކާ މިފަހަރު ހުރީ ރަތް ކުލައިގެ ހެނދުމެއްގައެވެ. އަދި މި ފަހަރުގެ މި ހެނދުން ދިޕިކާއަށް ވަރަށް ގުޅޭ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

deepika padukone at the met gala in new york 2018

މި ހަފްލާއަށްފަހު ޕްރިޔަންކާ ދެން އެންމެ އަވަހަށް ދިޔުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހު އޮންނަ އޭނާގެ ދުވަސްވީ ރަޙްމަތްތެރިޔާ މެގަން މާކަލްގެ ޝާހީ ކައިވެނީގެ ހަފްލާއަށެވެ.

ދިޕިކާވެސް ވަރަށް އަވަހަށް ކެންނެސް ގައި އޮންނަ ފިލްމް ފެސްޓިވަލްއަށް ދާނެ ކަމަށް ޚަބަރުތައް ބުނެއެވެ. އަދި މެއި 10 އަދި 11 ގައި ރެޑް ކާޕެޓްގެ މަތީގައި ހިނގުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ހޮލީވުޑް ތަރިންތަކުގެ ތެރެއިން "މެޓް ގާލާ" އަށް ހާޒިރުވި ބައެއް ސެލެބްރިޓީސް ތަކުގެ ތެރޭގައި ކޭޓީ ޕެރީއާއި ރިހާނާއާއި ކޭޓް މޮސްއާއި ޖޯޖް ކްލޫނީ ފަދަ ތަރިން ހިމެނެއެވެ.

ނިއު ޔޯކްގައި ކުރިއަށްގެންދިޔަ މި ހަފްލާއަކީ ފެޝަން އިންޑަސްޓްރީގައި ބޭއްވޭ އެންމެ ބޮޑު ހަފްލާކަން ފާހަގަކޮށްލެވެއެވެ.