އެއްބަޔަކަށް ދުނިޔެއަކީ ހަމައެކަނި އުފަލާއި މަޖަލުގެ ގޯއްޗެއް ކަމަށް ހީވެފައި އޮތަސް، އަހަރެންނަށް ދުނިޔެ ސިފަވަނީ އިމްތިހާނުގެ ގޯއްޗެއްގެ ގޮތުގައެވެ. އެހެންމީހުންނަށް އެމީހުން ހިތްއެދޭފަދަ އެތައް ކަމެއް ވަމުންދާއިރު، ކާމިޔާބީތައްވެސް ލިބެމުން އެދަނީ ޝުކުރުކުރަން އުނދަގޫވާ މިންވަރަށެވެ. އެކަމަކު އަހަރެންގެ ދިރިއުޅުން މިއާ މުޅިން ތަފާތެވެ. އުފަލުގެ ކުޑަ މިންވަރެއްވެސް މި ހިތްދަތި ހަޔާތުގައި ނުވެޔޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މުޅިންވެސް ވޭނާއި ހިތްދަތިކަން މިވަނީ އަހަރެންގެ ހަށިފާރަވެރިން ކަމުގައިވެފައެވެ. ލިބެން އުޅޭ އުފަލަކުންވެސް މަހްރޫމްކޮށްލާ ފަދައަކުންނެވެ.

އަހަރެންނަކީ އެހެން މީހުން ފަދައިން މާ ސިއްހަތުވެސް ރަނގަޅު ޒުވާނެއް ނޫނެވެ. އުމުރުން އެހާ ޅައިރު ދެ ކިޑްނީ ފޭލިވެފައިވާ ޚަބަރު ވެގެންދިޔައީ ދުނިޔޭގައި ހުރުމަށް ކުރަމުންދިޔަ އުންމީދުގެ އުއްބައްތި ކަނިވެގެން ދިޔަ ސަބަބަކަށެވެ. ކުރިންވެސް އެތަކެއް ވޭނެއް ތަހައްމަލު ކުރަން ޖެހިފައިވާތީއާއިއެކު ހިތްވަރު މުޅިން އެލުނީ އެހިސާބުންނެވެ.

ލޯބީގެ ހަޔާތަށް ޖެހިލަމާތޯއެވެ. މި ހަޔާތުގައިވެސް ކާމިޔާބީގެ ބަދަލުގައި އަހަރެންނަށް މަރުހަބާކީ ނާކާމިޔާބީއެވެ. އެންމެ ލޯބިވި ކުއްޖާ ނުލިބުނުތާ ހަޔާތަށް އައި ހުރިހާ އަންހެން ކުދިންވެސް ދޯކާ ދިނުމަށްފަހު އަހަރެންގެ މުއްސަނދި ކަމުގެ ނާޖާއިސް މަންފާ ނަގައިގެން ފިލަނީއެވެ. އަހަރެންނަށް ކުރެވުނީ ކޮން ކުށެއްކަމެއްވެސް އެއްގޮތަކަށްވެސް ހަމަ ނޭނގެއެވެ.

އެންމެ ފުރަތަމަ އަހަރެން އެންމެ ލޯބިވި އަންހެން ކުއްޖާ ހިތު އަޅައިގެން އޭނާއަށް އިންތިޒާރު ކުރަމުން ދިޔައީ އޭނާ އަށް އެ ފަދަ ގުޅުމަކަށް ދެވެން އޮތީ އޯލެވެލް ނިމުމުން ކަމުގައި އެ އަންހެން ކުއްޖާ ބުނުމުންނެވެ. އުމުރުގައި ދެ އަހަރުގެ ފަރަގު ހުރި ކަމުގައިވިޔަސް އެ އަންހެން ކުއްޖާއަށް އިންތިޒާރު ކުރަމުން ދިޔައީ އޭރު އެ ކުއްޖާ ދެކެ ވެވުނު ލޯތްބެއްގެ ބޮޑު ކަމުންނެވެ. ނަމަވެސް އެ ކުއްޖާގެ އޯލެވެލް ކީއްކުރަން ހެއްޔެވެ؟ އަހަރެން އޭނާއަށް ލޯބި ހުށަހެޅިތާ މާ ގިނަ ދުވަހެއް ނުވެ ދެން ފެންނަންފެށީ އެ އަންހެން ކުއްޖާ އެހެން ފިރިހެން ކުއްޖަކާއި ލޯބީގެ ގުޅުމުން ގުޅިގެން އުޅޭތަނެވެ. ބުނެވެސް ނުލާ އެ ކުއްޖާ ކަންތައް ކުރި ގޮތުން ލޯބީގެ ކުޅިގަނޑު މަތިން ފޫހިވާން ފެށީ ބޭއިޚްތިޔާރުގައެވެ.

ދުވަސްގަނޑަކަށްފަހު އަނެއްކާވެސް އަހަރެންގެ ހަޔާތަށް އަންހެން ކުއްޖަކު ގެނައީމެވެ. ނިކަން ލޯބިން ދުވަސްގަނޑަކު އުޅެފައި އެ ކުއްޖާވެސް ފެން އޮތް އެހެން ތާކަށް އުދުއްސައިގަތީ އަހަރެންގެ މުއްސަނދި ކަމުގައި ރަނގަޅަށް "ބަކަތަޅާލައި" އޭގެން ފެންވަރާލައިގެންނެވެ.

ދޯކާއަކަށްފަހު ދޯކާއެއް ލިބެމުން ދިޔުމުން ލޯބީގެ ސަފްހާތައް ލައްޕާލުމަށް އަހަރެން ނިންމީ ހިތަށް ލިބިފައިވާ ޒަހަމްތަކަށް ފަރުވާ ކުރުމަށާއިއެއްކޮށް އެ ނޫން ކޮންމެވެސް އެހެން ކަމަކަށް ސިކުނޑި ހާނުވާށެވެ. އެގޮތުގެ މަތިން ބައްޕަގެ ވިޔަފާރީގެ ކަންތައްތަކުގައި އަމިއްލައަށް އިސްވެ ހަރަކާތްތެރިވާން ފެށީމެވެ. އޭރުންވެސް ސިކުނޑިއަށް ލިބިފައިވާ ހާސްކަން ކުޑަވާނެ ކަމަށް ވިސްނާފައެވެ.

ހީކުރި ގޮތާއި ޚިލާފަށް ސިކުނޑި ދިޔައީ އިތުރަށް ހާސް ކުރުވަމުންނެވެ. ލޯބީގައި ނާކާމިޔާބީއާއ ކުރިމަތިލާން ޖެހި މާބޮޑަށް އެކަމުން އަރައި ނުގަނެވި އުޅެނިކޮށް ދެން ދިމާވީ އެއަށްވުރެ ހިތާމަވެރި ހާދިސާއެކެވެ. ބައްޕަގެ ކުއްލި މަރާ ކުރިމަތިލާން ޖެހުމެވެ.

އެންމެ ކުޑައިރުއްފެށިގެންވެސް މަންމަގެ އެހީއެއްވެސް ނެތި ބައްޕަ އަހަރެން ބަލާ ބޮޑުކުރީ ވަރަށް ގިނަ ޤުރުބާނީތަކެއްވެ، ވަރަށް ހާލުގައި އުޅެމުންނެވެ. އޭގެ ބަދަލުގައި ބައްޕަ އަހަރެން ކުރެ އަބަދުވެސް އެދެނީ އުފާވެރި ދިރިއުޅުމަކަށެވެ. އެކަމަކު އެއޮށް ކުޑަކުޑަ ކަންތައްވެސް އަހަރެންނަށް ކޮށް ނުދެވުނެވެ. ވީއިރު، އަހަރެން މިއީ ކީއްކުރާނެ ދަރިއެއް ހެއްޔެވެ؟

މި ހުރިހާ ކަންތައްތަކަކާއިހުރެ އަހަރެންގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ. ހިތުގައި ފުނިޖެހިފައިވާ ޝަކުވާތައް ވެސް ހުއްޓެއް ކަމަކު އޭގެން ކަމަކަށް ފަރުވާލެއް ނުބެހެއްޓެއެވެ. އެއަށްވުރެ އެ ދުވަސްކޮޅު އަހަރެންގެ ސިއްހީ ހާލުވެސް ދިޔައީ ސަކަރާތްވަމުންނެވެ. އެއްޗެއް ހަމައަށް ނުކެވޭތާ ދިޔާ އެއްޗެހި ބޮވޭ ނިސްބަތްވެސް ދުވަހަކަށްވުރެ ދުވަހެއް ދިޔައީ މަދުވަމުންނެވެ.

ހަށިގަނޑަށް ބަލަންވީ ވަރަށް ނުބެލުމުގެ ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ބާރު ދުވަހަކަށްވުރެ ދުވަހެއް ދިޔައީ ދަށަށެވެ. ނަތީޖާއެއްގެ ގޮތުން ހީވެސް ނުކުރާހާ ގޮތްގޮތަށް އެތަކެއް ބައްޔަކާ "އޮޅުލަން" ޖެހުނެވެ. ފުލުފުލުގައި ބަލިމަޑުކަން ލައްވާލުމުން އާމްދަނީ ހޯދުމަށް ކުރަމުން އައި މަސައްކަތްތައްވެސް ހުއްޓުމަކަށް އައެވެ.

އަޅާލާނެ މިތުރެއް ނެތްހާލު އަހަރެން ހަމަ ދުނިޔޭގައި މަރުނުވެ ހުރީތީ "ގަނަތެޅެނީ" އޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މިއަދު އެ މުއްސަނދި ދިރިއުޅުން އެހެރަގެން "ހުލިވެގެން" ދަނީއެވެ. ނުވިތާކު އަހަރެންވެސް މިއޮށް ވިރާނާވެ ދަނީއެވެ. ލޯބިން ފިރުމައިދޭނޭ މީހަކު ނެތެވެ. ހިތްވަރުދޭނޭ މީހަކު ނެތެވެ. ދުނިޔޭގައި ހުރުމަށް ހިތްވަރު ލިބިގެންދާނެ ސަބަބެއް ނެތެވެ. އުފަލުގެ ކުޑަ މިންވަރެއްވެސް ނެތެވެ. ވީއިރު މި ވިރާނާ ދިރިއުޅުން ސިފަ ކުރެވޭނީ އިމްތިހާނެއްގެ ގޮތުގައި ނޫން ހެއްޔެވެ؟

މި އެކަނިވެރި ވޭނުން ފުރިފައިވާ ދިރިއުޅުމުގެ އިމްތިހާނުން އިރާދަ ކުރެއްވިއްޔާ އަހަރެން ފާސްވާނަމެވެ. އެކަމަކަށްޓަކައި ކުރަން ހުރި މަސައްކަތްތައްވެސް ކުރާނަމެވެ. ޝަކުވާތައް އެއްކިބާކޮށް އަދި މި ނޫން ދުވަހެއްވެސް ވާކަން ހަނދާންކުރާ ހާލުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަލް

    ވަރަަށް ސަޅި އޮބިނެސް ޓުދަ މެކްސް އުމްމަ ?❤

  2. ާ

    މާޝާﷲ..