އެކުގައި މަސައްކަތް ކުރާ ފިރިހެން މުވައްޒަފުންގެ ފަރާތުން މަސައްކަތުގެ މާހައުލާ ނުގުޅޭ ބަދުއަހުލާގީ ކޮމެންޓާއި ފޯން ކޯލް، ފޮޓޯ ފަދަ ތަކެތި ލިބުމަކީ އަންހެނުންނަށް މަސައްކަތުގެ މައިދާނުގައި ދިމާވާ ޖިންސީ ފުރައްސާރައިގެ ތެރެއިން އެންމެ އާންމު އެއްކަމެވެ. ކޮވިޑް-19 ގެ ހާލަތާ ގުޅިގެން އަދިވެސް ގިނަ ބަޔަކު މަސައްކަތް ކުރަމުން ދަނީ ގޭގައި ކަމަށްވާ އިރު ފޯނާއި އޮންލައިންކޮށް މުއާމަލާތުކުރަން ޖެހުމުން މިފަދަ އަމަލުތައް އިތުރުވެފައިވާ ކަމަށް ޑެއިލީ މެއިލް އިން ލިޔެފައިވާ ލިޔެމަކުން ދައްކައެވެ.

ކޮވިޑް-19 އާ ގުޅިގެން އަމިއްލަ ދިރިއުޅުމާއި، މަސައްކަތުގެ މާހައުލު ބެލެންސް ކުރުމަކީ އުނދަގޫ ކަމަކަށް އޮންނަނީ ވެފައެވެ. އޮންލައިންކޮށް މަސައްކަތް ކުރަން އުނދަގޫވާ އަނެއް ސަބަބަކީ މެދު ނުކެނޑި ދިމާވާ ފުރައްސާރައިގެ އަމަލުތަކެވެ.

ގިނަ ފަހަރު މަސައްކަތުގެ މާހައުލުގައި ދިމާވާ މިފަދަ ކަންކަމާ މެދު އަޑު އުފުލާނީ ކިހިނެއް ކަން އަންހެނުންނަށް ދެނެއެއް ނުގަނެވެއެވެ. ސަބަބަކީ އެފަދަ މައްސަލަތައް ހުށަހަޅާނެ ސާފު ގައިޑްލައިނެއް އެކުލަވާލާފައި ނެތުމެވެ. ފުރައްސާރައާ ދެކޮޅަށް އެންޖީއޯއެއް ހަދައިގެން މަސައްކަތް ކުރާ އަކަންޝާ ސްރީވަސްތަވާ ބުނީ ކޮވިޑް-19 ފެތުރެން ފެށި ފަހުން ކޮންމެ ދުވަހަކުވެސް 4-5 ވަރަކަށް މީހުން މަސައްކަތުގެ މާހައުލުގައި ދިމާވާ ފުރައްސާރަތަކުގެ ވާހަކަ ރިޕޯޓްކުރާ ކަމަށެވެ.

ނަމަވެސް ކަމާބެހޭ އިދާރާތަކަށް މިފަދަ މައްސަލަތައް ރިޕޯޓްކުރާ މިންވަރު ވަރަށް މަދެވެ.

"ގިނަ މީހުން ރިޕޯޓް ނުކުރަނީ ވަޒީފާ ގެއްލިދާނެތީ. އެއީ މިހާރު ވަޒީފާއެއް ހޯދަން ވެސް އެހާ އުނދަގޫ. އަންހެނުންނަކީ އެހެން ނޫނަސް އުނދަގޫ ބޮޑު ބައެއްގެ ގޮތުގައި ވަޒީފާ ދޭ ބައެއް މީހުން ބަލަނީ،" އަކާންޝާ ބުންޏެވެ.

ގޭގައި ހުރެގެން މަސައްކަތް ކުރާ އިރު ދިމާވާ ފުރައްސާރައަކީ އެއީ ހަގީގަތުގައި ވެސް ފުރައްސާރަތޯ ދެނެގަންނަން އުނދަގޫވެއެވެ. މީގެ އެއް ސަބަބަކީ ގިނަ ފަހަރު ފުރައްސާރަ ކުރަނީ ސަމާސާއަކަށް ހަދާފައި ކަމަށް ވުމެވެ.

ނަމަވެސް ބަދުއަހުލާގީ ބަސްތައް ބޭނުން ކުރުމާ މޫނާއި އަތުގެ ހަރަކާތްތައް ގެންގުޅެ ގޮތުން އުނދަގޫވާ ހިސާބަށް ކަންކަން ދާ ނަމަ އޮންލައިންކޮށް ކުރިއަސް އެ ކުރެވެނީ ފުރައްސާރައެވެ.

އިންޑިއާގައި ކުރި ދިރާސާއަކުން އެނގޭ ގޮތުގައި އެންމެ ގިނަ އަންހެނުންނަށް ޖިންސީ ފުރައްސާރަ ކުރިމަތިވަނީ މަސައްކަތް ކުރާ ތަނުގެ އިސް މީހުންގެ ފަރާތުންނެވެ. އަދި އޮންލައިންކޮށް މަސައްކަތް ކުރާ އިރު އެ މައްސަލަ ވަނީ ހައްތަހާ ބޮޑެވެ. ބައެއް ވަޒީފާތަކަކީ ވަރަށް ލަސްވާ ފަހުން ވެސް މަސައްކަތް ކުރަން ޖެހޭ ކަހަލަ ތަންތަނެވެ. އެފަދަ ހާލަތުގައި ރޭގަނޑު ބޮސް ގުޅުމަކީ މައްސަލައެއް ނޫނެވެ.

އެކަމަކު ކުރާނެ މަސައްކަތެއް ނެތީސް، ނޫނީ މަސައްކަތް ނިމެ ފަހުން ތަކުރާރުކޮށް ވެރިން ގުޅާ ނަމަ އެއީ ފުރައްސާރައިގެ އަމަލެކެވެ. ބައެއް ފަހަރު ކޮންމެހެން ކުރަން ނުޖެހޭ މަސައްކަތް ކުރަން ދަންވަރު އޮންލައިންވާން ބުނުމާއި ބޭކާރު ވާހަކަ ދައްކަން ގުޅުމަކީ އެއީ ޖިންސީ ފުރައްސާރައިގެ ފެށުން ކަމަށް ވެދާނެއެވެ. އެހެންކަމުން މިއީ ސަމާލުވާން ޖެހޭ ކަމެކެވެ.

އިންޑިއާގައި ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ގޭގައި ތިބުމަކީ މީހުން މާޔޫސްވާ ކަމަކަށްވާ އިރު، އެ މާޔޫސްކަން ފިލުވާލަން އެހެން މީހުންނަށް ހަނގާ ކުރުން އާއްމުކަމަކަށް ވަނީ ވެފައެވެ. މިފަދަ ހަނގާކުރުންތައް ގިނައިން ދިމާވަނީ އަންހެނުންނާއެވެ. އެގޮތުން އެ މީހުން ހެދުން އަޅާ ގޮތަށް ފާޑުކިޔުމާއި، ބޭއަދަބީ ކޮމެންޓްކުރުން ފަދަ ކަންކަން ހިނގާކަމަށް އެ ދިރާސާގައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު