ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ފައްސިވިތާ ދެ ހަފްތާއަށްވުރެ ގިނަ ދުވަސްވީ ފަހުން ބްރެޒިލްގެ ރައީސް، ޖައިރު ބޮލްސޮނާރޯ ބަލިން ރަނގަޅުވެފައިވާކަން ހާމަކޮށްފިއެވެ.

އަމިއްލައަށް ކުރި ޓްވީޓެއްގައި ކޮވިޑް-19 އަށް ނައްސި (ނެގެޓިވް) ކަމަށް ބުނެ ބޮލްސެނާރޯ ވަނީ، ދިރާސާތަކުން ކޮވިޑް-19 އަށް ފަރުވާ ކުރުމަށް އެކަށީގެން ނުވާ ކަމަށް ކަނޑައަޅާފައިވާ އިންޑިއާގެ މެލޭރިއާ ބޭސް ޕްރޮމޯޓް ކޮށްފައެވެ.

މެލޭރިއާއަށް ފަރުވާ ކުރުމަށް ބޭނުންކުރާ "ހައިޑްރޮކްސިކްލޮރޮކުއިން" ގެ ޕެކެޓެއް ހިފައިގެން ހުރި މަންޒަރު ފެންނަ ފޮޓޯއެއް ޓްވީޓާގައި ބޮލްސެނާރޯ އާންމުކޮށްފައި ވަނީ، އޭނާ ބަލިން ރަނގަޅުވީ މި ބޭސް ބޭނުންކުރުމުން ކަމަށް ދޭހަކޮށްދިނުމުގެ ގޮތުންނެވެ.

ބޮލްސެނާރޯ އަށް ކޮވިޑް-19 ޖެހުމާއި ގުޅިގެން އޭނާއަށް ފަރުވާދެމުން ދިޔައީ މި ބޭސް ބޭނުން ކޮށްގެންކަން މީގެ ކުރިންވެސް އޭނާގެ ފަރާތުން އޮފިޝަލުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް މި ބޭހަކީ ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ނުރަނގަޅު އަސަރުތަކެއް ކުރުމާއިއެކު، ކޮވިޑްގެ ބަލި ހާލަތަށް އެއްވެސް ރަނގަޅު ބަދަލެއް ނުގެންނަކަން ތަހުލީލުތަކުން ސާބިތުވެފައިވާ ބޭހެކެވެ.

މި ސަބަބާއި ގުޅިގެން ބައެއް ބޮޑެތި ޤައުމުތަކުން ހައިޑްރޮކްސިކްލޮރޮކުއިން އެއްވެސް ގޮތަކަށް ބޭނުންކުރުން ހުއްޓާލާފައި ވާއިރު، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ވެސް ވަނީ މި ބޭހަކީ ކޮވިޑް-19 އަށް ފަރުވާ ކުރުމަށް އެކަށީގެންވާ ބޭހެއް ނޫން ކަމަށް ކަނޑައަޅާފައެވެ.

ބްރެޒިލްގެ ރައީސް، ބޮލްސޮނާރޯ މި ބޭސް ޕްރޮމޯޓް ކޮށްފައިވާއިރު އޭނާ ކޮވިޑް-19 ސިފަކުރަނީ އާދައިގެ ރޯގަލެއްގެ ގޮތުގައެވެ. އޭނާ އަށް މި ބަލި ޖެހިފައި ވަނީ ބްރެޒިލްގައި ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލުމަށް ގޮވާލައި ބޮޑެތި މުޒާހަރާތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވަމުން ދަނިކޮށެވެ.

ކޮވިޑް-19 ގެ ނުރައްކާ ބްރެޒިލް އަށް ބޮޑުވުމުގެ ކުރީން ބޮލްސޮނާރޯ ބުނަމުން ދިޔައީ އެޤައުމަކީ "ކޮވިޑް ފްރީ" ޤައުމެއް ކަމަށެވެ. އަދި އެޤައުމުގެ މީހުންނަށް މިބަލި ޖެހުމަކީ ނާދިރުކަމެއް ކަމަށް ބުނެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދިޔަ އެހެން ޤައުމުތަކަށް ވެސް އޭނާ ދިޔައީ މަލާމާތްކުރަމުންނެވެ.

ދުނިޔެއިން އެންމެ ނުރައްކާ ބޮޑުވެފައިވާ ޤައުމުތަކުގެ ލިސްޓުގެ ކުރިޔަށް ބްރެޒިލް ޖެހުނީ ބޮލްސޮނާރޯގެ މިފަދަ ގަދަބަސްތަކުގެ އަޑު ގަދަވަމުން ދަނިކޮށެވެ. މިހާރު ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ޤައުމެއްގެ ގޮތުގައި ބްރެޒިލް އޮތްއިރު، މި ބަލީގައި ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމަކީވެސް އެއީ އެވެ.

ބްރެޒިލް އިން މިހާތަނަށް ޖުމްލަ 2.3 މިލިއަން މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އޭގެތެރެއިމން 85000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެޤައުމަކީ ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކަށް މި ބަލީގައި ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް މެއެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި އެޤައުމުން މަރުވާ މީހުންގެ އަދަދު އިތުރުވެދާނެ ކަމުގެ ބިރުވެސް ވަނީ ބޮޑުވެފައެވެ.