ބޮލީވުޑްގެ މަޝްހޫރު އެކްޝަން ޑައިރެކްޓަރ، ޕަރްވޭޒް ޚާން ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

ޕަރްވޭޒް ޚާން މަރުވީ ހާޓް އެޓޭކެއް ޖެހިގެން އިއްޔެގެ ވަގުތެއްގައެވެ.

ހާޓް އެޓޭކެއް ޖެހިގެން ޕަރްވޭޒް ޚާން ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފައެވެ. އޭނާ އަށް ހާޓް އެޓޭކެއް ޖެހުނީ ކުއްލި ގޮތަކަށް މޭމައްޗަށް ތަދެއް އަރައިގެން ފަރުވަ ހޯދަން ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.

ޕަރްވޭޒް ޚާންގެ އާއިލާގެ ބައެއް ފަރާތްތަކާއި ހަވާލާދީ ނޫސްތައް ބުނާ ގޮތުން ހާޓް އެޓޭކް ޖެހުމުގެ ކުރީން އޭނާއަށް ސިއްޙީ އެއްވެސް މައްސަލައެއް ކުރިމަތިވެގެން ނޫޅޭ ކަމަށެވެ. ހާޓް އެޓޭކެއް ޖެހިގެން އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ޕަރްވޭޒް ޚާން އަކީ ބޮލީވުޑްގެ މަޝްހޫރު ގިނަ ފިލްމްތަކުގައި އެކްޝަން ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ކުޅަދާނަ ޑައިރެކްޓަރެކެވެ. މިގޮތުން މަޝްހޫރު ތަރި، ޝާހްރުކް ޚާންގެ އެންމެ ކާމިޔާބު އެއް ފިލްމް ކަމަށްވާ "ބާޒީގަރ" އާއި އަކްޝޭ ކުމާރުގެ "ކިލާޑީ" ގެ ފިލްމްތަކާއި ބޮބީ ޑިއޯލްގެ "ސޯލްޖާ" އިންވެސް ޕަރްވޭޒްގެ މަސައްކަތްތައް ފެނިގެން ގޮސްފައި ވެއެވެ.

ބޮލީވިޑްގެ އެންމެ ކާމިޔާބު ފިލްމްތަކުގައި މަސައްކަތް ކޮށްފައިވާ ޕަރްވޭޒް ޚާން އަށް 2013 ވަނަ އަހަރު، އެކްޝަން ޑައިރެކްޝަން އިން އިންޑިއާގެ ޤައުމީ އެވޯޑެއްވެސް ލިބިފައި ވެއެވެ.

އޭނާ ކުއްލި ގޮތަކަށް މަރުވުމާއި ގުޅިގެން ބޮލީވުޑްގެ މަޝްހޫރު ތަރިންނާއި ޑައިރެކްޓަރުންގެ އިތުރުން ފިލްމީ ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކު އަންނަނީ މީސްމީޑިއާގައި ހިތާމަވެރި ޝުޢޫރުތައް ފާޅުކުރަމުންނެވެ.

އުމުރުން 55 އަހަރުގައި ޕަރްވޭޒް މަރުވިއިރު އޭނާގެ އަންހެނުންނާއި ދިރިހެން ދަރިއަކު ދުނިޔޭގައި އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަލީމް

    މީދޯ ޕަރްވޭޒް ޚާން އަކީ އެކިޔާ...
    ޕީކޭ ފިލްމްގަ މީނަގެ ނަން ކިއާނެ،

    ތަލަބޯ ފާދިރީ : “ތުމް ހޯ ކޮން ؟؟”
    “ކަނހީ ޕަރްވޭޒް ހާން ތޯ ނެހީ ؟ “

    1
    1