ކޮވިޑް-19 ގެ ބިރުވެރިކަމަށް ރަނގަޅު ބަދަލުތަކެއް އަންނަހެން ހިއެއް ނުވެއެވެ. ބައްޔަށް ފައްސިވާ މީހުންގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ. އެންމެންވެސް ބުނަމުން ދަނީ ބައްޔާއެކު އުޅެން ދަސްކުރަން ޖެހޭ ކަމަށެވެ. މިގޮތަށް ވާހަކަދެކެވެމުންދާއިރު، މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ރެސްޓޯރެންޓްތަކުން މި ދަނީ ކޮވިޑް-19 ތީމްގެ ޑިޝް މެނޫއަށް ލަމުންނެވެ.

އެގޮތުން މިހާރު ޖޮދްޕޫރްގެ ރެސްޓޯރެންޓަކުން މި ވަނީ އެފަދަ މަސައްކަތެއް ކޮށްފައެެވެ. އެ ރެސްޓޯރެންޓްގެ މެނޫއަށް ގެނައި ބަދަަލަކީ ކޮވިޑް ކަރީ، މާސްކް ނާން އިތުރު ކުރުމެވެ.

ކޮވިޑް ކަރީ އަކީ ކޮވިޑް-19ގެ ޝޭޕަށް ތައްޔާރުކޮށްފައިވާ މަލައި ކޮފްތާ އެވެ. ނޫނީ ރިހަގަނޑެކެވެ. މާސްކް ނާން އަކީ މާސްކް ޝޭޕަށް ތައްޔާރުކޯށްފައިވާ ނާން އެވެ.

އެ ރެސްޓޯރެންޓުގެ ވެރިޔާ އަނިލް ކުމާރް ބުނީ، އެ ދެ ޑިޝްއަކީ އޭނާގެ އަމިއްލަ ޑިޝްއެއް ކަމަށެވެ.

އޭނާ ބުނެފައި ވަނީ މިކަންތައްކޮށްފައި ވަނީ މީހުންގެ ސަމާލުކަން ހޯދަން ކަމަށެވެ. އަދި އޭނާގެ ރެސްޓޯރެންޓް ސިއްހީ މިންގަނޑަށް ފެތޭނެ ކަމަށާއި، އެ ރެސްޓޯރެންޓުން ވަރަށް ރަނގަޅަށް ކަސްޓަމަރުންގެ ކަންކަންބަލައި، ކަންތައް ކުރާނެ ކަމަށެވެ.

އަނިލް ކުމާރްގެ އެ މޮޅު ހިޔާލާއެކު، މިހާރު އެ ރެސްޓޯރެންޓަށް ދާ މީހުންގެ އަދަދުތައް ވަނީ ގިނަވެފައެވެ. އެގޮތުން އެ ރެސްޓޯރެންޓަށް ދިޔަ އެ ކާން ދިޔަ މީހަކު ވަނީ، މި ދުވަސްވަރު އެ ރެސްޓޯރެންޓުން ކަންތައް ކުރަނީ އެންމެ ރައްކާތެރި ގޮތަށް ކަން ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު