ބަޓަން ބެޓެރި ބުރިއެއް ދިރުވާލައިގެން ހާލު ސީރިޔަސްވި ކުޑަކުއްޖަކު ރަނގަޅުވެއްޖެއެވެ.

ބެޓެރި ބުރި ދިރުވާލެވުނު ކުއްޖާ މިހާރުވަނީ، ހޮސްޕިޓަލުގެ ފަރުވާއަށްފަހު ގެއަށް ދޫކޮށްލާފައެވެ.

އެމެރިކާގެ ނޫސްތަކުން ބުނާ ގޮތުގައި ބެޓެރި ބުރިއެއް ދިރުވާލެވިފައިވަނީ އެޤައުމުގެ ކަނެކްޓިކަޓަށް ނިސްބަތްވާ ކުއްޖެކެވެ.

މިކަން ހިނގި ގޮތާ ބެހޭގޮތުން، 18 މަހުގެ މި ކުއްޖާގެ މަންމަ، ނޫސްތަކަށް ބުނެފައިވަނީ އެއް ދުވަހަކު ކުޅޭ އެއްޗެހިތަކެއް ހިފައިގެން، އޭނާގެ ދަރިފުޅު ކުޅެން އިންދާ، ތަފާތެއް ފާހަގަކުރެވުނީކަމުގައެވެ. އެހެންކަމުން، ދަރިފުޅު ގޮވައިގެން އެދުވަހު ހޮސްޕިޓަލުގެ އެމަޖެންސީ ބަޔަށް ދިޔަކަމަށާއި އޭރު އަނގައިން ފޯމު ނިކުމެ، ހޮޑުލަމުން ދިޔަކަމަށްވެސް ބުނެފައިވެއެވެ.

ކުއްޖާއަށް ދިރުވާލެވިފައިވަނީ ބެޓެރިއެއް ކަން އެނގުނީ، ހޮސްޕިޓަލުން އެކްސްރޭ ނެގުމުންކަމަށްވެސް އެއަންހެން މީހާ ބުނެފައިވެއެވެ.

ބެޓެރި ނެގުމަށް ހޮސްޕިޓަލުގައި ބޮޑު އޮޕަރޭޝަނެއް ކޮށްފައިވާއިރު، ދެ މަސް ދުވަސް ވަންދެން ހާލު ވަރަށް ދެރަވެފައި އޮތް ކަމަށްވެސް ކުއްޖާގެ މަންމަ، މީޑިޔާތަކަށް ކިޔައިދީފައިވެއެވެ. އަދި އެކަމުގެ ސަބަބުން ކުއްޖާގެ ހެދި ބޮޑުވުން ލަސްވިކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް، ދެ އަހަރު ފަހުން، ހޮސްޕިޓަލުގައި ފަރުވާ ފުރިހަމަ ކުރުމަށްފަހު ގެއަށް ދޫކޮށްލިއިރު، ކުއްޖާގެ ގައިގައި އެއްވެސް މައްސަލައެއް ނެތްކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އެހެން ބެލެނިވެރިންނަށް، މިކަމުން އިބުރަތެއް ހޯދައިދިނުމަށް މިކަން އަންގައިދޭން ބޭނުންވާކަމަށް ކުއްޖާގެ މަންމަ ބުނެފައިވެއެވެ.