އިންޑިއާގެ މްދްޔާ ޕްރަދޭޝްގެ ދާރް ޑިސްޓްރިކްޓަށް ނިސްބަތްވާ މީހަކު އޭނާގެ ދަރިފުޅު ޓެސްޓު ޕޭޕަރު ހަދާ ސެންޓަރަށް ގެންދިއުމުގައި ބައިސްކަލުގައި ހަތް ގަޑިއިރުގެ ދަތުރެއް ކޮށްފިއެވެ. އޭނާ ވަނީ ދަރިފުޅު އެ ބައިސްކަލުގައި ބައިންދައިގެން 100 ކިލޯ މީޓަރަށް ދަތުރު ކޮށްފިއެވެ.

ބައިޑްޕުރާ ވިލޭޖަށް ނިސްބަތްވާ ޝޮބްހަރަމް އޭނާގެ ދަރިފުޅު އަޝިޝް ގޮވައިގެން ބައިސްކަލުގައި ދިޔައީ ދަރިފުޅު ޓެސްޓު ޕޭޕަރު ހަދަން ޖެހޭތީއެވެ. 105 ކިލޯމީޓަރު ދުރުގައި ހުރި އެގްޒާމިނޭޝަން ސެންޓަރަށް ޝޮބްހަރަމް އޭނާގެ ދަރިފުޅު ގޮވައިގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެ ވީޑިއޯއިން ދައްކަނީ އެ މީހާ އެ ދަރިފުޅަށް ކިޔަވާ ދިނުމަށް ކުރަމުންދާ ގުރުބާނީ ކަމަށް ގިނަބަޔަކު ބުނެފައި ވެއެވެ.

އަޝިޝް އަކީ ގްރޭޑް 10ގައި ކިޔަވަމުންދާ ކުއްޖެކެވެ. އޭނާ ބޯޑް އޮފް ސެކަންޑްރީ އެޑިކޭޝަން ޓެސްޓުގައި ބައިވެރިވި ނަމަވެސް ވަނީ ފާސް ނުވެފައެވެ. އެހެން ނަމަވެސް ސަރުކާރުގެ ޕްރޮގްރާމެއްގެ ދަށުން 10، އަދި 12 ކުދިން އެ ޓެސްޓުން ފާސް ނުވުމުން އަނެއްކާވެސް ޓެސްޓު ހަދަން ފުރުސަތު ދެއެވެ.

އެހެންވެ އަޝިޝްއަށްވެސް އެ ލިބުނު ފުރުސަތުގައި އޭނާވެސް އަލުން އެ ޓެސްޓު ހަދަން ނިންމީއެވެ.

އެހެން ނަމަވެސް ކޮވިޑް-19ގެ ކަންތައްތަކާއި ހެދި އާއްމު ދަތުރުފަތުރުތައް މަޑު ޖައްސާލާފައި އޮތުމުން، އިތުރު އެއްވެސް ގޮތެއް ނެތިގެން ޝޮބްހަރަމް އޭނާގެ ދަރިފުޅު ގޮވައިގެން ބައިސްކަލުގައި ދާން ޖެހުނީއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އޭނާ ބައިސްކަލުގައި ދިޔައިރު، ދިޔައީ ގޮދަޑިއެއްވެސް ހިފައިގެން ކަމަށް ވެއެވެ. އެއީ ހޮޓަލްގައި އެ މީހުން ތިބެން ފައިސާ ނެތުމުން ކަމަށް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު