ސައުތު ކޮރެޔާ ޑްރާމާަތަކަކީ މިހާރު ރާއްޖޭގައިވެސް ވަރަށް މަގުބޫލު ޑްރާމާތަކެކެވެ. މިގޮތުން ޖޫން މަހުގެ 20 ވަނަ ދުވަހު ނެޓްފްލިކްސްއިން ދައްކަން ފެށި ސައުތު ކޮރެޔާ ޑްރާމާ ''އިޓްސް އޯކޭ ނޮޓް ޓު ބީ އޯކޭ'' އަކީ ކޮރެޔާގެ އިތުރުން އެހެން ގައުމުތަކުގައި ވެސް ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޑްރާމާއެެކެވެ.

ޕާކް ޝިން ވޫ ޑައިރެކްޓްކޮށްފައިވާ މި ޑްރާމާއަކީ ލޯބީގެ ޑްރާމާއެކެވެ. މި މަހުގެ ނުވަ ވަނަ ދުވަހު މި ޑްރާމާ ނިމިފައިވީ ނަމަވެސް އަދިވެސް މިއަށް އޮތް މަގުބޫލުކަން ކުޑައެއް ނުވެއެވެ. އެއީ މި ޑްރާމާގައި ބޭނުންކޮށްފައިވާ ކުޑަކުދިންގެ ފަސް ވާހަކައިގެ ސަބަބުންކަމަށް ގިނަ ފަރާތްތަކުން ބުނެއެވެ. އެހެންކަމުން މި ޑްރާމާގެ ޕްރޮޑަކްޝަން ޓީމުން ނިންމީ މި ފަސް ވާހަކަ ޕަބްލިޝްކޮށް މާކެޓަށް ނެރުމަށެވެ.

އެ ވާހަކަތަކަކީ ''ދަ ބޯއީ ހޫ ފެޑް އޮން ނައިޓްމެއަރ، ޒޮމްބީ ކިޑް، ދަ ޗިއަރފުލް ޑޯގް، ދަ ހޭންޑް ދަ މޮންކް ފިޝް، އަދި ފައިންޑިންގ ދަ ރިއަލް ފޭސް'' އެެވެ.

ކިމް ސު ހުވަން، ސިއޮ ޔެ ޖީ އަދި އޯ ޖަންގ ސޭ ލީޑްރޯލު ކުޅެފައިވާ މި ޑްރާމާގައި ދައްކުވައިދެނީ ތިން މީހަކު ތަހައްމަލު ކުރަމުންދާ ތަފާތު ތިން ބިރުވެރިކަމަކުން އަރައިގަތުމަށް ކުރާ މަސައްކަތެެވެ. ސައިކޭޓްރިކް ހޮސްޕިޓަލެއްގެ ކެއަރ ޓޭކަރއަކާއި ކުޑަކުދިންގެ ވާހަކަ ލިޔުންތެރިޔަކާއި ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ކަންކަން ދައްކުވައިދޭ މި ޑްރާމާ އަދިވެސް ވަނީ ނޫސްތަކުގެ ފަލަ ސުރުހީގައެެވެ.

މި ޑްރާމާގެ ކޮންސެޕްޓް އާޓިސްޓް ޖޭމްސަންގެ މި 5 ވާހަކައަކީ އޭނާގެ ކެރިއަށް ލިބުނު އިތުރު ކުރިއެރުމެކެވެ. އަދި މި 5 ވާހަކައަކީ މި މަހުގެ އެންމެ ގިނައިން ވިކޭ 20 ފޮތުގެ ލިސްޓްގައިވާ ފޮތްތަކެއްކަމަށް ކިޔޮބް ބުކްސްޓޯރ އަދި ޔެސް24 ވެބްސައިޓުގައިވެއެވެ.

މިއީ ކޮރެޔާ ޑްރާމާ ބަލާހިތްވާ ފަރާތްތަކުން ބަލައިލަން ރަނގަޅު ޑްރާމާއެކެވެ.