ފްރާންސުގެ ސިޓީއެއް ކަމަށްވަ ލިޔޯންގައި ބޭންކެއްގެ ފައިސާ އުފުލާ އާމާޑް ވެހިކަލެއްގައި ތިބި ގާޑުން ރަހީނުކޮށް ދިހަ މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ފޭރިގެންފިއެވެ.

މިދިޔަ ހަފްތާގައި ހިނގި މި ހާދިސާ އަކީ ފާއިތުވެދިޔަ ދިހަ އަހަރުގެ ތެރޭގައިވެސް ފްރާންސުގައި ހިނގި މިފަދަ ފޭރުމުގެ އެންމެ ބޮޑު ހާދިސާ ކަމަށް އިދާރާތަކުން ބުނެއެވެ. އޮފިޝަލުން ނޫސްތަކުގައި ބުނެފައިވާގޮތުން މި ހާދިސާގައި 10,715,841 އެމެރިކާ ޑޮލަރު ފޭރިގެންފައި ވެއެވެ.

މި ހާދިސާގައި ފައިސާ އުފުލަން ބޭނުންކުރި ވޭނު ހުއްޓުވާފައި ވަނީ ބޭންކަށް ފައިސާ ގެންދިޔަ މަގުމަތީގައި އެހެން ދެ ވޭނެއްގައި ދިޔަ ހަތިޔާރުއެޅި ބައެކެވެ. މި ދެވޭނުގައި ތިބި މީހުން ވަނީ ފައިސާ ގެންދިޔަ ވޭނު ހުއްޓުވައި، އޭގައި އެވަގުތު ތިބި ދެ ސެކިއުރިޓީ ގާޑުންނާއި ޑްރައިވަރު ރަހީނުކޮށްފައެވެ.

އަދި އެ ދެމީހުންނަށް ބިރު ދައްކައި ފައިސާތައް ފޭރިގަތުމަށްފަހު ވައްކަން ކުރި މީހުން ވަނީ ފިލާފައެވެ.

މި ހާދިސާ އާއި ގުޅިގެން ފްރާންސުގެ އިދާރާތަކުން މިހާރު ޚާއްސަ އޮޕަރޭޝަނެއް ކުރިޔަށް ގެންދާއިރު، މިކަމާއި ގުޅިގެން އަދި މީހަކު އަތުލައިގަނެވިފައެއް ނުވެއެވެ. މި ހާދިސާގައި ރަހީނުކުރި މީހުން ފަހުން ވަނި ދޫކޮށްލާފައެވެ. ފައިސާ ފޭރުނު މީހުން އެ ތިން މީހުންނަށް އެއްވެސް އަނިޔާއެއް ކޮށްފައެއް ނުވެއެވެ.

ލިޔޯންގައި 2009 ވަނަ އަހަރުވެސް މިފަދަ ފޭރުމުގެ ހާދިސާއެއް ހިނގާފައި ވެއެވެ. އެފަހަރުވެސް ބޭންކެއްގެ ގާޑުން ރަހީނު ކުރުމަށްފަހު ބިރުދައްކައިގެން 13.8 މިލިއަން ޑޮލަރު ފޭރިގެންފައި ވެއެވެ. އެ ހާދިސާ އާއި ގުޅިގެން އިދާރާތަކުން ހިންގި އޮޕަރޭޝަނުގައި ވައްކަންކުރި މީހުންނާއި އެމީހުންނާއި ގުޅުންހުރި ގިނަ ބަޔަކު ހައްޔަރުކޮށް، ފޭރުނު ފައިސާގެ ތެރެއިން 10.8 މިލިއަން ޑޮލަރު ހޯދާފައި ވެއެވެ.