އިންޝޫރެންސް ފައިސާ ހޯދުމުގެ ބޭނުމުގައި އަމިއްލަ އަތް ބުރިކުރި ސްލޮވޭނިއާގެ ޒުވާން އަންހެނަކު ޖަލަށްލާން އެޤައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

ގިނަބައެއްގެ ސަމާލުކަން ލިބިގެންދިޔަ މި ހާދިސާ ފެންމަތިވިތާ މިހާރު އަހަރެއްހައި ދުވަސް ވެފައިވާއިރު، މައްސަލަ އާއި ގުޅިގެން ކުރިޔަށްގެންދިޔަ ޝަރީޢަތް ނިމި ޙުކުމްކޮށްފައި ވަނީ އިއްޔެ އެވެ.

ޖޫލިއާ އެޑްލެސިކް ނަމަކަށްކިޔާ އުމުރުން 22 އަހަރުގެ އެ އަންހެންމީހާ ޖަލަށްލާ ހުކުމްކޮށްފައިވަނީ، އޭނާގެ އަތް ބުރިވީ ނޫންކަމާއި، އިންޝޫރެންސް ފައިސާ ހޯދުމަށް އޭނާ ގަސްތުގައި އަތް ބުރިކޮށްލީކަން ތަހުޤީޤުން ސާބިތުވުމުންނެވެ. މި މައްސަލައިގައި އޭނާ ޖަލަށްލާން ހުކުމްކޮށްފައި ވަނީ ދެއަހަރުގެ މުއްދަތަށެވެ.

ރިޕޯޓްތައް ބުނާގޮތުން ޖޫލިއާ އެނާގެ އަތް ބުރިކޮށްލީ އޭނާގެ ލޯބިވެރިޔާގެ އެހީތެރިކަމާއެކު ކަމަށެވެ. މިކަމާއި ގުޅިގެން އޭނާއަށްވެސް ތިން އަހަރަށް ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

ވާއަތު އަތްތިލައިގެ ކުޑަހުޅާއި ހިސާބުން ޖޫލިއާ އޭނާގެ އަތް ބުރިކޮށްލީ ގްރޭންޑަރެއް ބޭނުންކޮށްގެން ކަމަށް ވެއެވެ. ނަމަވެސް މި ހާދިސާއާއި ގުޅިގެން ކުރެވުނު ތުހުމަތުތައް ދޮގުކޮށް ޖޫލިއާ ބުނެފައިވަނީ އޭނާގެ އަތްބުރިވީ ގަހެއްގެ ގޮފިގަނޑެއް ބުރިކުރަން އުޅެނިކޮށް ކަމަށާއި، "އެއްވެސް މީހަކު އެފަދަ ގޮތަކަށް ނުކުޅެދިފައި ހުންނަން ބޭނުން ނުވާނެ" ކަމަށެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު އޭނާގެ އަތްބުރިވި ހާދިސާ އަށްފަހު އޭނާ މަސައްކަތްކޮށްފައިވަނީ އިންޝޫރެންސްގެ އެއްމިލިއަން ޔޫރޯގެ ތެރެއިން ދެބައިކުޅަ އެއްފައި ފައިސާ ވަގުތުން ހޯދުމަށެވެ. މިކަމާއި ގުޅިގެން ޝައްކުކުރެވިގެން މައްސަލަ އިދާރާތަކުގެ ސަމާލުކަމަށް ގެންދިޔައީ އިންޝޫރެންސް ކުންފުނިންނެވެ.

އޮފިޝަލުން ބުނެފައިވާގޮތުން މި ހާދިސާގެ ކުރިން މިފަދަ ކަންތައް ކުރާނެގޮތުގެ އިރުޝާދުތައް ޖޫލިއާގެ ލޯބިވެރިޔާ އިންޓަނެޓުން ހޯދާފައިވާކަން ތަހުޤީޤަށް ހާމަވެފައިވާ ކަމަށެވެ. އަދި އަތްބުރިވުމުން ހޮސްޕިޓަލަށް އޭނާ ގެންދިޔައިރު، ވަކިވިބައި ނުގެންދިއުމަކީވެސް ޝައްކުތައް އިތުރުވި ކަމެއް ކަމަށް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ?

    ޔާﷲ