ވެހެމުން ދިޔަ ވާރޭގައި ތެމިގެން ހިނގާފައި އެ ދަނީ ސާޅީހުން މަތީގެ އަންހެނެކެވެ. ވިއްސާރައިން ރެކެން މަގުމަތީގައި ދުވަމުން ދިޔަ މީހުންނަކަށް އޭނާގެ ފަރުވާލެއް ނެތެވެ. ދުއްވަމުން ދިޔަ ޓެކްސީ ތަކާއި، އަޅުވަމުންދިޔަ ބަރުގަނުގެ އަޑުތަކުން އޭނާގެ ހިތަކަށް އެއްވެސް ބިރުވެރިކަމެއް ނުގެނުވައެވެ. ވަކި މަންޒިލެއް ނެތި އެހެރަ ދަނީ ހިނގާލާފައެވެ. މަޑުމަޑުންނެެވެ. މިއީ ދުރުން ބަލާލާ މީހަކަށް އޭނާ ސިފަވާނޭ ގޮތެވެ.

ތަންކޮޅެއް ކައިރިއަށް ޖެހިލުމާއެކު އޭނާގެ ހިނގުމުގައި ހުރި ކޮރުކަމެއް ފާހަގަވާނެއެވެ. ހަށިގަނޑުގައި މަޑު ތުރުތުރު އެޅުމެއް ހުރިކަން ޔަގީންވާނެއެވެ. އަރައިގެން ހުރި ފައިވާނުގެ ވަދު ނެއްޓިފައިވާކަން އެނގޭނެއެވެ. އެޔަށްވުރެ ގާތަށް ޖެހިލައިފިއްޔާ އޭނާގެ ދެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ވެސް ފެންނާނެއެވެ.

ނަމަވެސް މާވެޔޮމަގުން މަޖީދީ މަގަށް ވައިސޫރި އެއް ހެން އަޅާލި ކާރުގެ މިސްރާބު ފެންނާނީ ދުރުން ބަލަން ހުރި މީހަކަށެވެ. ހަމަ ގައިމުވެސް ހިނގާފައި އެދާ އަންހެން މީހާއަކަށް، ޝިކާރައަށް ނިކުމެ އުޅޭ ސިންގާ އެއް ފަދައިން ދުއްވާފައި އެ އަންނަ ކާރެއް ނުފެނެއެވެ. ފެންނާނީވެސް ކިހިނެތްހެއްޔެވެ؟ ބޯ ވިއްސާރައިގައި ތަނެއް ދޮރެއް ވަކި ވާވަރެއް ނުވެއެވެ.

މި މަންޒަރެއް ބަލަން ކުޑައެއް ނަގައިގެން ތަންކޮޅެއް ދުރުގައި މީހަކު ހުއްޓެވެ. ވިހި އަހަރުގެ ޒުވާނެކެވެ. އޭނާ ބަލަހައްޓައިގެން ހުރީ ދުއްވަމުން އައި ކާރަށް ވުރެ އޭގެ މަންޒިލް ކަމުގައިވާ އަންހެން މީހާއަށެވެ. ދެލޯ ބޮޑުކޮށްގެން ހުރެ ހަނާ އަޅަމުން ދިޔައީ އެ އަންހެން މީހާ އަށް ފެނޭތޯއެވެ. ދުވެފައި ގޮސް އޭނާ މަގުގެ އެއްފަރާތަކަށް އެރުވޭވަރަށް ވުރެ އަންހެން މީހާ ހުރި ހިސާބު މާ ދުރެވެ. ކުޑަ ލައްޕާލާ އޭގެ ބޭނުންކޮށްގެން ވެސް ހަނާ އެޅިއްޖެއެވެ. ނަމަވެސް ކާރު އައިސް އެ އަންހެން މީހާ ވިއްސާލާ ދިޔައިރުވެސް އޭނާގެ އިޝާރާތް ދިޔައީ ނުފެނިއެވެ.

ރާސްލާފައި ދިޔަ ކާރު ގޮސް ޖަނަވަރީ މަގަށް އޮބާލައިފިއެވެ. ހަނި ގޯޅި ގޯޅިން ލާފައި ވަދެގެން އެއައީ ބޮޑު ގަރާޖަކަށެވެ. ދުއްވަން އިން މީހަކު އަވަސް އަވަހަށް ކާރުން ފައިބައިފިއެވެ. އޭރު ގަރާޖުގައި އޭނާގެ އިންތިޒާރުގައި ހަތަރު ވަރަކަށް މީހުން ތިއްބެވެ. އެއްވެސް ވާހަކައެއް ދައްކަން ނުހަދާ އެމީހަކު އެމީހެއްގެ މަސައްކަތައިގެން މަސްޣޫލު ވެއްޖެއެވެ. އެކަކު ކާރުގެ ފަހަތުގައި ހަރުކޮށްފައި ހުރި ސައްޙަ ނޫން ސްޓިކަރ ވަރަށް ފަރިތަ ކަމާއެކު ނައްޓާލިއެވެ. އަނެކަކު ކާރަށް ޖަހާފައިވާ ސްޕްރޭ ކަނޑުވަމުން ދިޔައެވެ. ތިން ވަނަ މީހާގެ މަސައްކަތަކީ ފްރޮޅުތައް ބަދަލުކުރުމެވެ. ދެން ހުރި ކަލޭގެ މަސައްކަތް ކުރަމުން ދިޔައީ ޓްރެފިކް ކެމެރާތައް ހެކް ކޮށްގެން ހިނގާދިޔަ ކަންތައް ފުހެލެވޭތޯ ބަލާށެވެ. ޕްލޭން އާ އެއްގޮަތަށް ކާރު ދުއްވަން އިން މީހާ ދުއްވާފައިވަނީ ‘ބްލައިންޑް ސްޕޮޓް’ ތަކަށް ބަލައިގެން ކަމުން ގަރާަޖަށް ކާރު އައިސް ވަން ތަނެއް އެއްވެސް ފްޓޭޖަކަށް އަރާފައެއް ނެތެވެ. މިވާހަކަ އަޑު އިވުމުން އެތަނުން އިސްކޮށް ހުރި މީހާ ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ. އޭނާ ހިތާ ހިތުން ބުނަމުން ދިޔައެވެ. މިކަމެއްވެސް މި ނިމުނީތާއެވެ.

*** *** ***

ހަނާ ދުވެފައި އައިސް ގޭތެރެއަށް ވަނީ ތެމިގެން ހުރި ހާލުގައެވެ. ބޭރަށް ނިކުންނަމުން ގެންދިޔަ ކުޑަ މިހާރު އަތަކު ނެތެވެ. މުޅި މީހާ ތުރު ތުރު އަޅަނީ އެވެ. ރޮވިފައި ހުރިލެތް ބޮޑު ކަމުން ދެ ލޮލުން ދިލަ ނަގާވަރު ވެއެވެ. އޭނާގެ މަންމަ ހަސީނާ އިނީ ބޮޑު ފެންޑާގައި މުރަނގަ ފަތް އުފުރާށެވެ. ދަރިފުޅު ހުރި ހާލު ފެނި ދޮލަނގާ ދޮލަނގު ދޫކޮށްލާ ހަނާ އާއި ދިމާލަށް ދުއްވައިގަތެވެ. އަތުގެ އިޝާރާތްތަކުން ވީ ކިހިނެތްތޯ ސުވާލުކުރިއެވެ. އޭރު ވެސް ހަނާ ބިރުން ތުރު ތުރު އަޅަނީއެވެ.

ވަރަށް ހާލުން ދެންމެ އޭނާ އަށް ފެނުނު މަންޒަރުތައް ކިޔައިދީފިއެވެ. އަނގަ ބަހުންނެތް ނޫނެވެ. އޭނާއަަށް ކިޔައިދޭން އިނގޭ ހަމަ އެކަނި ގޮތަށެވެ. އަތުގެ އިޝާރާތުންނެވެ. ހަނާ އަކީ އުފެދުމުގައިވެސް ބީރު ކުއްޖެކެވެ. އޭނާގެ ކިބައިގައިވާ މި ‘ޚާއްސަ’ ކަން ހަސީނާ މެންނަށް ފާހަގަވީ ހަނާގެ އުމުރުން ދެ އަހަރަށް އަޅާފައި ވަނިކޮށެވެ. އެކަމާ ކިތަންމެ ހިތާމައެއް ކުރިއަސް ހަނާ ދެކެ ވާ ލޯތްބަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އެހެންކަމުން މިހާރު އޭނާ އެ ހުރި ހާލު ފެނި ހަސީނާ ހުރީ ވަރަށް ހާސްވެ ކަންބޮޑު ވެފައެވެ. ހަނާ ގެ ފަރާތުން އެ އިވުނު ވާހަކަތައް އަހާ ވަގުތުން ފޯން ނެގިއެވެ. އަދި އޭނާގެ ދޮށީ ދަރިފުޅު، އައްފާން އަށް ގުޅާ ގެއަށް އައިސްދީބަލާށޭ ބުނެ ފޯން ބާއްވައިފިއެވެ.

އައްފާން އޭރު ހުރީ ހޮސްޕިޓަލުގައެވެ. އެކްސިޑެންޓް ވެގެން ނިޔާވި އަންހެން މީހާގެ ވޭދަނަ ރިޕޯޓް ތައްޔާރުކަން އައިހެވެ. ޑަކްޓަރުގެ ފަރާތުން އޭނާ އުއްމީދު ނުކޮށް ހުރި ބައެއް މައުލޫމާތު ތަކެއް ލިބުނެވެ. އަންހެން މީހާ އަކީ އުމުރުން 45 އަހަރުގެ މީހެކެވެ. ރިކޯޑް ތަކުން އެނގޭ ގޮތުގައި އޭނާގެ ނަމަކީ ޚަދީޖާ އިސްމާއީލް އެވެ. ރަޖިސްޓްރީ ވެފައިވަނީ ހެންވޭރު މުރަކަވިލާ ގެ މީހެއްގެ ގޮތުގައެވެ. އެކްސިޑެންޓްގެ ސަބަބުން ލިބުނު އަނިޔާގެ އިތުރުން ޚަދީޖާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ލިބިފައި ހުރިކަން ޑަކްޓަރު ހާމަކުރިއެވެ. މިގޮތުން އޭނާގެ ބޮލުގެ ނާށިގަނޑަށް ކުރިންވެސް ގެއްލުން ލިބިފައިވާ ކަމާއި، ތޫނު އެއްޗަކުން އަނިޔާ ވެފައިވާ ކަމުގެ ނިޝާންތައް އޭނާގެ ހަށިގަނޑުން ފެންނަން ހުރި ވާހަކަ ބުނެފައި ވެއެވެ.

މަރުވެފައި އޮތް ޚަދީޖާގެ މޫނަށް އައްފާން ބަލާލިއެވެ.

އެ މޫނުމަތިން ފެންނަނީ ހިތްހަމަ ޖެހުމުގެ އަސަރެވެ. ތުންފަތުގައި ހިނިތުންވުމެއްގެ ހިޔަނި ހުއްޓެވެ. ހީވަނީ ދުވަސްތަކަކަށްފަހު އިންތިޒާރުކުރަމުން އައި ހިމޭންކަން އެ ނާޒުކު ފުރާނައަށް ލިބެގެން ދިޔަހެންނެވެ. އެ އަންހެން މީހާ ފެނުމާއެކު އައްފާން އަށް ސިފަވެގެން ދިޔައީ އޭނާގެ މަންމަ ހަސީނާ އެވެ. ހަސީނާ އަށް ވެސް މި އަހަރު 45 އަހަރު ފުރޭނެއެވެ. ޚަދީޖާ ގެ ވެސް ދަރިން ތިބޭނެކަން ޔަގީނެވެ. އޭނާ އެހާ އަނިޔާ ވެރިގޮތަށް ނިމިދިޔައިރު އާއިލާ މީހުން ކޮބައި ބާވައެވެ؟

ހ. މުރަކަ ގޭގެ އެންމެ މަތީ ފަންގި ފިލާގައި ދެކޮޅަށް ހިނގާލަ ހިނގާލަ އެ ހުރީ ޚަދީޖާ ގެ ދޮށީ ދަރި ޝިއުނާ އެވެ. އޭނާގެ ނުވަ އަހަރަށް ދާ ދަރިފުޅު ތަންކޮޅެއް ދުރުގައި މި މަންޒަަރު ބަލަން ހުއްޓެވެ. މަންމަގެ މޫނުމަތިން ފެންނަ ހާސްކަމުގެ ސިއްރު ހޯދަން އޭނާ ބޭނުންވެއެވެ. ނަމަވެސް އެއްޗެކޭ އަހާލަންވެސް ޖެހިލުން ވެއެވެ. އެ ގޭގައި މީގެ ކުރިން ހިނގާފައިވާ ކަންތައްތަކުން ކުޑަ ކުޑަ ދާނިޔަލް ހުންނަނީ ޒާތަކަށް ބިރުގަނެފައެވެ.

ޝިއުނާ އިރު އިރު ކޮޅާ އަތުކުރީ އަޅާފައި އޮތް ގަޑި އަށް ނަޒަރު ހިންގާލައެވެ. އިންތިޒާރު ކުރަމުން ދަނީ ކޮންމެވެސް މީހަކު އަންނާނެ ވަގުތަކަށެވެ. މިހެން ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓާ ވަދެގެން އެ އައީ އޭނާގެ ފިރިމީހާ ހަމްދޫންއެވެ. ޓައީ ގިރުވާނުން ދޫކުރަމުން އައިސް އޮފީސް ދަބަސް ސޯފާއަށް އެއްލާލިއެވެ. ބޮލުގައި އަށަގަނެފައިވާ ރިހުމެއްގެ ސަބަބުން ސޯފައިގަައި ޖެހުނު ގޮތަށް ދެލޯ މަރާލިއެވެ. ޝިއުނާ ގޮސް ހަމްދޫނުގެ މަގަތުގައި އިށީނދެއްޖެއެވެ.

“ކިހިނެތް ވީ؟”

ކެތް ނުކުރެވިގެން އެންމެ ފަހުން ޝިއުނާ އަހައިފިއެވެ. ސިޓިންގ ރޫމްގެ ކަނެއްގައި އެ ދެމީހުންގެ ހަރަކާތްތައް ބަލަން ހުރި ދާނިޔަލް ފެނި ކޮޓަރިއަށް ވަނުމަށް ހަމްދޫން އަމުރުކޮށްލިއެވެ. ބިރުން ހުރެ ދާނިޔަލް އޭނާގެ ކޮޓަރިއާ ދިމާލަށް ދުއްވައިގަތެވެ. ކޮޓަރީގެ ދޮރު ލެއްޕުމުގެ ކުރިން ސޯފާގައި ތިބި ދެމީހުންނާ ދިމާލަށް ވަރަށް ފުން ނަޒަރަކުން ބަލާލިއެވެ.

ދަރިފުޅުގެ ހިޔަނި ގޮސް ގެއްލުމުން ޝިއުނާ ހަމްދޫން އަށް ނިތް އަރުވާލިއެވެ. ސުވާލުގެ ޖަވާބު ދޭށޭ ބުނާ ފާޑަކަށެވެ. ހަމްދޫނުގެ ތުންފަތުގައި ކުޅެލީ ވިހަ ހިނިތުންވުމެކެވެ. އިތުރު ވާހަކައެއް ދެއްކުމުގެ ބޭނުމެއް ނެތެވެ. އެވަގުތު އޭނާ ބޭނުންވި ކަންތައް ވެއްޖެކަން ޝިއުނާއަށް ޔަގީންވިއެވެ.

*** *** ***
ހަނާ އަށް މިއަދު ފެނުނު މަންޒަރުތައް ހަސީނާ އައްފާން އަށް ވަނީ ވަރަށް ތަފްސީލްކޮށް ކިޔައިދީފައެވެ. އޭނާގެ އޮފީހުގައި، މި ފުރަ ދަންވަރު އަދިވެސް ތަހުގީގުގެ މަސައްކަތް ކުރަމުން އެ ދަނީ އެހެންވެއެވެ. ހަނާ ބުނާ ގޮތުންނަމަ ކާރު އައީ ސީދާ އެ އަންހެން މީހާ އާ ދިމާލަށެވެ. މާ ދުރުން ވެސް އޭގެ މިސްރާބު ހުރީ ޚަދީޖާ އާ ދިމާލަށްކަން ވަަރަށް ފަސޭހަ އިން އިނގެއެވެ. ސާޅީސް ފަސް އަހަރުގެ އާރެއް ބާރެއް ނެތް އަންހެނެއްގެ ފުރާނަ ދުއްވާލަން މީހަކު ބޭނުން ވާނީ ވަކި ކީއްވެ ހެއްޔެވެ؟

ގަޑިއެއް ހާ އިރު ތެރޭ މި ސުވާލުގެ ވެސް ޖަވާބު އައްފާނަށް ލިބިއްޖެއެވެ. މާލޭގައި ޚަދީޖާ ދިރިއުޅެމުން ދިޔަ ގޭގެ ރަޖިސްޓްރީ އޮތީ އޭނާގެ ނަން މަތީގައެވެ. އެއީ އޭނާގެ ފިރިމީހާ އިބްރާހިމް ގެ ގެއެއްކަމަކު މަރުވުމުގެ ކުރިން ގޭގެ ރަޖިސްޓްރީ ވަނީ ޚަދީޖާގެ ނަމަށް ބަދަލުކޮށްފައެވެ. ޚަދީޖާ އާއި އިބްރާހިމް އަށް ވަނީ ދެކުދިން ލިބިފައެވެ. އެއީ ޝިއުނާ އާއި ޝަމްއޫންއެވެ. މިވަގުތު ރާއްޖޭގައި ހުރީ ޝިއުނާ އެކަނި ނަމަވެސް މާދަމާގެ ވަގުތެއްގައި ޝަމްއޫން ރާއްޖެއައުމަށް ވަނީ ހަމަޖެހިފައެވެ.

އެހެންކަމުން ޝައްކުގެ ނަޒަރަކުން ފުރަތަމަ ބެލެވެން އޮތީ ޝިއުނާ އަށެވެ. މި ހާދިސާ ހިނގާދިޔައިރު ރާއްޖޭގައި ހުރީ ޝިއުނާ އަށް ވެފައި ޚަދީޖާ އަށްލިބިފައި ހުރި އަނިޔާގެ ސިއްރުތައް ޝިއުނާ އަށް އެނގެން ޖެހޭނެކަން އައްފާން ގަބޫލުކުރެއެވެ. އެއީ މީގެ ކުރިން ޚަދީޖާ ދިރިއުޅެމުންދިޔައީ ޝިއުނާ އާ އެކު އެއް އެޕާޓްމަންޓެއްގައި ކަމަށްވާތީއެވެ. ޝިއުނާގެ ބަޔާން ނެގުމަށް އައްފާން ވަނީ އޭނާ އާ ވާހަކަ ދައްކާފައެވެ. ކިތަންމެ ވަރަކަށް ރޮއި ހޭރުނަސް ޝިއުނާގެ ކަރުނަތަކުގެ ފަހަތުގައި ކަޝްފު ކުރެވިފައިވާ ބޮޑު ސިއްރެއް ވާކަމުގައި އައްފާން ގެ ހިތް ބުނަމުން ދިޔައެވެ.

ނަމަވެސް ދެން އިނގިގެން ދިޔައީ އެއަށްވުރެ އަޖައިބު ކުރަނިވި ކަމެކެވެ. މީގެ ކުރިން ޝަމްއޫނު ރާއްޖެއައިސް ހުރި ދެފަހަރެއްގައި މަންމަގެ ނަމުން ގޭގެ ރަޖިސްޓްރީ އޭނާގެ ނަމަށް ބަދަލުކުރަން މަސައްކަތްކޮށްފައިވާކަން ލޯޔަރުންގެ ބަޔާންތަކުން ހާމަވެއެވެ. އޭނަގެ މަންމަ އާއި މިކަމާ ގުޅިގެން އެތަކެއް ފަހަރަކު ޒުވާބު ކޮށްފައިވާ ކަމާއި، މަންމަ އާއި ޝަމްއޫނުގެ ދެމެެދުގައިވާ ގުޅުން އެހާ ރަނގަޅު ނޫން ކަމުގައި ޝިއުނާ ވަނީ ބުނެފައެވެ. ވީ އިރު ގެ ހޯދުމުގެ މަގުސަދުގައި މިފަދަ ކަމެއް ޝަމްއޫނު ކޮށްފާނެ ކަމަށް ޝައްކު ކުރެވެއެވެ. އެހެންކަމުން، މި މައްސަލާގައި އަދި އިނިގިލި ދިއްކުރެވޭ ބަޔަކަށް ތިބީ ޚުދު ޚަދީޖާގެ ދެ ދަރިންނެވެ.

ދެން އޮތީ މިކަން ކަށަވަރު ކުރުމެވެ.

*** *** ***
ބަދިގޭގައި ޝިއުނާ މަސައްކަތްކުރަން ހުރި އިރު މޫނުމަތީގައި ފުޅާ ހިނިތުންވުމެއް ކުރަހާލެވިފައި ވެއެވެ. މުޅި ގޭ ތެރެއަށް ވެރިވެފައިވަނީ ހަމަ ހިމޭންކަމެކެވެ. ހަމްދޫނު ވެސް ސިޓިންގ ރޫމް ގައި އިނީ ކޮފީ ތައްޓެއް ބޯލާށެވެ. މިހާރު މައިދައިތަގެ މަރަށް ހަފްތާއެއް ވަނީއެވެ. ނޫސްތަކުގެ މައި ސުރުހީގައި ރަސްކަން ކުރަމުން ދިޔަ އެ އެކްސިޑެންޓްގެ ހަބަރު މަޑުމަޑުން ފަނޑުވަމުން ގޮސް މިހާރު ނޫހުގެ ތިރީ ކަނަށް ވެއްޓިއްޖެއެވެ. އެކަމާ އޭނާ ހުންނަނީ ވަރަށް ހިތްހަމަ ޖެހިފައެވެ.

ކުއްލިއަކަށް މީހަކު ދޮރުގައި ޓަކި ޖަހާ އަޑަށް ހަމްދޫން އިން ތަނުން ތެދުވެއްޖެއެވެ. މާ ނުވަގުތެއްގައި ގެއަށް އެ އައީ ކާކުތޯ ބަލާލަން ގޮސް ދޮރުހުޅުވާލި އިރު ކަމަކުދާކަށް ނެތެވެ. ކުރިމަތީގައި އެ ހުރީ އައްފާން އާއި އިތުރު ދެ ސިފައިންގެ މީހެކެވެ. ތިން ފުލުހުންގެ އިތުރުން އެހެން މީހަކުވެސް ހުއްޓެވެ. އޭނާގެ މޫނު ފެނުމާއެކު ހަމްދޫންގެ ދެ ލޯ ބޮޑުވިއެވެ.

“ކޮ..ކޮން ކަމަކުތޯ؟”

ހަމްދޫނު އަޑު ހަމައަކަށް އަޅުވާލަމުން ސުވާލު ކޮށްލިއެވެ. އެއްވެސް އެއްޗެކޭ ނުބުނެ އަތުގައި އޮތް ކޯޓު އަމުރު ހަމްދޫން އަތަށް ދިއްކޮށްލާ އައްފާން ހިނގައިގަތީ ފަހަރަކު ކޮޓަރިއެއް ފާސް ކުރާށެވެ. މާ އަޑު ގަދަ ވެގެން ޝިއުނާވެސް ބަދިގެ ފަރާތުން ބޯ ދިއްކޮށްލި އިރު ސިޓިންގ ރޫމުގައި ތިބި ފުލުހުން ފެނިފައި ފައި ދަށުން ހީވީ ބިންގަނޑު ދެމިގަތް ހެންނެވެ. ދާނިޔަލް ވެސް އޭނާގެ ކޮޓަރި ދޮރުން މަޑު މަޑުން ބޭރަށް ބޯ ދިއްކޮށްލިއެވެ.

ފުލުހުންގެ އިތުރުން ދެން އެތާ ހުރި މީހާ އާ ދިމާލަށް ހަމްދޫން ލޯ އަޅާލިއެވެ. އައްފާން އޭނަ އާއެކު އައި ދެ ފުލުހުންނަށް އިޝާރާތްކުރުމުން އެ ދެ މީހުން ދުރުވުމާއެކު، އެތަނުގައި ހުރި ތިންވަނަ ފަރާތަށް ހަމްދޫން ސުވާލުތައް އަމުނާލިއެވެ.

“ކަލޭ ކީއްތިކުރީ؟ މުޅި އާއިލާ މި ވަގުތުން ވަގުތަށް މި ގެއިން ނިކުމޭ!”

ހަމްދޫން ވާހަކަ ދެއްކީ ސިޓިންގ ރޫމްގައި ހުރި ހާފިޒާއެެވެ. ހާފިޒަކީ ފުލުހުންނަށް ބަޔާންދިން ހަމްދޫންގެ އަވަށްޓެރިޔާއެވެ. މިވީ ހުރިހާ ދުވަހު އެ ގޭގައި ހިނގަމުން ދިޔަ ހުރިހާ ކަންތައްގަނޑެއް އެންމެ ގާތުން ފެނިފައިވާ އެކަކެވެ. ޚަދީޖާއަށް މި މީހުން ކުރާ އަނިޔާ އާއި އެ ފަކީރުގެ ރޯ އަޑު އެންމެ ގާތުން އަހާފައި ވަނީ ހާފިޒެވެ. ނަމަވެސް އެ ގެއަށް ބަދަލު ވުމުގެ ކުރިން ދެފަރާތުގެ މެދުގައި ކުރެވިފައިވާ ކޮންފިޑެންޝިއަލިޓީ އެގްރިމެންޓެއްގެ ސަބަބުން އެއްވެސް އެއްޗެކޭ މީހެއް ގާތު ނުބުނެ ހަނު ހުންނަން މަޖުބޫރު ވީއެވެ. އެހެނަސް ޚަދީޖާގެ މަރުގެ ޚަބަރު ލިބުމާއެކު، ޖަލަށް ދާން ޖެހުނަސް، ގެއިން ނެރެލިއަސް ދެން އިތުރަށް ކެތް ނުކުރެވޭނެއޭ ހިތާ ހާފިޒް ފުލުހުންގެ މަރުކަޒަށް ދިޔައީއެވެ.

ޚަދީޖާ މަރުވި ދުވަހު ހާފިޒަށް ވަނީ އާދަޔާ ޚިލާފަށް ގިނަ އަޑު ތަކެއް ޖެހިގެން ހުރި އެޕާޓްމަންޓްއިން އިވިފައެވެ. ޚަދީޖާ ގިސްލަ ގިސްލާފައި ރޮމުން ދިޔަ އަޑާއި، ދާނިޔަލް ގެ ރުއިމުގެ އަޑު މުޅި ހިސާބުގަނޑުގައި ހަރުލާފައި ހުރި ކަހަލައެވެ. ދެން އިވިގެން ދިޔައީ ބާރަކަށް ދޮރު ހުޅުވާ މީހަކު ކޮށްޕާލި އަޑެވެ. މިއީ އެ ގޭ ތެރެއިން އާންމުކޮށް އިވޭ އަޑުތަކެއްކަމުން ނިކުންނަން ހިތާވެސް ހާފިޒް މަޑުކުރީއެވެ. ޚަދީޖާގެ އާދޭހުގެ އަޑު އަހާ ހާފިޒުގެ ލޮލުން ކަރުނަ ފޯދާލިއެވެ. އޭނާ އަށް އެހެން ނަހަދާށޭ ކިޔާ ޚަދީޖާ ރޮމުން ދިޔައެވެ. ދާނޭ އިތުރު ތަނެއް ނެތޭވެސް ގޮވަމުން ދިޔައެވެ. އެންމެ ފަހު އަޑަކަށް އިވުނީ ޚަދީޖާގެ އަޑު ފަނޑުވަމުން ގޮސް ތިރީ ދޮރުން ނެރެލި އަޑެވެ.

އިރުގަނޑެއް ވަންދެން ހާފިޒް ދޮރުކައިރީގައި ކުރާނެ ނުކުރާނޭ ކަމެއް ނޭނގި ހުއްޓެވެ. މިވަރުން މި ގޭގައި ވަކި އުޅެވޭނީ ކިހިނެތް ހެއްޔެެވެ؟ އިންސާނަކަށް އެހާ އަނިޔާ ކުރާ އިރުވެސް އޭނާ މި ޖެހެނީ ހަނު ހުންނާށެވެ. ނަމަވެސް މި ގެއިން ނިކުމެގެން އޭނާގެ ކުޑަ ކުޑަ އާއިލާ ދާނޭ ވަކި އިތުރު ތަނެއް ވެސް ނެތެވެ. އާއިލާ އާ މެދު ވިސްނަން ހުރެފައި ކޮޓަރިއަށް ހިނގައިގަންނަން އުޅެނިކޮށް އަނެއްކާ ޖެހިގެން ހުރި އެޕާޓްމަންޓްގެ ދޮރު ހުޅުވުނު އަޑު އިވުނެވެ.

މިފަހަރު ހާފިޒް ހުރީ ދޮރުގެ އަނެއް ފަރާތުން ދެކެވެމުން ދިޔަ ވާހަކަތައް އަޑު އަހައިގެންނެވެ. އޭނާ އަށް ހަމްދޫންގެ އަޑު ވަރަށް ސާފުކޮށް އިވެމުން ދިޔައެވެ. ދައްކަމުން ދިޔައީ ކޮންމެވެސް ކާރެއް ތައްޔާރު ކުރަން ޖެހޭ ވާހަކަ އެވެ. މިއަދު އެ ބަލާވެރިކަމުގެ ދުވަސް ދުއްވާލަން ވީ އޭ ވެސް ކިޔަމުން ދިޔައެވެ. ރުފިޔާ ޖަމާކުރާނެ ކަމާއި، ފޮނުވަންވީ އެކައުންޓް ގެ ތަފްސީލް ހޯދިއެވެ. ފޯން ކަނޑާލުމުގެ ކުރިން ފަހު ވާހަކަ އަކަށް ބުނީ އެއްފަހަރާ ހުރިހާ ލާރިއެއް ޖަމާ ނުކުރެވޭނެ ކަމާ، އެހެން ކަންތައް ކޮށްފިއްޔާ ޝައްކުވާނޭ އެތަކެއް ބަޔަކު ތިބޭނޭ ކަމެވެ. ހަމްދޫނު ވާހަކަ ދައްކާ ނިމުމާއެކު ދެން އިވުނީ ޝިއުނާ ގެ އަޑެވެ. މިކަން ނިންމާލާފައި ނޫނީ ގެއަށް ނާންނާށޭ ބުނެ އޭނާ ދޮރު ޖެހި އަޑު އިވުނެވެ. ހަމްދޫނުގެ ފިޔަވަޅުތަކުގެ އަޑު ކެނޑެން ދެން ހާފިޒް ދޮރުކައިރީގައި އާޝޯހުވެފައި ހުއްޓެވެ.

ދާނިޔަލް ގެ ކޮޓަރިން އައްފާން ނިކުތީ އެ ކުޑަ ކުޑަ ނުވަ އަހަރުގެ ކުއްޖާގެ އަތުގައި ހިފައިން ހުރެއެވެ. އޭރު އޭނާގެ އަނެއް އަތުގައި ކުރެހުމެއް އޮތެވެ. ކުރެހުމުގައި ވަނީ މުސްކުޅި އަންހެނެކަން އަނިޔާ ކުރާތަނާއި، އެ މުސްކުޅި އަންހެނާ ސަލާމްަތްކުރަން ކުޑަ ކުއްޖެއް އަންނަ ތަނެވެ. ސުޕަހީރޯ ހެދުމުގައި ހުރި ކުއްޖާގެ މޭ މަތީ އިނގެރޭސި އަކުރުން “D” ލިޔެވިފައި ވެއެވެ. ދާނިޔަލް އެ ތަސްވީރު ވަރަށް ތަފްސީލުކޮށް އައްފާން އަށް ކިޔައިދީފިއެވެ. އޭނާގެ މަންމަ ޝިއުނާ މާމަ އަށް ކުރާ އަނިޔާތަކާއި ގޮވާ އެއްޗެހި ކިޔައިދިނެވެ. އެހެންކަމުން އައްފާން އިތުރަށް ބޭނުންވި ހުރިހާ ހެއްކެއް ލިބި ހަމަވީއެވެ.

މި ގެއަށް އައުމުގެ ކުރިން އައްފާން ވަނީ ހަމްދޫނުގެ ބެންކް އެކްޓިވިޓީތައް ބަލާ ޗެކު ކޮށްފައެވެ. މިގޮތުން ފަންސަވީހަށް ވުރެ ގިނަ ފައިސާ ޚަދީޖާ މަރުވި ދުވަހު ކޮންމެވެސް އެކައުންޓަކަށް ޖަމާކޮށްފައިވާ ކަން ފާހަގަކުރެވުމުން އެއީ ކާކުގެ އެކައުންޓެއްތޯ ބަލާ ފާސްކުރިއެވެ. މި ތަހުގީގުން އެނގުނު ގޮތުގައި ރުފިޔާ ޖަމާކޮށްފައިވަނީ މާލޭގެ އެންމެެ ބޮޑު އެއް ގޭންގުގެ ލީޑަރަށެވެ. އެއީ މީގެ ކުރިންވެސް މާރާ މަރީ އާއި ވަޅީގެ ހަމަލާތަކުގައި ހައްޔަރުކުރެވިފައިވާ މީހެކެވެ. ހާފިޒުގެ ބަޔާނާއި، ދާނިޔަލްގެ ވާހަކަތައް އަދި ހަމްދޫނުގެ ބެންކް ސްޓޭޓްމަންޓް ތަކާއި އިތުރު ހެކިތަކުން މި އަނިޔާވެރި އަމަލު ހިންގާފައިވަނީ ހަމްދޫނުކަން ހާމަވެގެން ދިޔައެވެ.

ހަމްދޫން އާއި ޝިއުނާ އަށް އެކަށީގެންވާ އަދަބު ޤާނޫނީ ހަމަތަކުގެ މަތިން ދެވުނެވެ. ޚަދީޖާގެ ޤާތިލުން ޖަލުގެ ތޭރި ތަކަށް ލެވުމުން ހަނާ އަށް ވެސް ހިތްހަމަ ޖެހިގެން ނިދާލެވޭ ވަރު ވިއެވެ. އެ މަންޒަރެއް ފެނުނު ފަހުން އެފަކީރު އުޅުނު ހާލު އެންމެ ގާތުން ފެންނާނީ ހަސީނާ އާއި އައްފާނަށެވެ. ދާނިޔަލް ގެ ބެލެނިވެރިކަން ޝިއުނާގެ އެދުމުގެ މަތިން ވަގުތީ ގޮތުން ޝަމްއޫނާއި ހަވާލު ކުރެވުނެވެ.

ސުވާލަކީ، އޭނާގެ މަންމަގެ ޤާތިލުގެ ދަރިއަކަށް އޭނާ ވަކި ހެޔޮކޮށް ހިތާނެ ހެއްޔެވެ؟

*** *** ***