އަޅުގަނޑުމެންގެ ތެރޭގައި ހިކުމަށް ނުވަތަ ބަރުދަން ލުއިކުރުމަށް މަސައްކަތް ކުރާ އެތަކެއް މީހުންނެއް އެބައުޅެއެވެ. އެފަދަ ފަރާތްތަށް ބަރުދަން ލުއިކުރުމަށް އެކި ކަންކަން ކޮށް އުޅެއެވެ. އަދި ބަރުދަން ލުއިކުރުމަށް ބޮޑެތި ހޭދަތަށްވެސް ކޮށް އުޅެއެވެ.

ނަމަވެސް ފަހުގެ ހޯދުންތަކުން މިވަނީ އެ ފަދަ ފަރާތްތަކުގެ މޫނަށް ހިނިތުންވުން ގެނުވާފައެވެ. އެހެނީ އެންމެ ގިނަ ބަޔަކު އެ އެއްޗެއް ކެއުމަށް ލޯބިކުރާ ޗޮކްލެޓަކީ ބަރުދަން ލުއިކޮށްދޭ އެއްޗެއް ކަމަށް ސައިސްވެރިން ކަނޅައެޅުމުންނެެވެ.

އެގޮތުން ލަންޑަން ގައި ހުންނަ ކިންގްސް ކޮލެޖުގެ ސައިންސްވެރިންގެ ޓީމަކުން ވަނީ ޗޮކްލެޓް ކެއުމުން ބަރުދަން ލުއިވޭތޯ ބެލުމަށް ދިރާސާއެއް ކޮށްފައެވެެ. މިގޮތުން އެ ކޮލެޖުގައި ތައުލީމު ހާސިލް ކުރަމުން ގެންދާ 300 ދަރިވަރުންގެ ކެއިން ބުއިމުގެ އާދަތަށް އެ ސައިންސްވެރިން ވަނީ ދެނެގަނެފައެވެ. ހަމަސް ދުވަހުގެ ތަހުލީލަކަށް ފަހު ސައިންސްވެރިން ބުނި ގޮތުގައި ކެއުމާއި ބުއިމުގައި ޗޮކްލެޓްގެ ބާވަތްތަށް ގިނައިން ހިމެނި ކުދިންގެ ބަރުދަން ވަރަށް ބޮޑަށް ލުއިވެފައިވާ ކަމުގައެވެ.

ސަބަބެއް ކަމުގައި ސައިންސްވެރިން ބުނަނީ ޗޮކްލެޓްގައި ގިނަ އަދަދަކަށް ފެޓީ އެސިޑް އެކުލެވިގެން ވުމުން މެޓަބޮލިޒަމް ރޭޓް އަވަސް ކޮށްދޭތީއެވެ. އަދި މިކަމުގެ ސަބަބުން ހަށިގަނޑުގެ ކެލޮރީސް އަވަހަށް ވިރުވާ ދެއެވެ. އަދި ޗޮކްލެޓަކީ އޭގައި އިންސުލިން ވަރަށް މަދުން އެކުލެވިގެންވާ އެއްޗެކެވެ. މިކަމުގެ ސަބަބުން ބަނޑުހައިވާލެއް ލަސްވެގެން ބަރުދަން ލުއި ވުމަށް އެހީވެދެއެވެ.