ބޮލީވުޑްގެ އެކްޓަރ ސުޝާންތު ސިންގ ރަޖްޕޫތްގެ މަރާއި އެކު އުފެދޭ ސުވާލުތައް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އޭނާ ދަންޖެހިފައި ހުއްޓާ ފެނުނުނަމަވެސް އެއީ އަމިއްލަ އަށް މަރުވުމުގެ މައްސަލައެއްތޯ ނުވަތަ ނޫންތޯ ސުވާލު އުފެދި، ކަމާއި ބެހޭ ފަރާތްތަކުން ވަނީ ސުޝާންތުގެ މަރުގެ މައްސަލަ އިތުރަށް ތަހުގީގުކުރަން ފަށާފައެވެ.

އެތަހުގީގުތައް ފެށުނު އިރު ސުވާލު އުފެދުނީ ސުޝާންތުގެ މަރާއި އޭނާގެ ލޯބިވެރިޔާ ރިޔާ ޗަކްރޮބަދީ އާއި ގުޅުމެއްވޭތޯއެވެ. އެހެންނަމަވެސް ވަކި ހިސާބަކުން އޭގެ ތެރެއިން މޫލައިގެން އައީ ބޮލީވުޑް އާއި މަސްތުވާތަކެއްޗާއި އޮތް ގުޅުމުގެ ވާހަކަތަކެވެ. އެހާ ހިސާބުން މަސްތުވާތަކެތި ބޭނުންކުރުމުގެ ތުހުމަތުގައި ރިޔާ ހައްޔަރުކޮށް އިތުރު ފަންނާނުންނާއި ވެސް މިކަމާއި މެދު ވަނީ ސުވާލުކުރަން ފަށާފައެވެ.

އެގޮތުން އިއްޔެ ޑްރަގުގެ މައްސަލައިގައި ދީޕިކާ ޕާޑުކޯންއާއި، ޝްރަދާ ކަޕޫރާއި އަދި ސާރާ ޢަލީ ޚާން މިއަދު އެންސީބީއަށް ހާޟިރުކޮށް ސުވާލުކޮށްފައިވާއިރު، އެ ތަރިން ވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށްފައެެވެ.

އަދި ޝްރަދާ ކަޕޫރާއި ކުރެވުނު ސުވާލުތަކުގެ ތެރެއިން ސުޝާންތު ސިންގ ރާޖުޕޫތު ޑްރަގު ބޭނުންކުރާ ކަމަށް ޝްރަދާވަނީ ބުނެފައެވެ.

ސާރާ އަލީ ހާންގެ ސްޓޭޓްމެންޓް ރެކޯޑްކުރަން އެކަނިވެސް އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން ވަނީ 5 ގަޑި އިރު ހޭދަކޮށްފައެވެ.

ޝްރަދާ އާއި ދިޕިކާވެސް ވަނީ މަސްތުވާތަކެތީގެ ތަހުގީގާއި މެދުވެސް ސުވާލު އުފައްދާފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެގޮތުން ދިޕީކާ، އޭނާ އާއި އޭނާގެ މެނޭޖަރާއި މެދު ދެކެވުނު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް އެކަނި ތަހުގީގެއް ހިންގާތީ ތަހުގީގު ޓީމާއި ސުވާލު ކުރިއެވެ.

މި 3 ތަރިން މަސްތުވާތަކެތި ބޭނުން ކުރި ކަމަށް އިންކާރުކުރުމުން ބައެއް މީހުން ދަނީ އެކަމަށް ތާޢީދުކުރަމުންނެވެ. އެހެންނަމަވެސް ބައެއް މީހުން ވަނީ ބޮލީވުޑްގައި އޮތް މަސްތުވާތަކެތީގެ ނެޓްވޯކް ފަޅާއެރުމުން ތަރިން އެކަން ފޮރުވަން މަސައްކަތް ކުރާކަމަށް ބުނެފައެވެ.