(ފަސްވަނަ ބައި)

ހައިރާންވެ ތިބެ ކިޔެވެލި ކިޔަވާ ތިން މީހުން ފުރާޅަށް ބަލަމުން ދިޔައީ ހިތުގައި އޮތް ސުވާލަށް ޖަވާބެއް ލިބޭނޭ ކަމަށް އުއްމީދުކޮށްގެންނެވެ. އެހެނަސް އެއީ ޖަވާބެއް ލިބޭނޭ ކަމެއް ނޫންކަން އެނގުނީ ހަސަންފުޅު އަތުގެ އިޝާރާތުން ހުސޭނު ހިފެހެއްޓުމަށާއި ކިޔެވުން ކުރިއަށް ގެންދިއުމަށް އެދުނެވެ. އޭރުވެސް ހަސަންފުޅުގެ ތުންތެޅުވުމަށް އެއްވެސް ބަދަލެއް ނާދެއެވެ.

"ބައްޕާ!" ކުއްލިއަކަށް ހުސޭނު ތެދުވެ ބޮޑު އަށިމަތީގައި އިށީނެވެ.

އޭނާ ހިފަހައްޓަން ތިބި ދެ މީހުންގެ ލޯ ތަންމިނަށް ހުޅުވުނެވެ. ފުރާޅަށް ބަލަން ހަދައިގެން ކުރަން ބުނި މަސައްކަތް ނާކާމިޔާބުވީމައެވެ. އަވަސްއަވަހަށް ދެ މީހުންވެގެން ހުސޭނު ބޮޑުއަށިމަތީގައި ބޭއްވިއެވެ.

"ބައްޕާ! އަހަރެންގެ ބަނޑުގައި ވަރަށް އެބަ ރިއްސާ!" ހުސޭނުގެ އަޑުގައި ވަނީ ރިހުމެއް އުފެދިފައެވެ.

ހަސަންފުޅު އެއްޗެކޭ ބުނުމުގެ ބަދަލުގައި އަތުގެ އިޝާރާތުން ހުސޭނު ގާތުގައި މަޑުކޮށްލުމަށް އެދުނެވެ.

"ބައްޕާ! އަހަރެން ވަރަށް ބޮޑަށް ފާޚާނާއަށް ދާން ބޭނުންވޭ އެބަ!" ހުސޭނު، އޭނާގެ ބައްޕައަށް ދުލެއް ނުކުރިއެވެ.

"އަޖައިބެއް. ތި އޮތް ތަނަށް އަތިރިއަށް ދޭ!" ހަސަންފުޅު ރުޅިވެރި އަޑަކުން ފަރުވާކުޑަ ގޮތަކަށް ބުނެލިއެވެ.

"މިތަން ވަރަށް ހޫނޭ." ހުސޭނު ވާހަކަ އޮޅުވާލިއެވެ. "ބޭރަށް ފިނިކޮށްލަން ނުކުންނަނީ އިނގޭ!"

"ހުސޭނާ! ތި ތަނުގައި އޮތް ގޮތަށް އޮންނާށޭ!" ހަސަންފުޅުގެ އަޑުގައި އިންތިހާއަށް ހުރީ ހަރުކަށިކަމެވެ.

"ނުވާނެ ތިކަމެއް. އަހަރެން ބޭރަށް ދާންޖެހޭ." ހުސޭނު ބޭރަށް ދިއުމަށް ތެދުވިއެވެ.

އެހެންނަމަވެސް ހުސޭނުގެ ގާތުގައި ތިބި ދެ މީހުން ވެގެން އޭނާ ހިފެހެއްޓިއެވެ.

"ދޫކުރޭ އަހަރެން! ދޫކުރޭ އަހަރެން! މި ބުނީނުން ދޫކުރާށޭ!" ހުސޭނު ގަދަހަދަން ފެށިއެވެ.

ހަސަންފުޅު އިންތަނުން ތެދުވިއެވެ. އޭނާ ތުންތަޅުވަމުން ގޮސް މޭޒުމަތީގައި އޮތް ދެ ވަޅި ނަގައި ގެއަށް ވަންނަ ދޮރުގައި ހަދާފައި ހުރި އޮޅިގަނޑުގެ ދެ ފަރާތަށް ދެ ވަޅި ޖެހިއެވެ. އެޔާއެކު ހުސޭނުގެ އަޑު މަޑުވިއެވެ. އޮތް ތަނަށް ދެމުނީއެވެ. ހުސޭނުގެ ގާތުގައި ހުރި ދެ މީހުން އޭނާ އަތުލަފިކޮށްލައިގެން ގެންގޮސް ބޮޑުއަށި މަތީގައި ބޭއްވިއެވެ. ހަސަންފުޅު އައިސް އޭނާގެ މަޤާމުގައި އިށީނެވެ. އޭނާ ގޭގެ އެކި ފަރާތް ފަރާތަށް ބަލާލުމަށްފަހު ކޮންމެވެސް އެއްޗިހިތަކެއް ސުބުސުބު ލައްވަމުން ކިޔަވަން ފެށިއެވެ.

ފަތިސް ނަމާދަށް ގޮވަން އޮތީ ކުޑަ ވަގުތުކޮޅެކެވެ. ހުސޭނަށް އޮތީ ނިދިފައެވެ. ކިޔަވަމުންދިޔަ މީހާގެ ކިޔެވެލީގެ އަޑުނޫން އެހެން އަޑެއް ބަޑެއް ނީވެއެވެ. ހުސޭނުގެ ގާތުގައި ތިބި ދެ މީހުން އިނީ ތައްޔާ ޖެހިފައެވެ. ހަސަންފުޅު އޭނާގެ މަޤާމުގައި އިނދެގެން ހުއްޓުމެއް ނެތި ތުންތަޅުވަމުން ދިޔައެވެ.

ފަތިސް ނަމާދުގެ ބަންގީގެ އަޑު އިވުމާއެކު ހުސޭނު ޖެހި ލަތްކެއްހެން ތެދުވިއެވެ. އޭނާގެ ގާތުގައި ތިބި ދެ މީހުން ސިއްސައިގެން ގޮސް ހުސޭނުގެ ގައިގާ އޮޅުލައިގަތެވެ. އެހެނަސް ހުސޭނު ގަދަހަދާކަށް ނޫޅެއެވެ. ތެދުވިގޮތަށް އިނީއެވެ. އޭނާގެ ދެ ލޯ ހުރީ ތަން މިނަށް ހުޅުވިފައެވެ. މީހާ ވަނީ ދާހިއްލާ ފޯވެފައެވެ. އޭނާ އެކި ދިމަދިމާއަށް ނަޒަރު ހިންގައިލިއެވެ. އަވަސް އަވަހަށް ފުންކޮށް ތިން ނޭވާލިއެވެ.

"އެ އިނީ ހާލެއް!" ކުއްލިއަކަށް ހުސޭނު އިނގިލި ދިއްކޮށްލިއެވެ.

"އެ... ކީކޭ؟" އަހަރެން ދިޔައީ ސިއްސައިގެންނެވެ.

"ހައްހައްހާ!" ހުސޭނު ޕަކަޕަކަލައި ހޭން ފެށިއެވެ.

ހުސޭނު އަހަރެންނަށް ކިޔައިދިން ވާހަކައާ ބެހޭގޮތުން އަހަރެން އިތުރަށް އޭނާއާ އެއްވެސް ސުވާލެއް ނުކުރަމެވެ. އޭނާ ކިޔައިދިން ގޮތުންނާއި ފުރިހަމަކަމުން އަހަރެންނަށް އެވަރު ފުދެއެވެ. އޭނާ ސަމާސާކޮށްލަން ބޭނުން ކުރި އުކުޅުވެސް ނިކަން ފައްކަލެވެ. ކަންދިމާކުރި ގޮތުން އަހަރެން ހޮޅުއަށިން ގެއަށް ދިޔަ މަގުމަތިން އަހްމަދާއި ދިމާވިއެވެ. ދަނޑިވަޅު ބަލައި އަހަރެން ކޮށްލި ސުވާލުތަކަށް އަހްމަދު ދިން ޖަވާބުތަކުން ހުސޭނުގެ ވާހަކައާއި ވަރަށް ފުރިހަމައަށް ގުޅެއެވެ. އަހްމަދު އެ ވާހަކަތައް އެގޮތަށް ކިޔައި ދިނުމުން އަހަރެން ގެއަށް ދިއުމަށް ނިންމީ ހަސަންފުޅާއި ބައްދަލުކޮށް އެ ވާހަކަތައް ޔަޤީންކޮށްފައެވެ.

"ހަސަންފުޅާ!" ހަސަންފުޅު ގެއިން ނުކުންނަ ތަން ފެނިގެން އަހަރެން ގޮވައިލީމެވެ.

"ލައްބައޭ!" ހަސަންފުޅު އަހަރެންނަށް ހިނިތުންވެލިއެވެ. "ކޮއްކޮ ކަމަކުތަ؟"

"އާނ..! ސުވާލެއްކޮށްލަން!" އަހަރެން ފެށަން ބޭނުންވީ ސީދާ އެ ވާހަކައިންނެވެ. "ހާލުގެ ސިފައިގަ، މި ޖިންނި އެއްޗިހި އުޅޭތަ؟"

"ހުސޭނު ކިޔައިދިނީ ދޯ؟" އަހަރެން އަހަން އުޅުނު އެއްޗެއް ހަސަންފުޅަށް އެނގުނެވެ. "އާނ! އެ އެއްޗިހިންނަށް ލިބިފައިވާ ބާރެއް އެއީ! އެފަދަ އެއްޗިހީގެ ކިބައިން ރައްކާތެރިވުމަށް އަހަރެމެން ޖެހޭނީ ދީނުގައި ރަނގަޅަށް ޘާބިތުވެ ތިބެން."

"އެންމެ ރަނގަޅު! ބޭބެއާ އެހެން ކަމަކާ ދިމާވިތަ؟" އަހަރެންގެ ހިތް އިތުރު ވާހަކައެއް އަހަން ބޭނުންވިއެވެ. "މި ބުނީ މި ހާލުގެ އިތުރުން؟"

"އެހެން ބައިވަރު ކަންކަމާ ދިމާވޭ!" ހަސަންފުޅުގެ ޖުމުލަ ވަރަށް ކުރެވެ.

"ވަރަށް ބޮޑު ކަމަކާ ދިމާވިތަ؟" އަހަރެން ސުވާލަކަށްފަހު ސުވާލެއް ކުރަމުން ދިޔައީމެވެ.

"ބޭބެއާ ވަރަށް ބޮޑު ކަމަކާ ދިމާވި! އެއީ ފިޔޮއް ކުކުޅެއްގެ އުނދަގޫ! އެއީ ބޭބެއަށް ދިމާވި އެންމެ ބޮޑު ކަންތައް!" ހަސަންފުޅުގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތާމަވެރިކަމުގެ ކުލަވަރެވެ. "އެކަމަކު ބުނަން. އެ ވާހަކަ ކިޔައި ދެވޭކަށް މިއަދު ވަގުތެއް ނެތް. ﷲ އިރާދަކުރެއްވިއްޔާ އެހެން ދުވަހަކުން ކިޔައި ދޭނަން."

އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އަހަރެންނަށް ހުސޭނު ކިޔައި ދިން ވާހަކަ ޤަބޫލުކުރެވުނެވެ. އެހެނަސް ޤަބޫލުކުރުމާއި ނުކުރުން އެއީ އެ މީހެއްގެ ހައްޤެކެވެ. އަހަރެންނަށް ދެން އިންތިޒާރުކުރެވެން ފެށީ ހަސަންފުޅު ބުނި ފިޔޮއް ކުކުޅުގެ ވާހަކައަށެވެ.

(ނިމުނީ)

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތާކުން ތާކުން

    ހާދަ ހަޑިއޭ ނިމުން...

  2. ސަމާ

    ވާހަކަ ވަރަށް ރީތި
    ފިޔޮއް ކުކުޅުގެ ވާހަކަ ހާމީން ގެނެސްދީބަ.

  3. ބޮހޮބޮހޮ

    ނިމުނުގޮތް ކަމަކު ނުދޭ، ކުރުކޮށްލީދޯ، ފަހުން އޭނައަށް ވީގޮތެއްވެސް ނޭގޭ