އިންޑިއާއަކީ ކުޅިވަރުތަކުގެ ތެރެއިން ކްރިކެޓަށް ޚާއްސަ ފޯރިއެއް އޮންނަ ގައުމެކެވެ. ކޮންމެ ހިސާބެއްގައި ވެސް ކްރިކެޓް ނުކުޅޭ، ކްރިކެޓަށް ލޯބިކުރާ ބަޔަކު ނެތް ހިސާބެއް މުޅި އިންޑިއާ އިން ވެސް ނުފެންނާނެއެވެ. އަދި ހަމައެހެންމެ ކްރިކެޓްގެ ސަޕޯޓަރުންނަކީ ވަރަށް ބޮޑު ޝައުގުވެރިކަމަކާއެކު މެޗްތައް ބަލާ، ހިތްވަރު ދޭ ބައެކެެވެ.

އެހެންކަމުން ބައެއް ފަހަރު، މެޗްތަކުން ބަލިވުމުން ފޭނުންގެ ފަރާތުން ކުޅުންތެރިންނަށް ވަރަށް ބޮޑަށް ނުރުހުމާއި ކުރިމަތިލާން ޖެހެެއެވެ. ޚާއްސަކޮށް މީސްމީޑިއާގައި މީހުން އުޅޭ މި ޒަމާނުގައި މެޗަކުން ބަލިވެއްޖެ ނަމަ އެ ކުޅުންތެރިއަކަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެއެވެ.

ނުވިތާކަށް އެ މީހަކު ޓީމުން ބޭރުކުރަން ގޮވާ ފަހަރުވެސް އާދެއެވެ. އަދި އެ ކުޅުންތެރިންނާ މެދު ނަފްރަތުގެ ބަސްތައް ރައްދުުރުމަކީވެސް ހިނގާ ކަމެކެވެ.

ނަމަވެސް ދާދިފަހުން މަހެންދްރަ ސިންގް ދޯނީ އަށް ދިމާވެފައި ވަނީ ގަބޫލުކުރަން ވެސް ދަތި ހާދިސާއެކެވެ.

ކްރިކެޓް މެޗެއްގައި ދޯނީއަށް ރަނގަޅު ކުޅުމެއް ނުދެއްކުމުން އޭނާގެ އަންހެން ދަރިފުޅަށް ރޭޕްގެ އިންޒާރު ދިން މައްސަލަ ފެންމަތިވުމުން އެތައް ބަޔަކު ތިބީ ހައިރާންވެފައެވެ.

ދޯނީގެ ފަސް އަހަރުގެ އަންހެން ދަރިފުޅަށް ރޭޕްގެ އިންޒާރު ދިނީ ޗެންނާއި ސުޕަ ކިންގްސް ކޯލްކަތާ ނައިޓް ރައިޑާސް އަތުން އަންގާރަ ދުވަހު ބަލިވުމާއި ގުޅިގެންނެވެ.

މިގޮތަށް ދޯނީގެ ދަރިފުޅަށް އިންޒާރު ދިނީ އޭނާގެ އަނބިމީހާ ސާކްޝީގެ އިންސްޓަގްރާމް އެކައުންޓް ޓެގްކޮށް ކުރި ޕޯސްޓްތަކެއްގައެވެ.

މިއީ މިފަދަ އިންޒާރެއް ކުޅުންތެރިއަކަށް ލިބުނު ފުރަތަމަ ފަހަރު ކަމަށް ވާއިރު މި މައްސަލަ ބެލުމަށް ގޮވާލާ އާއްމުން ދަނީ އަޑު އުފުލަމުންނެވެ.
މީސްމީޑިއާގައި މީހުން މި އަމަލު ކުށްވެރި ކުރަމުންދާއިރު އެކްޓިވިސްޓުންނާއި ސިޔާސީ މީހުންވެސް ދަނީ މިކަމާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު