އިންޑިއާގައި އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ރައްޓެހިވުމުން އަންހެން ކުއްޖާގެ އާއިލާއިން ފިރިހެން ކުއްޖާ މަރާލައިފިއެވެ.

އިންޑިއާގެ ފުލުހުން ބުނެފައި ވަނީ ޖަހަންގިރްޕޫރީގައި ދިރިއުޅެމުން އަންނަ 18 އަހަރުގެ ރާހުލް ނަމަކަށް ކިޔާ އެ ފިރިހެން ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އެހެން ނަމަވެސް ފަރުވާ ދެމުން ދަނިކޮށް ކުޑައިރުކޮޅެއްގެ ތެރޭގައި މަރުވެފައިވާ ކަމަށެވެ.

އޭނާ މަރުވެފައިވަނީ އެތެރެ ހައްޓަށް ލިބުނު އަނިޔާތަކުގެ ސަބަބުން ކަމަށް އޮޓޮޕްސީ ރިޕޯޓުން ވަނީ ހާމަ ވެފައެވެ. މި މައްސަލަ އާއި ގުޅިގެން 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އޭގެ ތެރޭގައި 18 އަހަރުން ދަށުގެ 3 ކުދިން ހިމެނޭ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

"ތަހުގީގު ކުރިއަށް ދިޔަ އިރު ހާމަ ވެގެން ގޮސްފައިވަނީ ރާހުލް އާއި އެ އަންހެން ކުއްޖާއާއި ގުޅުމެއް އޮންނަ ކަން. އަދި އެކުއްޖާގެ އާއިލާއިން އެކަމާއި ދެކޮޅު ހަދާފައިވާ ކަން. ރާހުލް މަރުވެފައިވަނީ ކުއްޖާގެ އާއިލާއިން ދިން ހަމަލާ ތަކުގެ ސަބަބުން ލިބުނު އަނިޔާތަކުގައި" ފުލުހުންގެ ސީނިއާ އޮފިސަރަކު ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުންޏެވެ.

ރާހުލްގެ ބައްޕަ ބުނެފައިވަނީ އޭނާ އަކީ ގޭގައި ކުދިންނަށް ޓިއުޝަން ދެމުން އަންނަ މީހެއް ކަމަށާއި އޭނާ އަށް ހަމަލާދީފައިވަނީ 8 ނުވަތަ 10 މީހުންގެ ގްރޫޕަކުން ކަމަށެވެ. އަދި އެތަނުގައި ތިބި މީހުން ރާހުލް ސަލާމަތް ކުރަން އުޅުނުއިރުވެސް އެމީހުން އޭނާ ދޫނުކުރާ ކަމަށް ރާހުލްގެ ބައްޕަ ވަނީ ބުނެފައެވެ.