މޭގަން މާކެލް އާއި އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އެމީހުންގެ ދަރިފުޅު އާޗީގެ ހެދިބޮޑުވުމަށް އަންނަ ބަދަލުތައް ވަރަށް އުފަލާއި އެކު އިއްޔެ އާއްމުންނާއި ހިއްސާކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އިން ލިބިފައިވާ ހުރިހާ ޝަރަފެއް ދޫކޮށްލުމަށް ފަހު މިހާރު އެމެރިކާގައި ދިރިއުޅޭ ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން އެމީހުންގެ ދަރިފުޅަށް އަންނަމުންދާ ބަދަލުތައް ކިޔައިދިނީ "އިންޓަނޭޝަނަލް ޑޭ އޮފް ދަ ގާލް" ފާހަގަ ކުރަން ޕާކިސްތާންގެ މަލާލާ ޔޫސުފްޒާއީ އާއިއެކު ކުރިއަށް ގެންދިޔަ އޮންލައިން ސެޝަނެއްގައެވެ.

ކޮވިޑް-19 އާއި ގުޅިގެން ކަރަންޓީން ވެގެން ތިބިއިރު ކަންކަން ވެގެން ދިޔަގޮތް ކިޔައި ދިނުމަށް މަލާލާ އެދުމުން ހެރީ ބުނީ އެންމެ ބޮޑު އުފަލަކީ ދަރިފުޅު ހެދިބޮޑުވުމުގައި ބޮޑެތި ކުރިއެރުންތައް ހޯދިއިރު އޭނާ އާއި މާގަން އަށް ވެސް ދަރިފުޅުގެ ގާތުގައި ތިބެވުމުން ކަމަށެވެ.

"އަހަރެމެން ދެމީހުން ތިބިން ދަރިފުޅު ފުރަތަމަ ފިޔަވަޅު އެޅިއިރު ވެސް، ފުރަތަމަ ދުއްވައިގަތް އިރުވެސް، ފުރަތަމަ ވެއްޓުނު އިރުވެސް، ދަރިފުޅު ފުރަތަމަ ފަހަރަށް ހުރިހާ ކަމެއް މިހާތަނަށް ކުރިއިރު ގާތުގައި ތިބެވިއްޖެ." ހެރީ ބުންޏެވެ.

ހެރީ ބުނީ ކޮވިޑް-19 އާއި ގުޅިގެން ގޭގައި ތިބެން ޖެހުން އެއީ ކޮންމެވެސް ވަރެއްގެ އުފަލެއް ވެސް ލިބުނު ކަމެއް ކަމަށެވެ. ކަރަންޓީންގައި ތިބެން ނުޖެހުނު ނަމަވެސް ކޮންމެވެސް ތަނަކަށް ދަތުރު ކުރުމުގައި ނުވަތަ ކޮންމެވެސް މަސައްކަތެއްގައި ދުރުގައި އުޅެނިކޮށް ދަރިފުޅު އާކަންތައްތަކެއްކޮށް، އެމަންޒަރު ދެކިލުމުގެ އުފަލުން މަހްރޫމް ވާން ޖެހުމުގެ ފުރުސަތު އޮތީސް ކަމަށް ހެރީ ބުންޏެވެ.

މޭގަން ވެސް ބުނީ ކޮވިޑް-19 އާއި ގުޅިގެން ގޭގައި އިންނަން ޖެހުމުން އާއިލާ އާއިއެކު ވަރަށް ރަނގަޅު ވަގުތުތަކެއް ހޭދަކުރެވިއްޖެ ކަމަށެވެ.