ވިހި އަހަރުވަންދެން ބިގް ސްކްރީންގައި ރަސްކަން ކުރުމަށްފަހު އެކްޝަން ފިލުމު ފާސްޓް އެންޑް ފިޔުރިއަސްގެ ސީކުއަލް ނިންމާލަން އުޅޭކަމަށް ޔުނިވާސަލް ޕިކްޗައިން ހާމަކޮށްފިއެވެ.

ގިނަ އަހަރުތަކަކަށް ދެމިގެންދިޔަ މި ފިލުމުގެ ސީކުއަލް ނިންމާލުމަށް ގަސްތުކޮށްފައިވަނީ އޭގެ އެގާރަވަނަ ފިލުމުންނެވެ. އެންމެ ފަހު ދެ ފިލުމު ޑައިރެކްޓް ކުރާނީ ޖަސްޓިން ލިން ކަމަށް ވެސް އެ ސުޓޫޑިއޯއިން ހާމަކޮށްފައިވެއެވެ.

2001 ވަނަ އަހަރުގެ ފާސްޓް އެންޑް ފިއުރިޔަސްގެ ފުރަތަމަ ފިލުމުން ފެށިގެން، ފިލުމުގައި މުހިންމު ރޯލެއް އަދާކުރާ ވިން ޑީސެލް ވަނީ މި ސީކުއަލްގެ 9 ފިލުމެއް ޕްރޮޑިއުސްކޮށްފައެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި މި ސީކުއަލްގެ ފަހު ދެ ފިލުމުގައި ވިން ޑީސެލްއާއިއެކު މިޝެލާ. ކްރިސް، ޖޯޑަނާ ބްރިވްސްޓަ، ނަތާލީ އިމެނުއަލް، ސަންގް ކޭންގެ ވެސް ފެނިގެންދާނެއެވެ.

ޖަސްޓިން ލިން ވަނީ މި ސީކުއަލްގެ 4 ފިލުމެއް ޑައިރެކްޓްކޮށްފައެވެ. އެއީ 2006 ވަނަ އަހަރުގެ ''ދަ ފާސްޓް އެންޑް ދަ ފިއުރިޔަސް: ޓޯކިޔޯ ޑްރިފްޓް''އާއި، 2011 ވަނަ އަހަރުގެ ''ފާސްޓް ފައިވް''އާއި، 2013 ވަނަ އަހަރުގެ ''ފާސްޓް އެންޑް ފިއުރިޔަސް 6'' އަދި މި އަހަރުގެ ''އެފް 9''އެވެ.

ޑްވޭނީ ޖޯންސަންސްއާއި ޖެސަން ސްޓެތަމް ހިމެނޭ މި ފިލުމަށްވަނީ 5.89 ބިލިއަން ޑޮލާރގެ ފައިދާވެފައެވެ.

މި އަހަރުގެ މެއި މަހު އެޅުވުމަށް ހަމަޖެހިފައިވާ ''އެފް 9'' މިހާރު ތާވަލު ކުރެވިފައިވަނީ އަންނަ އަހަރުގެ މެއި މަހަށްކަމަށް ޔުނިވާސަލްއިން ވަނީ ބުނެފައެވެ.

''އެފް 9''އިން ފާސްޓް އެންޑް ފިއުރިޔަސްގެ ވިލަންގެ ރޯލުން މި ފަހަރު ފެނިގެންދާނީ ޖޯން ސީނާއެވެ.