އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވާސިޓީން ކޮވިޑް-19 އަށް ޚާއްސަކޮށްގެން އުފައްދާ ވެކްސިން، އުމުރުން ދުވަސްވީ މީހުންނަށް ދީގެން ކުރި ތަހުލީލުތަކުން ކާމިޔާބު ނަތީޖާތަކެއް ދައްކައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ކޮވިޑް-19 ގެ ހިރާސްބޮޑު (ހައި ރިސްކް) ކެޓެގަރީގައި ހިމެނޭ އުމުރުން ދުވަސްވީ މީހުންނަށް މި ވެކްސިން ދިނުމުން ބަލީގެ ނުރައްކާ ކުޑަކޮށް ފުރާނައަށް ނުރައްކާ ވުމުގެ ފުރުސަތު ކުޑަވެއެވެ. އަދި ކޮވިޑް-19 ޖެހުމުން ފެންނަ އަލާމާތްތައް މި ވެކްސިންގެ ސަބަބުން މަދުވާ ކަމަށްވެސް ތަހުލީލުތަކުން ވަނީ ހާމަވެފައެވެ.

އޮކްސްފޯޑުގެ ވެކްސިން އުފައްދަނީ އިނގިރޭސިވިލާތުގެ ބޭސް އުފެއްދުމުގައި ކުރިއަރާފައިވާ އަސްޓްރަ ޒެނެކާ ކުންފުންޏާއި ގުޅިގެންނެވެ. މި ވެކްސިނަކީ ކޮވިޑް-19 ގެ ވައިރަސް އާއި ދެކޮޅަށް މަސައްކަތްކުރާ އެންޓިބޮޑީތަކެއް އެކުލެވޭހެން އުފައްދާފައިވާ ވެކްސިނެކެވެ.

މީގެ ކުރިން މި ވެކްސިން އަކީ ޒުވާން އުމުރުގެ މީހުންނަށް ވެސް ކޮވިޑް-19 އިން ރައްކާތެރި ވުމަށް އެކަށީގެންވާ ވެކްސިނެއް ކަމަށް ހެކި ލިބޭ ހޯދުންތަކެއް ހޯދިފައި ވެއެވެ. އަދި މި ވެކްސިންގެ ސީދާ އަސަރު ކޮށްގެން މިހާތަނަށް ތަހުލީލުތަކުގައި ބައިވެރިކުރާ މީހެއްގެ ހާލު ގޯސްނުވާ ކަމަށްވެސް އޮފިޝަލުން ވަނީ ބުނެފައެވެ.

އޮކްސްފޯޑާއި އަސްޓްރަ ޒެނެކާ ގުޅިގެން އުފައްދާ މި ވެކްސިންގެ މިހާރު ކުރިޔަށް ދަނީ ކްލިނިކަލް ޓްރަޔަލްގެ ތިންވަނަ ފޭސްގެ މަސައްކަތެވެ. މި ފޭސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް ބަޔަކަށް ވެކްސިން ދީގެން ތަހުލީލުތައް ކުރިޔަށް ގެންދަން ވަނީ ފަށާފައެވެ.

ދިރާސާވެރިން ވިދާޅުވާގޮތުން މިހާރު ކުރިޔަށްދާ ތަހުލީލުތަކުގެ ފަހުގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ނިންމާލެވިއްޖެ ނަމަ މިއަހަރުގެ ފަހުކޮޅަށް ވެކްސިން ތައްޔާރުކުރެވޭއެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅަށް ދުނިޔޭގެ އެކި ހިސާބުތަކަށް ވެކްސިން ފޯރުކޮށްދޭން ފަށާނެ ކަމަށް އެފަރާތްތަކުން ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 އަށް ވެކްސިނެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ކެންޑިޑޭޓުން ބައިވެރިވަމުން ދެއެވެ. ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ހާމަކޮށްފައިވާ ގޮތުން މިވަގުތު ސަތޭކައަށްވުރެ ގިނަ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރެވެމުން އެބަދެއެވެ. އޭގެތެރެއިން 9 ވެކްސިނެއްގެ ފަހުގެ މަރުޙަލާތައް ވަނީ ފަށާފައެވެ.