ހަތްވަނަ ބައި

އިރުކޮޅެއްވިހެން ހިޔެއް ނުވެއެވެ. ލުކްޝާން ހުރިތަނުގައި ހުއްޓުނެވެ. އެޔާއެކު އަލުން އަނބުރައި އަހްލާމާއި ދިމާއަށް ލުކްޝާން އައީ އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. ލުކްޝާން އައި ގޮތުން ހީވީ ދެންމެ ދެންމެ ވެގެން އުޅޭ ގޮތް ކިޔައިދީފާނެ ހެންނެވެ. ސިކުންތަކުން ފެށުނު ލޯބީގެ ކުޅިވަރު އެއްފަހަރުން ނިންމަފާނެ ހެންނެވެ.

"އަހްލާމް. އަހްލާމް. އޭ އަހްލާމް."

"އެ!" މީހަކު ގޮވައިލި އަޑަށް އަހްލާމް ދިޔައީ ސިއްސައިގެންނެވެ. "ލައްބަ!"

"ހާދަ އޮފިޝަލްކޮށް؟" ލުކްޝާން އަހްލާމާ ސުވާލުކޮށްލިއެވެ.

"ރީތި ބަހުން ވާހަކަދެއްކުން އެއީ ރަޙްމަތްތެރިންގެ މެދުގައި އޮތުން ހަމަ އެންމެ ފުރިހަމަ ރިވެތި ގޮތެއްނުން؟" އަހްލާމް ވާހަކަދައްކަމުން ދިޔައިރު ކޮމްޕިޔުޓަރުން ކުރަމުން ދިޔަ މަސައްކަތް ހުއްޓައެއް ނުލައެވެ.

"ހުމް. ތިބުނީ ހަމަ ތެދެއް." އަހްލާމްގެ ޖުމުލައިން ލުކްޝާން ބުނަން ބޭނުންވި ވާހަކަ ފަސްކޮށްލަން ޖެހުނެވެ.

އަހްލާމަށް ލުކްޝާންގެ ބޭނުން ވަރަށް ރަނގަޅަށް އެނގޭ ފަދައެވެ. އެއީ އޮފީހަށް ފުރަތަމަ އައި ދުވަހު ލުކްޝާން އަހްލާމާ ދިމާއަށް ބެލިކަން އެނގޭތީއެވެ. އޭނާ ބުނަން އުޅުނު ވާހަކައަށް ހުރަސް އެޅީ އެހެންވެއެވެ. ފެންނަހާ މީހާކަށް ހިތްކިޔަމުން ދުވުން އެއީ އަހްލާމް ޤަބޫލުކުރާ ގޮތެއް ނޫނެވެ. އަދި އެހެން މީހެއްގެ ފަރާތުން އެކަން ފެންނަން ވެސް އަހްލާމް ނޭދެއެވެ. އެކަމަށް އަހްލާމް އެއްވެސް މީހަކަށް ފުރުޞަތެއް ވެސް ނުދެއެވެ.

"އޯކޭ! ކެރީ އޮން." ދައްކާނެ ވާހަކައެއް ނޭނގުމުން ލުކްޝާން އެނބުރި އޭނާގެ ގޮނޑިއާ ދިމާއަށް ހިނގައިގަތެވެ.

"މަޑުކޮށްބަލަ!" އަހްލާމް ބާރުބާރަށް ހިނގައިފައި އައިސް ނަފާޒާއާ އަރައި ހަމަކުރިއެވެ. "ކީއްވެތަ މާ ބާރުބާރަށް ތިޔަ ހިނގަނީ؟"

"މިއީ ހޮނިހިރު ދުވަސްވީމަ ފިހާރަތައް ބަންދުކުރާނެ މިހެން ހިނގަން ހިނގަން ތިބެންޏާ!" ނަފާޒާ ހިނގުން އިހުނަށްވުރެއް ބާރުކޮށްލިއެވެ. "މާލެ އެރިތާ މިހާރު ހަފްތާއެއްހާ ދުވަސްވީ އަދިވެސް ހިނގަންވީ ގޮތް ބުނެދޭން ޖެހޭނީ މަށަށް ދޯ؟"

"ހުމް. ވަރެއްގެ އަންހެނެކޭ މިއީ!" އަހްލާމް ނަފާޒާއާއި އެއްވަރަށް ހިނގޭތޯ މަސައްކަތްކުރަމުން ދިޔައެވެ.

އަހްލާމަށް ހުއްޓެވުނެވެ. އޭނާ އެސްފިޔަ ޖަހައި ނުލައި ބަލަމުން ދިޔައެވެ. މީހާ ހުރީ ކުޑަކޮށް ހައިރާން ވެސް ވެފައެވެ. އޭނާގެ ލޯ އޭނާއަށް އޮޅުވައިލަނީ ކަމަށް އޭނާއަށް ޤަބޫލުކުރެވުނެވެ. އެހެނަސް ޤަބޫލުކުރިޔަސް ނުކުރިޔަސް ތެދެއް ވާނީ ތެދަކަށެވެ. އޭނާގެ ކުރިމަތީގައި ހުރި ފިހާރައިން އެ ނުކުތީ އަލީފެވެ. އެނޫން އެހެން މީހެއް ނޫނެވެ.

މަގުގެ އެއްފަރާތުގައި އަހްލާމަށް ހުރެވުނީ ބަލާށެވެ. ފަހަތަށް ނޫނީ ކުރިޔަށް ވެސް ފިޔަވަޅެއް އަޅައިކަން އޭނާއަށް ނޭނގުނެވެ. އަލީފް ފިހާރައިން ނުކުމެ ކުރިމަތީގައި ހުރި ސައިކަލަށް އެރިއެވެ. އަހްލާމަށް ބޭއިޚްތިޔާރުގައި އަތް ހިއްލައިލެވުނެވެ. އެހެނަސް އަލީފް މަގުގެ ދެފަރާތް ބަލައިލުމަށްފަހު ސައިކަލުގައި މަޖީދީމަގުގެ އިރުމަތީ ފަރާތަށް ސައިކަލު ދުއްވައިލިއެވެ. ތޮށް ޖެހިފައިވާ މާލޭގެ މަގުމަތީގައި ހިނގާ ބިނގާވެ އެޅޭ އެތައް ބައެއްގެ ތެރެއިން އަލީފަށް އަހްލާމެއް ނުފެނެއެވެ. އަހްލާމް ފެންނާނެ ކަމަށް އަލީފް އުއްމީދެއް ވެސް ނުކުރާނެއެވެ.

"އޭތް!"

ފަހަތުން މީހަކު ކޮނޑުގައި އަތް ބާއްވައިލުމާއެކު އަހްލާމް ދިޔައީ ސިއްސައިގެންނެވެ.

"ކިރިޔާ... އިނގޭ... ނުގެއްލުނީ..." ނަފާޒާއަށް މައި ނޭވާލެވޭތީވެ ރަނގަޅަށް ވާހަކަދެއްކޭ ގޮތެއް ނުވެއެވެ. "ކިހިނެއްވީ ތިޔަ ހުއްޓުނީ؟"

"އަލީފް!" އަހްލާމަށް ބުނެވުނީ އެވަރަށެވެ.

"ކޮބައި؟" ނަފާޒާ ފަރާތް ފަރާތް ހޯދައި ބަލައިލިއެވެ.

"ނެތް." އަހްލާމް ހުރީ ހުއްޓުން އަރައިފައެވެ.

"އަހޫ! އަހޫ!" ނަފާޒާ އަހްލާމްގެ ކޮނޑުގައި ހިފައި ހުރި ތަނުން ގުޑުވައިލިއެވެ. "ކީކޭ ތިޔަ ކިޔަނީ؟ އާރ ޔޫ އޯލް ރައިޓް ލަވް؟"

"ހުމް. އަލީފް ދެންމެ އެ ދިޔައީ މިތަނުގައި ހުރި ފިހާރަޔަކުން ނުކުމެގެން." އަހްލާމްގެ ލޯ ފެން ކަޅިވިއެވެ.

"އިޓްސް އޯކޭ! އަދި އޭނާއާ ބައްދަލުވާނެ." ނަފާޒާ އަހްލާމްގެ އުއްމީދު އައު ކޮށްދިނެވެ.

އަހްލާމް މަޑު ހިނގުމެއްގައި ދުވާރު މަތިން ހިނގާފައި ދިޔައީ އޮފީހާ ދިމާއަށެވެ. އަހްލާމްގެ ގެއިން އޮފީހަށް ދިއުމަށް ފަނަރަ މިނެޓް ނަގައެވެ. އެހެން ކަމުން ގަޑި ނުޖެހި ދިއުމަށްޓަކައި އަހްލާމް ގެއިން ތިރީސް މިނެޓް ކުރިން ނުކުމެއެވެ. ގަޑި ޖެހުން އެއީ އަހްލާމް ބޭނުންވާ ގޮތެއް ނޫނެވެ. އެއީ ރީތި ގޮތެއް ނޫނެވެ. ނޫނީ ރިވެތި އަޚްލާޤެއް ނުމެ ނޫންމެއެވެ.

މަޑު ހިނގުމެއްގައި ގޮސް އަހްލާމް ކުއްލިއަކަށް ހުއްޓުނެވެ. އަހްލާމްގެ ލޯ އެންމެ ދެކެން ބޭނުންވާ އަލީފް ފެނުނީއެވެ. ސައިކަލެއްގައި މަޑު ދުވެއްޔެއްގައި އޭނާ ދުއްވަމުން ދިޔައިރު ގިރުވާނާ ހަމައަށް ދިގުކޮށްފައިވާ އިސްތަށިގަނޑު ވަޔާއެކު ވިހުރެމުން ދިޔައެވެ. ލައިގެން އިން ހުދު ގަމީހުން އޭނާގެ ރީތިކަމާއި ދޮންކަން އިންތިހާއަށް ފުރިހަމައެވެ. ލޯ މަތީގައި އޮތް އަވި އައިނުން އޭނާގެ މޫނު އިތުރަށް ތާޒާކޮށް ދެއެވެ.

އަހްލާމަށް ބޭއިޚްތިޔާރުގައި އަތް އުފުއްލައި ލެވުނެވެ. އެހެނަސް އަލީފަށް އަހްލާމެއް ނުފެނެއެވެ. ވާނީވެސް އެހެންތާއެވެ. މަގު މައްޗަށް ސަމާލުކަން ނުދީ ސައިކަލު ދުއްވުން އެއީ ނުރައްކާތެރި އެކްސިޑެންޓްތަކަށް މަގު ފަހިވާ ކަމެކެވެ. އަހްލާމްގެ ސިކުނޑިއަށް އެ ޚިޔާލް ވަންއިރު އަލީފްގެ އެއްވެސް ހިލެއްމެއް ވެސް ފެންނާކަށް ނެތެވެ. ނާއުއްމީދުގައި އަހްލާމް ދިޔައީ އޮފީހާ ދިމާއަށެވެ. ނިކަން ފޫހިވެ ހުރެއެވެ.

"ގުޑް މޯރނިގް!" ލުކްޝާނަށް އަހްލާމް ފެނުމާއެކު އޭނާގެ މޭޒު ކައިރީގައި މަޑުކޮށްލިއެވެ.

"މޯރނިގް." އަހްލާމް ވާހަކަދެއްކީ ފޫހިވެ އިނދެއެވެ.

"ކިހިނެއްވީ؟ ހާދަ މޫޑީވެފަ؟" ލުކްޝާން އެތަނުން ގޮނޑިއެއް ދަމާލައި އަހްލާމްގެ މޭޒު ކައިރީގައި އިށީނެވެ.

ކުރިން ލުކްޝާނަކީ އޮފީހަށް ގަޑިއަށް އާދެވޭ މީހެއް ނޫނެވެ. އެހެނަސް ލުކްޝާން އޮފީހަށް ގަޑި ނުޖެހި އައުމުގެ އަސްލަކީ އަހްލާމެވެ. އޭނާ އަންނަނީ އަހްލާމާއެކު އެކަނިވެރި ވަގުތުތަކެއް ހޭދަކޮށްލުމުގެ ނިޔަތުގައެވެ. އެންމެ ފަސް މިނެޓް ވެސް ލުކްޝާން ދޫކޮށްލާކަށް ބޭނުމެއް ނުވެއެވެ. އެ ވަގުތުތަކުގައި ވެސް އަހްލާމާއި އޭނާ ގިނަ ވާހަކަތަކެއް ދައްކައެވެ. އަހްލާމާއި ފުރިހަމަ ގުޅުމެއް ބޭއްވޭތޯ މަސައްކަތް ކުރެއެވެ.

އެހެނަސް އަހްލާމް އެކަމަށް މަރުހަބާ ނުކިޔުމުގެ ސަބަބުން ލުކްޝާނުގެ ހުރިހާ މަސައްކަތެއް ދަނީ ފަނު ފުލުންނެވެ. އެއްވެސް ތަނަކު ނުޖެހެއެވެ. އެއްވެސް މޮޅެއް ވެސް ނުލިބެއެވެ. ކުރިއެރުމެއް ލިބުމުގެ ބަދަލުގައި ދެވެނީ ފަހަތަށެވެ. އެކަމާ ލުކްޝާން ހިތް ނުތަނަވަސް ވެއެވެ. އޭނާގެ އަމިއްލަ ގޭގެ ކޮޓަރި ތެރޭގައި ހުރެގެން އެކަމާ ޝަކުވާކުރާލެއް މަދެއް ވެސް ނޫނެވެ.

"އެއްވެސް ކަމެއް ނުވޭ." އަހްލާމް އިތުރަށް އޭނާގެ އެއްވެސް ވާހަކައެއް ނަފާޒާ ނޫން އެހެން މީހަކަށް ހިއްސާކުރާކަށް ބޭނުމެއް ނުވެއެވެ.

"ގައިމު، ކޮންމެ ވެސް ކަމެއް ވީމަ، ތިހާ ފޫހިވެފަ ތިހުރީ." ލުކްޝާން ވާހަކަދައްކަމުން ދިޔައީ ވަރަށް ގާތްކޮށްލައި ގެންނެވެ.

"ގޫޑް މޯރނިންގް!" އަހްލާމަށް އެއްޗެކޭ ނުބުނެވެނީސް ނަތާޝާ އޮފީހަށް ވަންގޮތަށް ދެފަރާތަށް އަތް ދަމައިލާ ފުން ނޭވާއެއް ހަށިން ބޭރުކޮށްލިއެވެ. "ޓުޑޭ އިސް ގޮނަބީ ޕާރފެކްޓް!"

"އެޔޮށް، އެގްޒާމްތައް ނިމުނީމަތަ؟" ލުކްޝާން ނޭނގޭ ކަމަށް ހަދާފައި އޭނާގެ މޭޒާ ދިމާއަށް ހިނގައިގަތެވެ.

"ޔޭސް އެންޑް ދެ އިސް މޯރ ޓު އިޓް. ބަޓް އިޓް އިސް އަ ސީކްރެޓް!" ނަތާޝާގެ ކަނާތު ޝަހާދު އިނގިލި ތުންފަތަށް ހުރަސް ކޮށްލިއެވެ. "ޝޫ... ޝޫ..."

"އޯކޭ! ޓެލް މީ!" ލުކްޝާން އޭނާގެ ގޮނޑީގައި އިނދެ ނަތާޝާއަށް ހަނާ އަޅައިލިއެވެ.

"ނޮޓް ޔޫ. އަހްލާމްގެ ގާތުގައި އެކަނި ބުނާނީ." ނަތާޝާ އަހްލާމްގެ ގޮނޑީގެ ކައިރިއަށް އޭނާގެ ގޮނޑި ދަމައިލިއެވެ.

"އެކީއްވެ؟ އަޅުގަނޑު؟" އަހްލާމަށް ލިބުނީ ކުއްލި ސިހުމެކެވެ.

"ވަރަށް ދުވަސް ވެއްޖެ މިވާހަކަ މީހަކަށް ޝެއަރ ކުރަން އުޅޭތާ!" ނަތާޝާ ވާހަކަދެއްކީ ވަރަށް ސިއްރު ސިއްރުންނެވެ. "އެކަމަކު ލޯޔަލް ފްރެންޑެއް ނުހުންނާތީވެ ބުނަން ބޭނުން ނުވަނީ. އެކަމަކު އަހްލާމް ސީމްސް ވެރީ ގުޑް."

"އެހެންތަ. ޝުކުރިއްޔާ!" އަހްލާމް ނަތާޝާއަށް ހިނިތުންވެލިއެވެ.

"ހުމް. އަހަރެން އޮފީހުގެ ކުއްޖެއްގެ ނަން ހިތަށް ލައިގެން އުޅޭތާ ވަރަށް ދުވަސް ވެއްޖެ." ނަތާޝާ ވާހަކަދެއްކީ އެ ވާހަކަ އެއްވެސް މީހަކަށް ނީވޭނެވަރު ޔަޤީން ކޮށްގެންނެވެ. "އަހަރެންނަށް އިސްވެ ބުނަން ނުކެރެނީ. މީގަ އައި ނީޑް ޔުރ ހެލްޕް."

"އެއީ ލުކްޝާންތަ؟" އަހްލާމަށް ހީވިހީވުމަށް އެއްޗެކޭ ބުންޏެވެ.

"ޗި. ލުކޭ. ނޯ. އޭނާ އެހާ ޖެންޓެލްއެއް ނުވާނެ." ނަތާޝާ މޫނު މަތީގައި އަތް ދެ ފަރާތް ދެ ފަރާތަށް ހޫރުވައިލިއެވެ.

"ދެން ކާކު؟" އަހްލާމް އިނީ އެއީ ކާކުކަން ބަލައި ހިތްވެފައެވެ.

"އާދޭ! އައި ވިލް ޝޯ ހިމް." ނަތާޝާ މޭޒު މަތީގައި ދަބަސް ބަހައްޓާފައި އަހްލާމްގެ އަތުގައި ހިފައިގެން ދިޔައީ އިސްވެރިޔާގެ ކެބިންނަށެވެ.

ކެބިންގެ ދޮރުގައި ޓަކި ދިނުމަށް ފަހު ހުއްދަ ލިބުމުން ނަތާޝާ އެތަނުގެ ތެރެއަށް އަވަސް އަވަހަށް ދެމިގަތެވެ. ހީވަނީ ކެތްތެރިކަން ކޮޅުންލާފައި ހުރި ހެންނެވެ. އޭނާގެ ލޯ ދެކެން ބޭނުންވާ ސޫރަ ދެކިލާ ހިތްވާލެއް ބޮޑުކަމުންނެވެ. މޭޒުގެ ކައިރީގައި އިން ގޮނޑި ހުރީ ބޭރު ފެންނަ ގޮތަށް ޖަހާފައި ހުރި ބިއްލޫރިއާ ދިމާއަށް އެނބުރިފައެވެ.

އަހްލާމްގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައީ ނަތާޝާގެ އަމަލުތައް ހުރި ގޮތުންނެވެ. ހީވަނީ އަހްލާމް ހެކިކޮށް އެމީހަކު ގާތުގައި ނަތާޝާ ލޯބިވާ ވާހަކަ ބުނެފާނެ ހެންނެވެ. މަޑުމަޑުން ގޮނޑީގައި އިން މީހަކު ނަތާޝާއާއި އަހްލާމާ ދިމާއަށް އެނބުރެމުން ދިޔައެވެ. އަހްލާމަށް ހިންދިރުވައި ލެވުނެވެ. ލޯ ތަންމިނަށް ހުޅުވައިލިއެވެ.

"އަހްލާމް!" އަލީފަށް ލިބުނީ ކުއްލި ސިހުމެކެވެ.

"އަލީފް!" އަހްލާމަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ.

(ނުނިމޭ)