އެމްޑިއެޗް މަސާލާގެ އޯނަރު މަހާޝޭ ދަރަމްޕާލް ގުލާޓީ މިއަދު ހެނދުނުގެ ވަގުތެއްގައި މަރުވެއްޖެ އެވެ. މަހާޝޭ މަރުވެފައިވަނީ އުުމުރުން 97 އަހަރުގައެވެ.

އެމްޑީއެޗް މަސާލާގެ ސީއީއޯ މަހާޝޭ މަޝްހޫރުވެފައިވަނީ އެމްޑީއެޗް ބޭބެ ނުވަތަ ކާފަގެ ނަމުންނެވެ. ނުވަތަ ''މަސާލާ ކިންގް''، ''ކިންގް އޮފް ސްޕައިސަސް''ގެ ނަމުންނެވެ. މިއީ އިންޑިޔާގައި ސްޕައިސްގެ އެންމެ ބޮޑު ބްރޭންޑެވެ.

މަހާޝޭ މަރުވީ މިއަދު ހެނދުނު އޭނާއަށް ހާޓް އެޓޭކެއް ޖެހި ނިއު ދިއްލީގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ރިޕޯޓްތަކުގައިވެއެވެ.

1923 ވަނަ އަހަރުގެ މާރޗު މަހުގެ 23 ވަނަ ދުވަހު ޕާކިސްތާނުގެ ސިއަލްކޮޓްއަށް އުފަންވި މަހާޝޭއާއި އޭނާގެ އާއިލާ އިންޑިޔާގެ ދިއްލީއަށް ބަދަލުވެފައިވަނީ 1947 ވަނަ އަހަރުއެވެ.

1953 ވަނަ އަހަރު ކުޑަ ފިހާރައެއް ކުއްޔަށް ނަގައި މަހާޝިޔަން ޑި ހައްޓީ (އެމްޑީއެޗް)ގެ ނަމުގައި ސްޕައިސް ވިއްކަން ފެށުނެވެ. ނަމަވެސް ރަސްމީކޮށް ކުންފުންޏެއްގެ ގޮތުގައި މި ވިޔަފާރި ފަށައިފައިވަނީ 1957 ވަނަ އަހަރުއެވެ. އަދި މަސާލާ އުފެއްދުމަށް ކްރިތީ ނަގަރުުން މަހާޝޭ ވަނީ ބިމެއް ވެސް ގަނެފައެވެ.

މިހާރު އެމްޑީއެޗް މަސާލައިގެ 50 ބާވަތެއް އިންޑިޔާގެ އެކި ސަރަހައްދުތަކުގައި ހުރި 15 ފެކްޓަރީއެއްގައި ތައްޔާރު ކުރެވެއެވެ. އަދި މި ބާވަތްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކައި ކަމަށް ވެސް ރިޕޯޓްތަކުގައިވެއެވެ.

މަހާޝޭއަކީ ''ފާސްޓް ފުޑް ކަންސިއުމާ ގުޑްސް''ގެ 2017 ވަނަ އަހަރު އިންޑިޔާގެ އެންމެ ގިނަ އާމްދަނީ ލިބުނު ސީއީއޯ ކަމުގައިވެފައެވެ.

2019 ވަނަ އަހަރު މަހާޝޭއަށް ވަނީ ''އިންޑިޔާސް ތާޑް ހަޔަސްޓް ސިވިލިއަން އެވާޑް'' ވެސް ލިބިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު