ބޮލީވުޑްގެ ގިނަ ފިލްމްތަކުން ފެނިގެން ގޮސްފައިވާ ބެންގާލީ އެކްޓަރ އަރްޔާ ބަނެޖްރީ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ދަ ޑާޓި ޕިކްޗަރ އިންވެސް ފެނިގެން ދިޔަ އަރްޔާ މަރުވެފައި އޮއްވާ ފެނިފައި ވަނީ ދެކުނު ކޮލްކަޓާގައި އޭނާ ދިރިއުޅެމުންދާ ގޭގެ ކޮޓަރި ތެރެއިންނެވެ.

ފުލުހުން ބުނީ، އޭނާގެ ހަށިގަނޑު ފެނިފައި ވަނީ އިއްޔެ ކަމަށެވެ.

މިޑީއާ ރިޕޯޓްތައް ބުނާގޮތުގައި، އޭނާގެ ގޭގައި މަސައްކަތް ކުރާ މީހަކު އެ ގޭގެ ދޮރު ނުޙުޅުވައިގެންނާއި، އަރްޔާ ފޯނަށް ޖަވާބުނުދޭތީ އަވައްޓެރިންނަށް އެކަން އެންގި އެވެ. އަދި އަވައްޓެރިން އެކަން ފުލުހުންނަށް އެންގިއެވެ.

އުމުރުން 33 އަހަރުގެ އަރްޔާ މަރުވެފައި އޮތްކަން ފުލުހުންނަށް އެނގުނީ އޭނާ ދިރިއުޅެމުންދާ އެޕާޓްމެންޓްގެ ދޮރު ހަލާކުކޮށްގެން ވަދެ ބެލުމުންނެވެ.

އޭނާ ވަނީ 2010 ވަނަ އަހަރު ފެނުނު އެލްއެސްޑީ ފިލްމުންވެސް ފެނިގެން ގޮސްފައެވެ.

އަދި އޭނާ ވަނީ ބައެއް މޮޑެލިންގ ޑިޕާޓްމެންޓްތަކުގައިވެސް މަސައްކަތް ކޮށްފައެވެ.

އަރްޔާ އަކީ ގޭގައި އެކަނި ދިރިއުޅެމުން އަންނަ މީހެކެވެ. އޭނާ އަކީ ކަންކަމުގައި އަމިއްލައަށް އުޅޭ މީހެއްކަމަށް، އެ ގޭގައި މަސައްކަތު މީހެއްގެ ގޮތުގައި އުޅޭ މީހާ ބުންޏެވެ.