ބޮލީވުޑުގެ ގިނަ ފަންނާނުންނަކީ ފިޓްނަސްއަށް ވަރަށް ސަމާލުކަންދޭ ބައެކެވެ. އޭގެތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އަނިލް ކަޕޫރު އެންމެ ދެކެން ބޭނުންވާ ހުވަފެން ވެސް ވަނީ ފިޓްނަސްއާއި ގުޅިފައެވެ.

އަނިލް ކަޕޫރު އެންމެ ދެކެން ބޭނުންވާ ހުވަފެނަކީ އެހެން މީހުންނެކޭ އެއްފަދައިން ކޮންމެވެސް ދުވަހަކުން އޭނާގެ ވެސް ހަށިގަނޑު ދައްކާލައި، ''ބައިސެޕް'' ދައްކައިލުމެވެ.

އަނިލް ކަޕޫރުގެ މި ހުވަފެން ހަގީގަތަށް ވެފައިވަނީ މި އަހަރު އޭނާ ކުރި ބުރަ މަސައްކަތުންނެވެ. އިންސްޓަގުރާމުގައި ހިއްސާކޮށްފައިވާ ފޮޓޯއިން އޭނާގެ ހުވަފެން ހަގީގަތަކަށް ވެއްޖެކަން ވަނީ ޔަގީން ކޮށްދީފައެވެ.

''އަހަރުމެން އެންމެން ވެސް އެ ދުވަހަކަށް އިންތިޒާރު ކުރާނެ. އެ ދުވަހަކުން މިކަން ކުރާނަން. އެ ދުވަހަކުން އެކަން ކުރާނަން. މި ފޮޓޯގައިވާ ހަގީގަތަކީ ވެސް އެދުވަސް. އަހަރެންގެ އަބަދުވެސް އުއްމީދަކީ ކޮންމެވެސް އެއް ދުވަހަކުން ''ބައިސެޕް''އާއި ''ޓައިސެޕް'' ދައްކާލައި ފޮޓޯތަކެއް މީސް މީޑިޔާގައި ހިއްސާ ކުރުން. މި އަދަކީ އެ ދުވަސް. ކުޑަކުޑަ ކާމިޔާބީއެއް ފާހަގަ ކުރުން''.''ބައިސެޕް'' ދައްކައިލާ އޭނާގެ ދެ ފޮޓޯއެއް އިންސްޓަގުރާމުގައި ހިއްސާކޮށް ބުނެފައިވެއެވެ.

އަނިލް ކަޕޫރަކީ ފިޓްނަސްއަށް ލޯބިކުރާ ފަންނާނެއްކަން ދޭހަވަނީ އުމުރުން 63 އަހަރުގައި ވެސް އޭނާގެ ހަށިގަނޑަށް ބަލައި މިންވަރެވެ. ކަސްރަތު ކުރާ މިންވަރެވެ. ފިޓްކޮށް ހުރުމަށް ކުރާ ބުރަ މަސައްކަތެވެ. މި މަސައްކަތްތައް އޭނާ ދަނީ އޭނާގެ އިންސްޓަގުރާމު އެކައުންޓް މެދުވެރިކޮށް ސަޕޯޓަރުންނާއި ހިއްސާ ކުރަމުންނެވެ.

ފިލުމީ މަސައްކަތަށް ބަލާއިރު އަނިލް ކަޕޫރުގެ ކުރިއަށް އޮތް ފިލުމަކީ ނެޓްފުލިކްސްއިން ދެއްކުމަށް ތައްޔާރުވެފައިވާ ''އޭކޭ ވާސަސް އޭކޭ''އެވެ.