ސުޝާންތު ސިންގް ރާޖުޕޫތުގެ މަރުގެ ތަހުގީގުގެ ތެރެއިން އޭނާގެ ކުރީގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯތީގެ ވަޓްސްއަޕް މެސެޖަކުން ފެންމަތިވި ޑުރަގު މައްސަލައިގައި ޖަލަށްލި ރިއާ ޗަކްރަބޮތީގެ ފިލުމީ ކެރިއަރއާއި ގުޅޭގޮތުން އެތައް ބަޔަކު ދަނީ ޓްވިޓާގައި ވާހަކަ ދައްކަމުންނެވެ.

މި ވާހަކަތައް ދެކެވެމުންދަނީ ރިއާ ޖަލުން ނިކުމެ ފިލުމެއްގައި މަސައްކަތް ކުރުމަށް އިޢުލާން ކޮށްފައިވަނިކޮށެވެ. ޑައިރެކްޓަރ އަރްނަބް އޭނާގެ ކުރިއަށް އޮތް ފިލުމު ''ޗެހެރޭ'' ގައި އަމީތާބު ބައްޗަންއާއި އިމްރާން ޚަޝްމީއާއި އެކު ރިއާ ޗަކްރަބޯތީ ވެސް ފެނިގެންދާނެ ކަމަށް އިޢުލާން ކުރުމުން އެތައް ބައެއްގެ ފާޑުކިޔުންތައް އަރްނަބްއަށް ވެސް ލިބިގެން ދިޔައެވެ.

ޑައިރެކްޓަރ ފަރަހް ޚާން ވެސް ބުނެފައިވަނީ އަރްނަބްއާއި އެކު ކުޅޭ މި ފިލުމަކީ ރިއާގެ އެންމެ ފަހުގެ މަސައްކަތް ކަމަށާއި ރިއާގެ ކެރިއަރ ދުއްވާލަން އުޅުނު އަރްނަބްއަށް އެކަން ނުވި ކަމަށާއި ނަމަވެސް ރިއާއާއި އެކު މަސައްކަތްކޮށް އަރްނަބް އެ ހަލާކު ކޮށްލީ އޭނާގެ އަމިއްލަ ކެރިއަރ ކަމަށެވެ.

އެހެން ޑައިރެކްޓަރަކު ބުނެފައިވަނީ ރިއާ ޖަލަށް ދިޔުމުން އޭނާގެ ކެރިއަރ އެ ހިސާބުން އެ ނިމުނީ ކަމަށާއި ފިލުމެއްގައި މަސައްކަތް ކުރުމުގެ ޗާންސް ރިއާއަށް ދިނުމުން އަރްނަބްއަށް ދެންވާނެ ގޮތެއް ވެސް ބަލަން ތިބޭނެ ކަމަށެވެ.

ޓްވިޓާގައި ދެކެވެމުންދާ މި ވާހަކަތަކަށް ރައްދުދެމުން އާލިއާ ބަޓްގެ މަންމަ ސޮނީ ރަޒްދާން ބުނެފައިވަނީ ރިއާއާއި އެކު ފިލުމު ނުކުޅެންވީ ސަބަބަކީ ކޮބައި ކަމަށާއި ރިއާ ޖަލަށް ދިޔަ ނަމަވެސް އޭނާއަކީ ކުށްވެރިއެއް ނޫން ކަމަށެވެ. ރިއާ ކުރިމަތިވެފައި އެވަނީ ހީނުކުރާ ފަދަ ހާލަތެއް ކަަމަށް ވެސް ސޮނީ ބުނެފައިވެއެވެ.