ބޮލީވުޑުގެ ބަތަކާ ރިއާ ޗަކްރަބޯތީ މަސްތުވާތަކެތީގެ މައްސަލައެއްގައި ތުހުމަތު ކުރެވުމުން މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ފްރީޒް ކޮށްފައި ހުރި އޭނާގެ ބޭންކް އެކައުންޓް ބޭނުން ކުރަން ހުއްދަ ދީފިއެވެ.

ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ ''އެންސީބީ'' އިން ރިއާގެ އެކައުންޓްތައް ފްރީޒް ކޮށްފައިވަނީ އެކްޓަރ ސުޝާންތު ސިންގް ރާޖުޕޫތުގެ މަރުގެ ތަހުގީގުން ފެންމަތިވި މަސްތުވާތަކެތީގެ މައްސަލައިގައެވެ.

އޭގެ އަހަރެއް ފަހުން ކޯޓުން ވަނީ ރިއާގެ ބޭންކު އެކައުންޓު ބޭނުން ކުރުމަށް ހުއްދަ ދީފައެވެ.

ބޭންކު އެކައުންޓުތައް ބޭނުން ކުރުމަށް ހުއްދަ ދިނުމަށް އެދި ކޯޓަށް ހުށަހަޅާފައިވާ ހުށަހެޅުމުގައި ރިއާ ބުނެފައިވަނީ އޭނާއަކީ އެކްޓަރެއް ކަމަށާއި މޮޑެލްއެއް ކަމަށާއި އެންސީބީއިން އޭނާގެ އެކައުންޓުތައް އެއްވެސް ސަބަބެއް ނެތި ފުރީޒު ކުރުން އެއީ ވަރަށް ނާއިންސާފުން ކުރި ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ވަރަށް އުދަނގޫވާ ކަމަށެވެ.

މީގެއިތުރުން އޭނާގެ މުވައްޒަފުންނަށް މުސާރަ ދިނުމާއި ޓެކްސް ދެއްކުން ފަދަ ކަންތައްތައް ކުރަން އުދަނގޫވާ ކަމަށް ވެސް ރިއާ ފާހަގަ ކޮށްފައިވެއެވެ.

ރިއާއަކީ ފައިސާގެ ގޮތުން މިނިވަނެއް ކަމަށާއި، އަމިއްލަ މަސައްކަތުން ލިބޭ އެއްޗަކުން ދިރިއުޅޭ މީހެއް ކަމަށާއި އަދި އޭނާގެ ކޮއްކޮގެ ހަރަދުތައް ބަލަހައްޓަނީ ވެސް އޭނާގެ ފައިސާއިން ކަމަށް ބުނެފައިވެއެވެ.

ރިއާގެ މި ހުށަހެޅުމާއި އެއްކޮށް ކޯޓުން ވަނީ ރިއާގެ ބޭންކް އެކައުންޓްތައް ބޭނުން ކުރުމުގެ ހުއްދައާއި، އޭނާގެ މެކްބުކް ޕްރޯ އެޕަލް ލެޕްޓޮޕަކާއި، އައިފޯނު ވެސް އޭނާއާއި ހަވާލު ކުރުމަށް އަމުރުކޮށްފައެވެ.

މަސްތުވާތަކެތީގެ މައްސަލައިގައި ޖަލުގައި ދުވަސްތަކެއް ހޭދަކުރުމަށް ފަހު އެނބުރި އައިސް ރިއާ ވަނީ އޭނާގެ ފިލުމީ މަސައްކަތްތައް ވެސް ފަށާފައެވެ.