އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި ކައިވެނި ކޮށްގެން އުޅޭ އެމެރިކާގެ ކުރީގެ އެކްޓަރު މޭގަން މާކެލްގެ ކުރިން ނުފެންނަ ފޮޓޯތަކާއި ވީޑިއޯތައް ހިމަނައިގެން މޭގަންގެ ބައްޕަ ތޯމަސް މާކެލް ޑޮކިއުމެންޓްރީއެއް ހަދަން އުޅޭކަން އިއުލާން ކޮށްފިއެވެ.

އުމުރުން 76 އަހަރުގެ މާކެލް އުފައްދާ ޑޮކިއުމެންޓްރީގައި ގޭތެރޭގައި މޭގަން އުޅެނިކޮށް ނަގާފައިވާ ވީޑިއޯތަކާއި ފޮޓޯތައް ފެންނާނެ ކަމަށް ވެއެވެ. މޭގަން އާއި މާކެލްގެ ގުޅުން ވަނީ ޕްރިންސް ހެރީ އާއި ކައިވެނި ކުރި ފަހުން ވަރަށް ބޮޑަށް ގޯސްވެފައެވެ. ފައިސާ ހޯދުމުގެ ބޭނުމުގައި މާކެލް، މޭގަން އާއި ގުޅޭ ތަފާތު މައުލޫމާތުތައް މީޑިއާއާއި ހިއްސާކުރި މައްސަލަ ހޫނުވެ ކޯޓަށް ވެސް މައްސަލައެއް ހުށަހެޅިއެވެ.

މޭގަން ޕްރިންސް ހެރީ އާއި ކައިވެނި ކުރިފަހުން އަދި މާކެލް އާއި ބައްދަލުވެފައެއް ނުވެއެވެ.

މާކެލް އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ "ދަ ސަން" އަށް މައުލޫމާތު ދެމުން ބުނީ ޑޮކިއުމެންޓްރީގައި ދައްކައިދޭނީ އޭނާ އާއި މޭގަންގެ ދިރިއުޅުމުން ކަމަށެވެ. "އަހަރެންގެ ދިރިއުޅުން ފެށިގެން އައި ގޮތާއި އަހަރެންގެ އާއިލާ އަދި އަހަރެން ތިއޭޓާ މަސައްކަތްތަކާއި ޓެލެވިޒަން މަސައްކަތްތައް ކުރިގޮތް އެއިން ފެނިގެން ދާނެ. އޭގެ އިތުރުން މޭގަން އާއިއެކު އަހަރެންގެ ދިރިއުޅުން ފެނިގެން ދާނެ. މޭގަން ބޮޑުވަމުން އައިގޮތާއި މޭގަންގެ ސުކޫލް ދުވަސްތަައް ނިމި ކޮލެޖާއި ހަމައަށް ދިޔަ ގޮތާއި އޭނާގެ ފިލްމީ ކެރިއަރު ފެށުނު ގޮތް ވެސް ފެނިގެން ދާނެ." މާކެލް ބުންޏެވެ.

މާކެލް އަކީ ހޮލީވުޑްގެ ލައިޓް ޑައިރެކްޓަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރުމަށްފަހު މިހާރު ރިޓަޔާ ކޮށްފައިވާ މީހެކެވެ.

މާކެލް ބުނާ ގޮތުގައި މޭގަން ފުރަތަމަ ކައިވެނި ކޮށްގެން ކެނެޑާ އަށް ދިރިއުޅުން ބަދަލު ކުރުމާއި ހަމައަށް އޭނާ އާއިއެކު އޮތީ ވަރަށް ރަނގަޅު ގުޅުމެކެވެ.

މޭގަން ވަރަށް ކުޑައިރު މޭގަންގެ ބައްޕަ އާއި މަންމަގެ ކައިވެނި ރޫޅިއްޖެއެވެ. އެއަށްފަހު އޭނާ ގިނަ ދުވަސްތައް ހޭދަކުރީ މަންމަ އާއިއެކުއެވެ. އުމުރުން 18 އަހަރު ވުމާއިއެކު މޭގަން އަމިއްލަ ޚަރަދުތައް ހަމަޖައްސަމުން އައީ އަމިއްލައަށް ކުރި މަސައްކަތުންނެވެ.