ފިލުމު ''ސްޓޫޑެންޓް އޮފް ދަ އިޔާ'' އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އާލިއާ ބަޓް ފިލުމީ މަސައްކަތް ތަކުގައި އަވަދިނެތި އުޅުމަށްފަހު ހާސްކަން ފިލުވައިލާ ސިކުނޑިއަށް ލުޔެއް ދިނުމަށް ޗުއްޓީ ހޭދަކޮށްލުމަށް ރަހުމަތްތެރިންނާއި އެކު ރާއްޖެ އައިސްފިއެވެ.

އާލިއާގެ އެންމެ ގާތް ރަހުމަތްތެރިން ކަމުގައިވާ އަކާންޝާ ރަންޖަން ކަޕޫރާއި އަނުޝްކާ ރަންޖަން ކަޕޫރާއި އެކު ރާއްޖޭގެ ރިޒޯޓެއްގައި މަސައްކަތުން އެއްކިބާވެ އުފާވެރި ވަގުތުތަކެއް ދަނީ ހޭދަ ކުރަމުންނެވެ.

އާލިއާ ޗުއްޓީ ހޭދަކުރަމުންދަނީ ޗެވަލް ބްލަންސް ރަންދެލި ރިސޯޓުގައެވެ. އާލިއާ ވަނީ ރިސޯޓުގެ ބީޗުގައި މޫދުގެ ހިތްގައިމު މަންޒަރު ބަލަމުން ކޮފީއަކަށް އިންސާފު ކުރާ ތަން އޭނާގެ އިންސްޓަގުރާމު ސްޓޯރީގައި ހިއްސާ ކޮށްފައެވެ.

އަނުޝްކާއާއި އަކާންޝާގެ އިންސްޓަގުރާމުގެ ސްޓޯރީގައި އާލިއާއާއި އަނުޝްކާއާއި އަކާންޝާ ޕޫލުގައި އުފާވެރި ވަގުތުތަކެއް ހޭދަކުރަމުންދާ ފޮޓޯތައް ވަނީ ހިއްސާ ކޮށްފައެވެ.

އާލިއާގެ ފިލުމީ މަސައްކަތްތަކަށް ބަލާއިރު ދެން އޭނާ އެންމެ ފުރަތަމަ ފެނިގެންދާ އަޔާން މުކަރުޖީގެ ފިލުމު ''ބުރަހްމަސްތުރާ''އެވެ. މި ފިލުމުގައި އާލިއާ ފެނިގެންދާނީ އޭނާގެ ލޯބިވެރިޔާ ރަންބީރު ކަޕޫރާ އެކުގައެވެ.

މީގެއިތުރުން ވެސް އާލިއާ ދަނީ އެސްއެސް ރާޖުމޯލީއާއި ސަންޖޭ ލީލާ ބަންސާލީގެ ފިލުމު ''ގަންގުބައި ކަތިއަވަޑި'' ގެ މަސައްކަތްތައް ވެސް ކުރަމުންނެވެ. އަދި ކަރަން ޖޯހަރުގެ ޕީރިއަޑިކް ޑްރާމާއެއް ކަމަށްވާ ''ތަހުތު'' ގެ މަސައްކަތް ވެސް އާލިއާ ދަނީ ކުރަމުންނެވެ.

ފިލުމު ''ތަހުތު'' އިން އާލިއާއާއިއެކު ފެނިގެންދާނީ ރަންވީރު ސިންގް، ކަރީނާ ކަޕޫރު ޚާން، ވިކީ ކޯޝަލް، އަނިލް ކަޕޫރު، ޖާންވީ ކަޕޫރު އަދި ބޫމީ ޕަޑްނޭކަރުއެވެ.