ފިލުމު ''ކެޑަނާތުން'' ބޮލީވުޑަށް ތަޢާރަފްވި ސައިފް ޢަލީ ޚާނާއި އަމްރިތާ ސިންގްގެ ދަރިފުޅު ސާރާ އަލީ ޚާނަކީ ޕަޕަރާޒީންނާއި އަބަދުވެސް ސަމާސާ ޖަވާބު ދިނުމުގައި ފާހަގަ ކޮށްލެވޭ ފަންނާނެކެވެ.

އެންމެންނާއި ވެސް ގުޅޭ މަޖާ މިޒާޖެއްގެ ސާރާ އާއި ޕަޕަރާޒީންގެ ފަރާތުން ކުރިމަތިވާ ސުވާލުތަކަށް ސީދާ ޖަވާބު ނުދޭ ނަމަވެސް ޕަޕަރާޒީން ހެއްވާލާ ކަހަލަ ޖަވާބުތައް އަބަދުވެސް ދެއެވެ.

މި ފަހަރު ވެސް ޕަޕަރާޒީންގެ ފަރާތުން ކުރިމަތިވި ސުވާލަށް ސާރާ ޖަވާބު ދީފައިވަނީ ހަމަ މިގޮތަށެވެ. ސީދާ ޖަވާބު ނުބުނެ ލާނެތް ގޮތަކަށް ޖަވާބު ދީފައިވެއެވެ.

ރީނދޫ ކުލައިގެ ހެދުމެއްގައި އަދި ހުދު ކުލައިގެ ދޯޕައްޓާއެއް އަޅައިގެން ކާރުން ފައިބައިގެން ސާރާ އަންނަތަން ފެނުމުން އެއްވެ ތިބި ޕަޕަރާޒީންގެ ތެރެއިން މީހަކު ސާރާއާ ސުވާލު ކޮށްފައިވަނީ ސާރާ އެ ދަނީ ކޮންތާކަށްތޯއެވެ.

މި ސުވާލަށް ޖަވާބުދެމުން ލާނެތް ގޮތަކަށް ހީލާފައި ސާރާ ބުނެފައިވަނީ ސާރާ އެ ދާތަނެއް އެމީހުންނަށް ވަރަށް އަވަހަށް އެނގޭނެ ކަމަށާއި އެކަން އެމީހުން ހޯދާނެ ކަމަށެވެ. ސާރާގެ މި ޖަވާބަށް ސުވާލު ކުރި މީހާ ވެސް ހީގަތެވެ.

ޕަޕަރާޒީންގެ ސުވާލުތަކުން ރެކިގެން ގޮސް ސާރާ ވަދެފައިވަނީ ''ފިލުމު ކާސްޓިން'' ބޯޑު ޖަހާފައި ހުރި އިމާރާތެއްގެ ތެރެއަށެވެ.

ސާރާގެ ފިލުމީ މަސައްކަތަށް ބަލާއިރު ސާރާ މިހާރު ކުރަމުންދަނީ ފިލުމު ''އަތުރަންގީ ރޭ'' ގެ އެންމެ ފަހުގެ މަސައްކަތްތަކެވެ. މި ފިލުމުގައި ސާރާއާއި އެކު ފެނިގެންދާނީ އަކްޝޭ ކުމާރާއި ދަނުޝްއެވެ.

ސާރާގެ އެންމެ ފަހުން ރިލީޒް ކުރެވިފައިވާ ފިލުމަކީ ''ކޫލީ ނަންބަރު 1'' އެވެ. މި ފިލުމުގައި ސާރާ ފެނިގެން ގޮސްފައިވަނީ ވަރުން ދަވަންއާ އެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު