ޓެލް ކުންފުނިތަކުގެ މެދުގައި އޮންނަ ވާދަވެރިކަން އިތުރުވެފައިވާ މި ދުވަސްކޮޅުގައި އެޕަލް އިން އެންމެ ފަހުން ނެރުނު އެޕަލް ވޮޗް އާއި ވާދައަށް ވަންޕްލަސް އިންވެސް ގަޑިއެއް ނެރޭގޮތަށް ނިންމައިފި އެވެ.

ވަންޕްލަސް ވޮޗްގެ ދެ ވޭރިއެންޓެއް ނެރޭނެ ކަމަށް ޓެކްނިކްނިއުސް އިން ބުނާއިރު ވަންޕްލަސް ވޮޗް ގެ ކަމަރުގެވެސް ދެ ޑިޒައިނެއް ނެރޭނެ އެވެ. ލެދާ ނޫނީ ލެދާގެ މެޓީރިއަލް އަކުން ނުވަތަ ސިލިކަން ގެ ވައްތަރަކުން ހަދާފައިވާ ދެ ކަމަރެއް ވަންޕްލަސް ވޮޗް އާއި އެކު ނެރޭނެ ކަމަށް އެ ނޫހުން ރިޕޯޓު ކުރެއެވެ.

ގަޑީގެ ކަމަރެއްގެ ގޮތުގައި ގިނަ ބަޔަކު ލެދަރ ކަމަރު ބޭނުންކުރާއިރު ޕްރޮފަޝަނަލް ނުވަތަ ފެޝަނެއްގެ ގޮތުގައިވެސް ލެދަރ ކަމަރު ގަޑި އަޅައެވެ. ސިލިކަން ކަމަރު ގަޑި އަޅަނީ ކަސްކުރާއިރު ފެނާއި ދަލުން ރައްކާތެރި އެއްޗަކަށް ވާތީ އެވެ.

އެހެނިހެން ސްމާޓް ވޮޗް ތަކާއި އެއްގޮތަށް ވަންޕްލަސް ވޮޗްގެ ކަމަރުވެސް ބަދަލު ކުރެވޭނެ ކަމަށް ލީކުވި ރިޕޯޓުން ހާމަވެ އެވެ. ގަޑި ހަދާފައިވާ މެޓީރިއަލް އަށް ބަލައި ވަންޕްލަސް ވޮޗް ގެ އަގުތައްވެސް ތަފާތު ވާނެ އެވެ. މިއީ އެޕަލް ވޮޗް ތަކުގައިވެސް ގަޑި ހަދާފައިވާ މެޓީރިއަލް ތަފާތު ވާތީ ކަމަށް ބެލެވެ އެވެ.

ވަންޕްލަސް ވޮޗްގެ އަގުތައް ތަފާތުވި ކަމުގައި ވިޔަސް ދެ ގަޑިންވެސް ކުރެވޭނީ އެއްކަހަލަ ކަންކަމެވެ. ލީކުވެފައިވާ ރިޕޯޓުން އެނގޭގޮތުގައި އެޕަލް ވޮޗް 7 އާއި ވަންޕްލަސް ވޮޗް ވާދަކުރާނެ ކަމަށް ބެލެވެ އެވެ.