އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ވާޖީނިއާ އިން ގެއްލުނު 17 އަހަރުގެ އަންހެން ކުއްޖާ ހަތް އަހަރު ފަހުން މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

އެލެކްސިސް ޓިއަރާ މާފީ އޭނާގެ ގެއިން ނިކުމެގެން ގޮސްފައިވަނީ 2013 ވަނަ އަހަރު އޮގަސްޓް ތިން ވަނަ ދުވަހު ލީނިޗްބާގް އަށް ޒިޔާރަތް ކުރުމަށެވެ. ކެމެރާތަކުން އޭނާ އެންމެ ފަހުން ދިރިހުއްޓާ ފެނިފައި ވަނީ ލަވިންގްސްޓަން ގޭސް ސްޓޭޝަން އިން ކަމަށްވެއެވެ.

އޭނާގެ ހަށިގަނޑު ފެނިފައި ވަނީ މިދިޔަ ޑިސެމްބަރު ތިން ވަނަ ދުވަހުއެވެ. އަދި ހަށިގަނޑަކީ ކާކުގެ ހަށިގަނޑެއްތޯ ދެނެގަތުމުގެ މަސައްކަތް ކުރަނިކޮށް، އެއީ އެލެކްސިސްގެ ހަށިގަނޑުކަން ޔަގީންވީ ފެބްރުއަރީ ފަސް ވަނަ ދުވަހުއެވެ.

އާއިލާ އިން މިކަމާ ގުޅިގެން ބުނީ މިއަދާ ހަމައަށް އައިއިރު އެލެކްސިސް ނެތުމުގެ ހިތްދަތިކަން އޮތް ކަމަށެވެ. އަދި ގަދަވެ، ސަލާމަތުން އޭނާ ދިރިހުއްޓާ ފެންނާނެ ކަމަށް އާއިލާ އިން އަބަދުވެސް އުންމީދު ކުރި ކަމަށް އާއިލާ އިން ބުންޏެވެ.

"2013 ވަނަ އަހަރު ފެށިގެން މިއަދާ ހަމައަށް ވެސް އެލެކްސިސް ނެތުމުގެ ހިތްދަތިކަން އަހަރުމެން ކުރަން، އަހަރުމެން އަދިވެސް އުންމީދު ކުރަނީ ގަދަވެ ސަލާމަތުން އޭނަ ދިރިހުއްޓާ ފެންނާނެ ކަމަށް، އެލެކްސިސްއަކީ އަހަރުމެންގެ އާއިލާގެ މަޖާ، ފެޝަނަށް ލޯބިކުރާ އަދި އެތްލީޓެއް، އަހަރުމެންނަށް އޭނާ ދެކެ ލޯބިވާން 17 އަހަރުގެ ނަސީބު ލިބުނު އަދި އޭނާގެ ހަނދާންތައް އަހަރުމެން ދިރި ހުރިހާ ހިނދަކު އަހަރުމެންނާ އެކީ ވާނެ" އާއިލާގެ ބަޔާނުގައިވެއެވެ.

އެލެކްސިސް މަރާލި މައްސަލައިގައި މީހެއްގެ މައްޗަށް ދައުވާ ވެސް ވަނީ ކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު