ލަވަ ކިއުމުގެ ދާއިރާގައި ފިޔަ ޖަހަމުން އަންނަ ފާހަގަ ކޮށްލެވޭ ލަވަކިއުންތެރިއެއް ކަމަށްވާ ހަސަން އިރުފާން (ޒަކިއްޓެ) އަކީ ޒުވާން ފަންނާނުންގެ ތެރެއިން ތަފާތު ސްޓައިލެއްގެ ވެރިއެކެވެ. އޭނާގެ އަމިއްލަ ލަވަތަކުން ވެސް ފެންނަނީ އަމިއްލަ ކުލަވަރެވެ. ހިތްގައިމުކަމާއި ސާދާކަމެވެ. ޒަކިއްޓެގެ ހިތްގައިމު ކަން މިފަހަރު އާއްމުންނާ ހަމައަށް ގެނެސްދިނީ "ސަލްޓަންސް"ގެ އާދޭގެ ކަވަ ލަވައިންނެވެ.

ގިޓާގައި ސާދާ ގޮތަކަށް ހުށަހަޅައި ދިނީ މި ލަވައިގެ ކުޑަ ތަންކޮޅެކެވެ. ނަމަވެސް އަޑު އަހާލަން ވަރަށް ހިތްގައިމެވެ. ޒަކިއްޓެއަކީ ދިވެހިންގެ ތެރެއިން ޚާއްސަކޮށް ޒުވާނުންގެ މެދުގައި މަގްބޫލްކަން ހޯދާފައިވާ ތަފާތު ސްޓައިލެއްގެ ހުށަހެޅުންތެރިއެކެވެ. އޭނާގެ ހުށަހެޅުންތަކަށް އާންމުންގެ ސަމާލުކަން ހުއްޓޭ އެއް ސަބަބަކީ އޭގެ ތަފާތުކަމާއި އަމިއްލަވަންތަ ގޮތްގަނޑެވެ. އެގޮތުން ސަކަ މިޒާޖެއްގެ ޒަކިއްޓެ މިދިޔަ އަހަރުގެ ފިރިހެނުންގެ ދުވަހުގެ މުނާސަބަތުގައި ހުށަހެށި ލަވައަށް ވެސް އެތައް ބައެއްގެ ސަމާލުކަން ލިބުނެވެ.

"ލައިފް ގަ އަންނާނެ އަޕްސް އެންޑް ޑައުން" މި ނަމުން ނަން ދީފައިވާ އެ ލަވަ ވެގެންދިޔައީ މީސްމީޑިއާގައި ހިނގި ލަވައަކަށެވެ. މީގެ އިތުުރުން ޒަކިއްޓެގެ ކުރިއަށް ނެރެން ހަމަޖެހިފައިވާ 11:11 އަލްބަމްގައި މި ލަވަ ހިމަނާނެ ކަމަށް އޭނާ ބުނެފައިވާ އިރު މި އަލްބަމަށް އޭނާގެ ފޭނުން ދަނީ ކެތްތެރިކަމާއެކު އިންތިޒާރު ކުރަމުންނެވެ.

މިހާތަނަށް އަޑުއެހުންތެރިން ގަޔާވާ އެތައް ލަވައެއް ގެނެސްދީފައިވާ ޒަކިއްޓެ އަށް ލިބެމުންދާ ތަރުހީބު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އޭނާ ފިރިހެނުންގެ ދުވަހު ނެރުނު ލަވައަށްވެސް 3،000 އާ ގާތްކުރާ އަދަދަށް ވިއުސް ލިބިފައިވާ އިރު އޭނާގެ ފޭނުން ވެސް ގިނައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާޝޯޙު

    އަޑެއް މަޚުރަޖެއް ރާގެއް ނެތި ލަވަކިޔާ މީހެއްކަން ފާހަގަ ކުރެވޭ