އިނގިރޭސިވިލާތުގެ ލަންޑަންގައި ރިޕޯޓަރަކާ ކެމެރާމަނަކަށް ބަޑިއެއް ދެއްކުމަށް ފަހު ބިރުދައްކައިގެން އަގުބޮޑު ވިޑިއޯ ކެމެރާއެއް ފޭރިގެންފިއެވެ.

ރިޕޯޓަރު ލޯރެލް އާވިންސް އަދި ކެމެރާމަން ޖިމީ ކެނަން މަގުމަތީގައި ހަރަކާތްތެރިވުމުން ދަނިކޮށް ބިރު ދައްކައިގެން ފޭރިގަތީ 15000 ޕައުންޑުގެ އަގުހުރި ވީޑިއޯ ކެމެރާއެކެވެ.

ކެމެރާ ފޭރުނު މީހާ ހުރީ މޫނު ނިވާކޮށްގެންނެވެ. އޭނާ އެންމެ ފުރަތަމަ ބިރު ދެއްކީ ކެމެރާމެނަށެވެ. އަދި ކެމެރާ ގެންދަން އުޅުމުން ރިޕޯޓަރު ވަނީ ކެމެރާގައި ހިފާ އޭނާ ހުއްޓުވުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ފޭރުނު މީހާ އޭނާގެ އަތުގައި އޮތް ބަޑި ދެއްކުމުން ރިޕޯޓަރުވެސް ދޫކޮށްލީއެވެ.

މި ހާދިސާ ހިނގައި ދިޔަ މަންޒަރު ކާރެއްގައި ހުރި ޑޭޝްބޯޑު ކެމެރާއަކުން ވަނީ ރެކޯޑު ކުރެވިފައެވެ. މި ވިޑިއޯ ފުލުހުންނާއި ހަވާލު ކުރެވިފައިވާއިރު މި މައްސަލަ އިތުރަށް ދަނީ ތަހުގީގު ކުރަމުންނެވެ.

ރިޕޯޓަރާއި ކެމެރާމަނަށް ބިރު ދެއްކީ ޝާހީ އާއިލާގެ މީހުންގެ ތެރެއިން އެންމެ ބުރަކޮށް މަސައްކަތް ކުރަނީ ކާކުކަމާއި މެދު ލައިވް ރިޕޯޓެއް ކުރުމަށްފަހުއެވެ. އަދި އެއަށް ފަހު ފޭރުމުގެ ހާދިސާ ހިނގައި ދިޔައީ މީގެ ކުރިން ހިނގައި ދިޔަ އަލިފާނުގެ ހާދިސާއަކާއި ގުޅޭ ވާހަކަތަކެއް ރިކޯޑު ކުރަން އުޅުމުގެ ތެރޭގައެވެ.

މަގުމަތީގައި ލައިވްކޮށް ރިޕޯޓު ކުރުމަށް ފަހު މާގިނަ ވަގުތެއް ނުވަނީސް، ޖެހިލުންވުމަކާއި ނުލައި އެފަދަ އަމަލެއް ހިންގުމުން އެތައް ބަަޔަކު ވަނީ ހައިރާންވެފައެވެ. އަދި މިކަމުގެ ސަބަބުން ލަންޑަންގެ ކްރައިމް ރޭޓު އިތުރުވަމުންދާ ވާހަކަ އިތުރަށް ވަނީ ދެކެވެން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު