ބޮލީވުޑު ފިލުމުތަކަށް ރީތި ލަވަތަކެއް ކިޔައިދީފައިވާ ސޯނޫ ނިގާމް އޭނާގެ ބަޔޮގުރަފީއެއް ލިޔަން އުޅޭ ކަމަށް ބުނެފިއެވެ. އޭނާގެ ދިރިއުޅުމުގައި ހިނގާފައިވާ އެތައް ވާހަކަތަކެއް ހިމެނޭ ގޮތަށް ލިޔާ މި ބަޔޮގުރަފީ މި އަހަރު ފަހުކޮޅު ނެރެވޭނެ ކަމަށް ވެސް ސޯނޫ ނިގާމް ބުނެފައިވެއެވެ.

އުމުރުން 47 އަހަރުގެ ލަވަކިޔުންތެރިޔާގެ މި ބަޔޮގުރަފީގައި އޭނާއާއި ބެހޭގޮތުން ނޭނގޭ އެތައް ކަމެއް ވަރަށް ތަފްސީލުކޮށް ގެނެސްދޭނެ ކަމަށް ވެސް މި ފޮތް ޕަބްލިޝް ކުރާ ފަރާތް ކަމަށްވާ ބުލޫމްސްބަރީ އިންޑިޔާއިން މިދިޔަ ހޯމަ ދުވަހު ބުނެފައިވެއެވެ.

ސޯނޫ ނިގާމް އެންމެ ފުރަތަމަ ބޮލީވުޑަށް ތަޢާރްވި ފުރަތަމަ ލަވައަކީ 1992 ވަނަ އަހަރު ފިލުމު ''އާޖާ މެރީ ޖާން'' އަށް ކިޔައިދިން ''އޯ އާސްމާން ވާލޭ'' އެވެ. މި ލަވައަށް ފަހު މިއަދާއި ހަމައަށް ވެސް ބޮލީވުޑުގެ އެންމެ ފާހަގަ ކޮށްލެވޭ އަޑުތަކުގެ ތެރޭގައި ސޯނޫގެ އަޑު ހިމެނެއެވެ.

30 އަހަރު ވަންދެން އިންޑަސްޓްރީގައި ލަވަކިޔުމުގައި ހޭދަކޮށްފައިވާ ސޯނޫ މިހާތަނަށް ވަނީ ހިތްގައިމު އެތައް ލަވައެއް ކިޔައިދީފައެވެ. އޭގެތެރޭގައި ''ޔޭ ދިލް ދީވާނާ''، ''ކަލް ހޯ ނަހޯ'' ފަދަ ލަވަތައް ހިމެނެއެވެ.

ސޯނޫ ބުނެފައިވަނީ އޭނާގެ މި ބަޔޮގުރަފީގައި އޭނާއާއި ބެހޭގޮތުން ވާހަކަތައް ހިމަނާނީ ކިހައި މިންވަރަކަށްތޯ ނިންމުމަކީ ވަރަށް އުދަނގޫ ކަމެއް ކަމަށެވެ. ހުރިހާ ބަޔޮގުރަފީއެއްގައި ވެސް ލިޔެފައިވަނީ ދޮގު ވާހަކަތަކެއް ކަމަށް ކުރިން އެނގިފައިވީ ނަމަވެސް މި ބަޔޮގުރަފީގައި އޭނާ ހާމަކުރާނީ ތެދުކަމަށް ވެސް ސޯނޫ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު