ކޮންމެ މިނެޓެއްގެ ތެރޭގައި ތިން މިލިއަން މާސްކު އެއްލާލެވޭ ކަމަށް ދިރާސާ ތަކުން ދައްކައެވެ.

2020 ވަނަ އަހަރުގެ ޖޫން މަހު، ޕޯޗުގަލްގެ އެވެއިރޯ ޔުނިވާސިޓީ އިން ކޮށްފައިވާ ދިރާސާ އިން ދައްކާ ގޮތުން ދުނިޔޭގައި މަހެެއްގެ މައްޗަށް 129 ބިިލިއަން ފޭސް މާސްކު ބޭނުން ކުރެއެވެ.

ޑެންމާކު ޔުނިވާސިޓީގެ އެކްސްޕާޓުން މިނެޓެއްގެ މައްޗަށް ތިން މިލިއަން މާސްކު އެއްލާލުން ސިފަ ކޮށްފައިވަނީ 'ޓިކިން ޓައިމް ބޮމެއް'ގެ ގޮތުގައެވެ. ސައިންސްވެރިން ބުނަފއިވަނީ ދުނިޔޭގައި އެންމެންވެސް މިއީ ތިމާވެއްޓަށް ދެވޭ ބޮޑު ގެއްލުމެެއްކަން ދެނެގަންނަން ޖެހޭ ކަމަށެވެ.

ގިނަ ގައުމުތަކުގައި އާންމު ގޮތެއްގައި މާސްކު އެޅުމަކީ އަލަށް ކުރާ ކަމެކެވެ. ޕްލާސްޓިކް ފުޅި ފަދަ ތަކެތި އާންމުކޮށް ބޭނުން ކުރަމުން ދާތީ އެތަކެތި ރިސައިކަލް ކުރެވޭނެ ގޮތްތަކެއް ވަނީ ހަމަޖެހިފައެވެ. މާސްކު ބޭނުން ކުރަން އަލަށް ފެށުމާއި އެކު ރިސައިކަލް ކުރެވޭނެ ގޮތެއް ހަމަޖެހިފައި ނެތުމުން އާދައިގެ ކުނީގެ ގޮތުގައި އުކާލަނީ ކަމަށް ބެލެވެއެވެ.

ދިރާސާ ކުރާ މީހުން ބުނެފައިވަނީ މާސްކު ކުނި ނައްތާލުމުގައި ފަރުވާ ކުޑަވެފައި ވުމުން މާސްކުތަށް ފެންނަމުން ދަނީ ސާފު ފެން ލިބޭ ކޯރުތަކާއި މޫދު ފަދަ ތަންތަނުން ކަމަށެވެ.

އޯޝަންއޭޝިއާ އިން 2020 ވަނަ އަހރުގެ ފަހުކޮޅު ނެރެފައިވާ ރިޕޯޓެއްގައި ފާހަގަ ކޮށްފައި ވަނީ 1.5 މިލިއަން މާސްކު މިދިޔަ އަހަރު ކަނޑުތަކަށް އެޅިފައިވާ ކަމަށެވެ. ހޯދިފައިވާ މައުލޫމާތު ތަކުން ދައްކާގޮތުން މާސްކެއް ހަލާކުވެ ދިޔުމަށް 450 އަހަރު ނަގައެވެ. މެރިން ޕްލާސްޓިކް ޕޮލިއުަންގެ ސަބަބުން ކަނޑުތަކަށް ބޮޑު ގެއްލުމެއް ލިބިގެންދެއެވެ. އެގޮތުން އަހަރެއްގެ ތެރޭގައި 100،000 ކަނޑުގައި އުޅޭ ވެލާ ފަދަ ތަކެތި މަރުވެގެން ދެއެވެ.