ޗައިނާގެ ވުހާން ސިޓީން 2019 ވަނަ އަހަރުގެ ފަހުކޮޅު ފެނުނު ކޮވިޑް-19 ދުނިޔޭގެ ގިނަ ގައުމުތަކަށް ފެތުރި އިންސާނުންނަށް ވައިރަހުގެ ސަބަބުން ކުރިމަތިވި ބަލިމަޑުކަމުގެ ދުވަސްވަރުގައި ޓެކް ކުންފުނިތަކުގެ ބިލިއަނަރުންނަށް ވަނީ ބޮޑު ފައިދާއެއް ހޯދައިފައެވެ.

ވޮޝިންޓަން ރިޕޯޓުގައިވާ ގޮތުން އެމެރިކާގެ ޓެކް ބިލިއަނަރުންނަށް ވަނީ ބަލިމަޑުކަމުގެ ތެރޭގައި 360 ބިލިއަން ޑޮލަރު ފާއިތުވި އަހަރު ލިބިފައެވެ.

އެމެޒަންގެ ފައުންޑާ، ޖެފް ބެޒޮސް ވަނީ ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމަށް ބެލެވިފައިވާ ޓެސްލާ ސީއީއޯ އެލޮން މަސްކް އާއި ވާދަކޮށް އެތައް ބިލިއަން ޑޮލަރެއްގެ ފައިދާ އެއް ހޯދައި ކުރިއަށް އަރައިފައެވެ.

ފޭސްބުކްގެ ފައުންޑާ، މާކް ޒުކާބާގް އެކަނިވެސް ވަނީ 100 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައިވެއެވެ. ގޫގުލްގެ ފައުންޑާ ކަމަށްވާ ލެރީ ޕޭޖް އާއި ސާގޭ ބްރައިން ވަނީ ދެމީހުންނަށް އެއްކޮށް 65 ބިލިއަން ޑޮލަރު ހޯދާފައިއެވެ.

ވޮޝިންޓަން ރިޕޯޓުގައިވާ ގޮތުން އެޕަލް އިން ފާއިތުވި އަހަރު ވަނީ ދެ ޓްރިއަލް ޑޮލަރު ހޯދައި އެ ކުންފުނީގެ ސީއީއޯ، ޓިމް ކުކް ބިލިއަނަރަކަށް ހަދައިފައެވެ.

ބަލިމަޑުކަމުގެ ތެރޭގައި އިންޓަނޭޝަނަން އުދުހުންތައްވެސް މަދުވިއިރު އޭރުވެސް އެމެޒަން ފަދަ އޮންލައިން ވިޔަފާރިތަކުން މީހުން ދިޔައީ ވިޔަފާރި ކުރަމުންނެވެ. އުދުހުންތައް މަދުވުމުގެ ސަބަބުން ބައެއް ފަރާތްތައް ގަންނަ މުދަލަށް ބޮޑު އަދަދަކުން ލާރި ދައްކަން ޖެހުނު އިރު އެމެޒަން އަށް ދިޔައީ ބޮޑު ފައިދާއެއް ވަމުންނެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ވެގެން ދިޔައީ ބައެއް ގައުމުތަކުގެ އިގްތިސާދު އިނދެ ޖައްސާލި ބަލިމަޑު ކަމަކަށެވެ. އަދި ބައެއް ވިޔަފާރިތައް އެއްކޮށް ހުއްޓުނު އިރު ބައެއް ފަރާތްތައް ދިޔައީ އާދަޔާ ހިލާފަށް މުއްސަނދި ވަމުންނެވެ.