މި ސީޒަން ނިމުމުން ވެސްޓްހަމް ދޫކޮށްލަން އެ ޓީމުގެ ކޯޗު ޑޭވިޑް މޮޔެސް ނިންމައިފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ 9 ވަނައިގައި މިވަގުތު އޮތް ވެސްޓްހަމް ޔުނައިޓެޑްގެ ކޯޗް ޑޭވިޑް މޮޔެސް މި ސީޒަން ނިމުމުން އެ ޓީމު ދީކޮށްލާނެކަން ވެސްޓްހަމްގެ މެނޭޖުމެންޓުންވަނީ ކަށަވަރުކޮށްދީފައެވެ. ޕްރިމިއަރ ލީގުގައި ވެސްޓްހަމްގެ ފަރާތުން ދައް ކުޅުމެއް ފެނިގެންދާތީ ސަޕޯޓަރުންގެ ފަރާތުން ފާޑުކިއުން އަމާޒުވެފައި ވަނިކޮށް އިއްޔެ ޗެލްސީ އާއި ދެކޮޅަށް ވެސްޓްހަމް ކުޅުނު މެޗު 0-5 ގެ ނަތީޖާ އަކުން ބަލިވުމާއި އެކު އެ ޓީމުގެ ކޯޗު ޑޭވިޑް މޮޔެސް އަށް ވަނީ އިތުރު ޕްރެޝާ އަކާ ކުރިމަތިވެފައެވެ.

2019 ވަނަ އަހަރު ވެސްޓްހަމް އާއި ހަވާލުވި މޮޔެސް ބުނި ގޮތުގައި އޭނާ ޓީމާއި ހަވާލުވިއިރު ޓީމު އޮތް ހާލަތަށްވުރެ މިހާރު ޓީމު ވަރުގަދަ ވާނެ ކަމަށެވެ. އެހެން ނަމަވެސް މި ސީޒަން ނިމުމުން އެ ޓީމުގައި މަޑުކުރަން ބޭނުން ނުވާކަމަށް މޮޔެސް ވަނީ ބުނެފައެވެ.

ސޮކޮޑްލޭންޑަށް އުފަން ޑޭވިޑް މޮޔެސް 2019 ވަނަ އަހަރު އެ ޓީމާ ހަވަލުވެ މިވީ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި މިދިޔަ ސީޒަންގައި ވެސްޓްހަމް އަށް ވަނީ ޔޫރަޕާ ކޮންފަރެންސް ލީގުގެ ތަށި އެ ޓިމަށް ކާމިޔާބުކޮށްދީފައެވެ. މިއީ ވޭތުވެދިޔަ 43 އަހަރު ދުވަހުގެ ތެރޭގައި ބޮޑު މުބާރާތެއްގެ ތަށި އެ ޓީމަށް ލިބުނު ފުރަތަމަ ފަހަރެވެ.

އުމުރުން 61 އހަރުގެ ޑޭވިޑް މޮޔެސް ވެސްޓްހަމް ޔުނައިޓެޑް އަށް ކޯޗުކަން ކޮށްދޭތާ 4 އަހަރުވެފައި ވާއިރު އެންމެ ފަހުން އެ ޓީމުން ކުޅުނު 10 މެޗުގެ ތެރެއިން އެ ޓިމު މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. މި 10 މެޗުގެ ތެރެއިން 5 މެޗުން އެ ޓީމު ބަލިވެފައިވާއިރު އިނގިރޭސި ޕްރިމިއަރ ލީގުގައި ކުޅުނު 36 މެޗުން ލިބުނު 49 ޕޮއިންޓާއިއެކު ވެސްޓްހަމް ޔުނައިޓެޑް މިވަގުތު އޮތީ ޓޭބަލްގެ 9 ވަނައިގައެވެ.

މި ސީޒަން ނިމުމުން ވެސްޓްހަމް ދޫކޮށްލާނެކަން މިހާރު އެ ޓީމުގެ ކޯޗު ޑޭވިޑް މޮޔެސް ހާމަކޮށްފައިވާއިރު، މީޑިއާ ރިޕޯޓްތައް ބުނާގޮތުން ވެސްޓް ހަމްގެ ކޯޗުކަމާއި ހަވާލުވުމަށް ކުރީގެ ވޮލްވްސް ގެ ކޯޗު ޖޫލިއަން ލޮޕެޓެގު ވަނީ އެއްބަސްވެފައެވެ.