މަޝްހޫރު ފުޓްބޯޅަކުޅުންތެރިޔާ ޑޭވިޑް ބެކަމް އަާއި އަނބިމީހާ އަދި ލަވަކިޔުންތެރިޔާ ވިކްޓޯރިއާ ބެކަމްއަކީ އެތައް ބައެއްގެ ސަމާލުކަން ލިބިފައިވާ ދެމަފިރިންނެވެ. 1999 ވަނަ އަހަރު ތެރޭގައި ކައިވެނި ކުރި މި ދެމަފިރިންނަށް މިހާރު ހަތަރު ދަރިން ލިބިފައި ވެއެވެ. މި ދެ މީހުންނަކީ މީސް މީޑިއާގެ ބޮޑު ސަމާލުކަމެއް ލިބޭ ތަރިން ތަކަކަށް މި ދެ މީހުން ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުންދިޔަ ފަހަރެއްގައި ދިމާވި ކަމެއް އެނގޭ ހެއްޔެވެ؟.

އެއީ 2013 ވަނަ އަހަރު ޑިސެމްބަހު މަހުގެ ފަހުކޮޅެވެ. ކޮންމެ އަހަރެއްގެ ފަހުކޮޅަކީ މުއްސަނދިންނާއި، އެކި ގައުމުތަކަށް ނިސްބަތްވާ މަޝްހޫރު ތަރިން ރާއްޖެ އަންނަ ދުވަސްވަރެވެ.

މި ދުވަސްވަރުގައި އެ އަހަރު ބެކަމް އާއި ވިކްޓޯރިއާ އަދި އެ މީހުންގެ އެއިރު ތިބި ބްރޫކްލިން، ރޯމިއާ އަދި ކުރިއިޒްވެސް ރާއްޖެ އައެވެ. އެ މީހުން ރާއްޖެ އައިސް ތިބީ ރާއްޖޭގެ އެންމެ މަގްބޫލު އެއް ރިސޯޓް ކަމަށްވާ ވަން އެންޑް އޮންލީ ރީތި ރަށުގައެވެ.

ބެކަމްގެ އެ ދަތުރުގައި ދިމާވި ކަމަކާއި ގުޅޭގޮތުން ބޭރުގެ މީޑިއާއަކުން އެއިރު ރިޕޯޓްކޮށްފައިވާގޮތުގައި، އެ ދަތުރު ގޮސްގެން އުޅުނު ދުވަސްވަރު، އެ މީހުންގެ ޗުއްޓީއަށް "ހިޔަނި"އެޅިގެން ދިޔައީ އެ ރިސޯޓްގެ ޖެޓީ ސަރަހައްދުގެ ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނުމުން ކަމަށެވެ. އެ ނޫހުގައި މި މީހުންނަށް އެ މަންޒަރު ފެނުނު ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެއެވެ.

އެ ނޫހުގައި ވަނީ މިކަން ހިނގާދިޔައިރު، އެ ރިސޯޓްގައި އެންމެ މުއްސަނދި ގެސްޓުންވެސް ތިބި ކަމަށެވެ. އޭގެ ތެރޭގައި ރަޝިއާގެ ބިލިއަނަރުންނާއި، މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންވެސް ހިމެނޭ ކަމަށް ވެއެވެ.

ރާއްޖޭގެ ފުލުހުންނާއި ހަވާލާދީ އެ ނޫހުން ރިޕޯޓްކޮށްފައިވާގޮތުން، މަރުވެފައި އޮއްވާ ފެނުނު އެ މީހާ އަކީ ސްރީލަންކާއަށް ނިސްބަތްވާ މީހެކެވެ. އަދި އެއީ އެ ރިސޯޓުގެ ގެސްޓެއް އަދި މުވައްޒަފެއްވެސް ނޫން ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެ ނޫހުން ރިޕޯޓްކޮށްފައިވާގޮތުގައި ބެކަމް އާއި ވިކްޓޯރިއާ ރާއްޖެ އައި އޭގެ ކުރީ އަހަރުވެސް ރާއްޖެ އައެވެ. އެފަހަރު އެ މީހުންގެ ޗުއްޓީއަށް ހިޔަނި އެޅިގެން ދިޔައީ ގަދަ ވިއްސާރައެވެ.