ފަޤީރުންނަށާއި ފުދުންތެރިކަން ނެތް މީހުންނަށް، އަގުހެޔޮކޮށް ފިލްމު ބެލޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް، ޚާއްޞަ ސިނަމާތަކެއް ހުޅުވުމަށް ނިންމާފައިވާ ކަމަށް، ބޮލީވުޑުގެ މަޝްހޫރު ބަޠަލް، ސަލްމާން ޚާން ބުނެފިއެވެ.

ސަލްމާން ބުނެފައިވަނީ މިއީ، އޭނާ އެތައް ދުވަހެއް ވަންދެން ދެކެމުން އައި ހުވަފެނެއްކަމަށެވެ. އެހެންނަމަވެސް، މިކަން ކުރުމުގައި ލަސްތަކެއް ކުރިމަތިވެފައިވަނީ، މިކަން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުމަށް، އެތައް ގޮތަކުން ރާވާ، ވިސްނަން ޖެހޭތީއެވެ.

އޭނާ ބުނެފައިވާ ގޮތުގައި، އޭނާގެ އިސްނެގުމުގެ ދަށުން ހުޅުވާ ސިނަމާތަކުން ޓިކެޓު ވިއްކާނީ ސަބްސިޑީ އަގެއްގައި، އެއްވެސް ޓެކްސް އަކާ ނުލައިކަމަށެވެ. ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ ބައި ދައްކާނީ އޭނާގެ ފަރާތުންނެވެ. އަދި، ބައިމަދު ނަސްލުތަކުގެ ކުޑަކުދިންނަށް، ހިލޭ ޓިކެޓު ލިބޭނޭ އިންތިޒާމެއްވެސް ހަމަޖައްސާނެކަމަށް އޭނާ ބުނެފައިވެއެވެ.

ބައެއް މީޑިޔާތަކަށް މައުލޫމާތު ދެމުން ސަލްމާން ބުނެފައިވަނީ، އަގުހެޔޮކޮށް ފިލްމު ބެލޭގޮތަށް ހުޅުވާނީ އެންމެ ސިނަމާއެއް ނޫންކަމަށާއި، ގަސްދުކުރަނީ ސިނަމާ ޗެއިން އެއް ހުޅުވުމަށްކަމަށެވެ. އަދި، މި ތަންތަން ހުޅުވާނީ މުމްބާއީގެ ރަށް ބޭރު ސަރަޙައްދުގައިކަމަށްވެސް ބުނެފައިވެއެވެ.

އެކްޓްކުރުމުގެ އިތުރުން ފިލްމު ޕްރޮޑިއުސް ކުރުމާއި ޑިސްޓްރިބިއުޓް ކުރުމުގައިވެސް ހަރަކާތްތެރިވާ ސަލްމާންވަނީ މިހާރު މިކަމާ ގުޅިގެން ބައެއް ޕްރޮޑިއުސަރުންނާއި ފިލްމު ކުންފިތަކާވެސް މަޝްވަރާކޮށްފައެވެ.