ކެރީބިއަންގައި އޮންނަ އެސްޓީ ވިންސެންޓް ނަމަކަށް ކިޔާ ގައުމުގައި އޮންނަ ލާ ސައުފްރައިސް އަށް އަންނަނީ ވަރަށް ބޮޑު ބިރުވެރިކަމެއް ކުރިމަތިވަމުންނެވެ. ލާ ސައުފްރައިސްގެ އަލިފާން ފަރުބަދައެއް ގޮވަން އަންނަނީ ތައްޔާރުވަމުންނެވެ. ޖަޒީރާ ރަށެއް ކަމަށްވާ ލާ ސައުފްރައިސްގެ އަލިފާން ފަރުބަދަ ގޮވުމާއިއެކު މުޅި ރަށަށް އަލިފާން ފައިބަން ފަށާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ނަމަވެސް އެރަށުގެ މީހުން ރައްކާތެރި ސަރަހައްދަކަށް ބަދަލު ކުރަން ރަށަށް ކައިރި ކުރާ ކްރޫޒް ޝިޕްތަކަށް އެރޭނީ ހަމައެކަނި ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖަހާފައިވާ މީހުންނަށް ކަމަށް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

ޔުނިވަސިޓީ އޮފް ވެސްޓް އިންޑީސްގެ ތަޖުރިބާކާރެއް ކަމަށްވާ ޖޯސެފް ވިދާޅުވީ އަލިފާން ފަރުބަދައިގެ ހަރަކާތްތައް ހުރި ގޮތައް ބަލާއިރު ވަރަށް ވަރުގަދަ ގޮވުމަކާއިއެކު މުޅި ރަށުގެ ހުރިހާ އެއްޗެއް ސުންނާފަތި ވެގެން ހިނގައިދާނެ ކަމަށެވެ. "އެހެންވެ އަޅުގަނޑުމެން ލަފާދެވީ ވީއެންމެ އަވަހަކަށް ރަށުގެ އެންމެން ރަށުން ބޭލުމަށް." ޖޯސެފް ވިދާޅުވިއެވެ.

16000 ވަރަކަށް މީހުން އަލިފާން ފަރުބަދައިގެ އަސަރު ކުރާ ހިސާބުގައި ދިރިއުޅެމުން އެބަދެއެވެ. ނަމަވެސް އެމީހުންގެ ތެރެއިން ވެކްސިން ނުޖަހާ މީހުންނަށް ރައްކާތެރި ސަރަހައްދުތަކަށް ދިއުމުގެ ހުއްދަ ސަރުކާރުން ނުދޭތީ އެތައް ބައެއްގެ ފުރާނަ ވަނީ ނުރައްކަލަށް ހުށަހެޅިފައެވެ.

ބޮޑުވަޒީރު ރަލްފް ގޮންސްލޭވްސް ވިދާޅުވީ ރައްކާތެރި ސަރަހައްދުތަކަށް ދިއުމަށް ކްރޫޒް ޝިޕްތަކަށް އެރޭނީ ވެކްސިން ޖަހާފައިވާ މީހުންނަށް ކަމަށާއި ވެކްސިން ނުޖަހާ އެއްވެސް މީހަކަށް ކްރޫޒް ޝިޕަކަށް ނޭރޭނެ ކަމަށެވެ.

އަލިފާން ފަރުބަދަ ގޮވުމުގެ ކުރިން މިހާރު ވެސް ކޮންވެސް ވަރަކަށް ފަރުބަދައިން އަންނަނީ އަލިފާން ފައިބަމުންނެވެ. އަދި މުޅި ސަރަހައްދުގައި ވަނީ ދުން ބޯވެފައެވެ.

ކިޔުންތެރިންގެ ހިޔާލު